Roadha Mihaaru

ޕްރިމިއާ ލީގުގެ ބާކީ މެޗުތައް ކުޅޭނީ ކޮން އުސޫލަކުން؟

ލަންޑަން (މެއި 3) - ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ ނުކުޅެ ހުރި ހުރިހާ މެޗެއް ސަޕޯޓަރުން ނުވައްދައި 10 ދަނޑެއްގައި ކުޅޭގޮތަށް ލީގުގެ ބޯޑުން ކްލަބްތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕްރިމިއާ ލީގުގެ ބާކީ މެޗުތައް ކުޅޭނީ ކޮން އުސޫލަކުން؟
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

03 މެއި 2020

ލަންޑަން (މެއި 3) - ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ ނުކުޅެ ހުރި ހުރިހާ މެޗެއް ސަޕޯޓަރުން ނުވައްދައި 10 ދަނޑެއްގައި ކުޅޭގޮތަށް ލީގުގެ ބޯޑުން ކްލަބްތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ޕްރިމިއާ ލީގުގެ 20 ކްލަބުން އިއްތިފާގުވެ މި ސީޒަން ފުރިހަމަކުރަން ވަނީ އަމާޒުހިފައިފަ އެވެ. އެ ގޮތަށް ނިންމީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ލީގުތައް ކެންސަލްކުރަމުން އަންނާތީ އެވެ. ކޮވިޑް-19 ގެ ސަބަބުން ހުއްޓާލާފައިވާ އިނގިރޭސި ފުޓްބޯޅަ ސީޒަން ފުރިހަމަ ނުކުރެވިއްޖެނަމަ ލިބޭ ގެއްލުން 1.25 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެ އެވެ. މީގެ ސަބަބުން ބައެއް ކްލަބްތައް ބަނގުރޫޓުވެދާނެ ކަމުގެ ބިރު ވެސް އޮތް ކަމަށް ބައެއް ކްލަބްތަކުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ސީޒަނުގައި ޕްރިމިއާ ލީގުގައި ބާކީ ނުކުޅެ އޮތް 92 މެޗު ކުރިއަށްގެންދާނެ ގޮތަކާ މެދު އެފްއޭ އިން ކްލަބްތަކާ މަޝްވަރާކުރިއިރު، ފުރަތަމަ ހުށަހެޅީ ހުރިހާ މެޗެއް އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅޭށެވެ. އެކަމަކު އެ ހުށަހެޅުމާ އެއްގޮތަށް ކުރިއަށްދެވެން ނެތީ އެއް ދަނޑެއްގައި ހުރިހާ މެޗެއް ކުޅޭއިރު، ދަނޑު ބެލެހެއްޓުމުގައި ދަތިތަކެއް ހުންނާނެތީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕްރިމިއާ ލީގުން މިހާރު ހުށަހަޅާފައިވަނީ ތަފާތު 10 ދަނޑެއްގައި މެޗުތައް ކުޅޭށެވެ. އެ ދަނޑުތައް އިހުތިޔާރުކުރުމުގައި ގޮތެއް ނިންމާނީ ކްލަބްތަކުންނެވެ. މި ގޮތަށް ކުރިއަށްދާއިރު އެއްވެސް ޓީމަކަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި މެޗެއް ކުޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ބްރައިޓަންގެ ޗީފް އެގްޒެކްޓިވް ޕޯލް ބާބާ ބުނީ ދެން އެއްވެސް މެޗެއް އަމިއްލަ ދަނޑުގައި ކުޅެލުމުގެ ފުރުސަތު ނުލިބޭގޮތަށް މި ފަހަރުގެ ލީގު ކުރިއަށްގެންދާނަމަ އެއީ އަންނާނެ ހުސްކަމެއް ކަމަށާއި އެހެން ނަމަވެސް މި ކަހަލަ ހާދިސާއެއްގެ ވަގުތުގައި އާ ނޯމަލެއްގެ ތެރޭގައި މަސައްކަތްކުރާއިރު މިއީ ވެސް ލީގު ނިންމަން ޖެހިދާނެ ގޮތެއް ކަމަށެވެ.

ބާކީ މެޗުތައް ޗައިނާގައި ބާއްވަން ވެސް ވާހަކަތަކެއް ދެކެވުނެވެ. އެކަމަކު ގިނަ ކްލަބްތަކުން އެ ހިޔާލާ ދެކޮޅެވެ. އެހެން ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޮސްޓްރޭލިއާގެ ޕާތުގައި ޕްރިމިއާ ލީގު ކުޅުމުގެ ހިޔާލަށް ބައެއް ކްލަބްތަކުން ތާއީދުކުރެ އެވެ.

ފްރާންސާއި ނެދަލެންޑްސް އިން ލީގު ކެންސަލްކުރީ ސެޕްޓެމްބަރު މަހާ ހަމައަށް މީހުން އެއްވެ އުޅޭގޮތަށް އެއްވެސް ހަރަކާތެއް ކުރިއަށްނުގެންދެވޭނެ ކަމަށް އެ ދެ ގައުމުގެ ސަރުކާރުން ނިންމުމުންނެވެ. ނެދަލެންޑްސް އިން ޗެމްޕިއަނެއް ކަނޑަނާޅައި ސީޒަން ނިންމާލިއިރު، ފްރެންޗް ލީގުން ވަނީ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑަކާ އެކު އޮތް ޕީއެސްޖީ އަށް ޗެމްޕިއަންކަން ދީފަ އެވެ. އެކަމަކު އެ ލީގުން ޔޫރަޕުގެ ޖާގައެއް ކެޓި ލިޔޯނުން ވަނީ ލީގު ފުރިހަމަ ނުކުރުމުން އެ ޓީމުގެ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާން ނިންމައިފަ އެވެ.

ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ ހަ ޕޮއިންޓެވެ. ލީގު ފުރިހަމަ ނުކުރެވުނަސް ލިވަޕޫލުން މިހާރު އޮތް ލީޑަށް ބަލާއިރު އެ ޓީމަށް ތަށި ދޭން ހައްގުވާ ކަމަށް ބުނެ ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އަލުން ޕްރިމިއާ ލީގު ކުޅުން ފަށަން މަސައްކަތްކުރަމުން އަންނައިރު މިހާރު އޮތް ހާލަތުގައި މެޗުތައް ކުޅެން ނިސްބަތުން ގިނަ ކުޅުންތެރިންތަކެއް ޖެހިލުންވާ ކަމަށް މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ ވަނީ ބުނެފަ އެވެ.

މެޗުތައް ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޗެލްސީގެ ކުރީގެ ޑޮކްޓަރު އެވާ ކާނޭރޯ ބުނީ ހަމައެކަނި ޓެސްޓްކުރުމަކުން ނުފުދޭނެ ކަމަށާއި ޓްރެއިނިން އާއި އެހެނިހެން ކަންތައްތަކުގައި ވެސް ސަމާލުވާން ޖެހޭނެ ކަމަށާއި ކޮވިޑް-19 ގެ އެންމެ ކޭސް އެއް ކުޅުންތެރިންގެ ތެރެއިން ފެނުމާ އެކު ހުރިހާ ކަމެއް ގޯސް ވުމުގެ ބޮޑު ފުރުސަތެއް އެބައޮތް ކަމަށެވެ.