Roadha Mihaaru
ރޫނީ އަށް ޑާބީ ސަލާމަތެއް ނުކުރެވުނު، ފުލަމް ކުރިއަށް

ރޫނީ އަށް ޑާބީ ސަލާމަތެއް ނުކުރެވުނު، ފުލަމް އަނެއްކާވެސް ޕްރިމިއާ ލީގަށް

20 އެޕްރީލް 2022

ލަންޑަން (އޭޕްރީލް 20) - އިނގިރޭސި ވިލާތުގެ ކުރީގެ ފޯވާޑް ވޭން ރޫނީގެ ކޯޗުކަމުގައި ކުޅެމުން އަންނަ ކްލަބް ޑާބީ ކައުންޓީ ލީގު ވަން (ތިންވަނަ ޑިވިޝަން) އަށް ރެލިގޭޓްވެ، ފަސް ސީޒަންގެ ތެރެއިން ތިން ވަނަ ފަހަރަށް ފުލަމް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރީލް 20) - އިނގިރޭސި ވިލާތުގެ ކުރީގެ ފޯވާޑް ވޭން ރޫނީގެ ކޯޗުކަމުގައި ކުޅެމުން އަންނަ ކްލަބް ޑާބީ ކައުންޓީ ލީގު ވަން (ތިންވަނަ ޑިވިޝަން) އަށް ރެލިގޭޓްވެ، ފަސް ސީޒަންގެ ތެރެއިން ތިން ވަނަ ފަހަރަށް ފުލަމް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެ އެވެ.

ފުލަމް ޕްރިމިއާ ލީގަށް ޕްރޮމޯޓްވިކަން ޔަގީންކުރީ ރޭ ކްރޭވަން ކޮޓޭޖުގައި އީއެފްއެލް ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން ލީގު) ގައި ޕްރެސްޓޮން ނޯތު އެންޑާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. އެ ޓީމުން މިހާތަނަށް 42 މެޗު ކުޅެފައިވާއިރު، އެއްވަނައިގައި އޮތީ 86 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތީ 77 ޕޮއިންޓް ހޯދާފައިވާ ބޯންމައުތެވެ. ފުލަމް އަށް ލީގުގައި ބާކީ ހަތަރު މެޗު އެބަ އޮތެވެ.

ރޭގެ މެޗުގައި ފުލަމް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ސާބިއާގެ ފޯވާޑް އަލެކްސަންޑަ މިޓްރޮވިޗެވެ. އޭނާ ވަނީ އީއެފްއެލް ޗެމްޕިއަންޝިޕްގައި މިހާތަނަށް 40 ލަނޑު ޖަހައިފަ އެވެ. މިއީ އީއެފްއެލް ޗެމްޕިއަންޝިޕްގެ ރެކޯޑެކެވެ.

ނަމަވެސް އިނގިރޭސި ދެވަނަ ޑިވިޝަނުގެ ސީޒަނެއްގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮންނަނީ 1993/92 ގައި ޕޯޓްސްމައުތަށް ކުޅުނު އިނގިރޭސި ފޯވާޑް ގާއި ވިޓިންހަމް އަތުގަ އެވެ. އޭނާ ވަނީ އެ ސީޒަނުގެ ދެނަވަ ޑިވިޝަން (އޭރުގެ ފުޓުބޯޅަ އެއްވަނަ ޑިވިޝަން) ގައި 42 ލަނޑު ޖަހައިފަ އެވެ.

މެޗަށް ފަހު ފުލަމްގެ ކުޅުންތެރިން މިޓްރޮވިޗް އުފުލާލައިގެން އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

މެޗަށް ފަހު ފުލަމްގެ ކުޅުންތެރިން މިޓްރޮވިޗް އުފުލާލައިގެން އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

ފުލަމްގެ އަނެއް ލަނޑު ޖަހައިދިނީ ޕޯޗުގަލްގެ ޒުވާން ވިންގާ ފަބިއޯ ކަވާލިއޯ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އަންނަ ސީޒަނުގައި ކަވާލިއޯ 19، ފެންނާނީ ލިވަޕޫލުންނެވެ.

މީގެ ކުރިން ޕްރިމިއާ ލީގުގައި އެވަޓަން އަށް ކޯޗު ކޮށްދިން ޕޯޗުގަލްގެ މާކޯ ސިލްވާގެ އިރުޝާދުގެ ދަށުން މި ސީޒަން ކުޅުނު ފުލަމް ވަނީ ލީގުގައި މިހާތަނަށް 98 ލަނޑު ޖަހައިފަ އެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު، 2002/01 ސީޒަނުގެ ދެވަނަ ޑިވިޝަނުގައި 108 ގޯލު ޖަހައިގެން މެންޗެސްޓާ ސިޓީ ހެދި ރެކޯޑް މުގުރާލުމުގެ ފުރުސަތު ވެސް ފުލަމް އަށް އަދި އެބަ އޮތެވެ.

މި އަހަރުގެ ޖެނުއަރީގައި ފުލަމް ކުޅުނު ފުރަތަމަ ތިން މެޗުން 19 ލަނޑު ޖަހިއިރު އެ ޓީމު ވަނީ އިނގިރޭސި ފުޓުބޯޅައިގެ ތާރީހުން ވެސް ޖާގަ ހޯދައިފަ އެވެ. ފުލަމް އަކީ ވޭތުވެދިޔަ 88 އަހަރު ތެރޭ ޖެހިޖެހިގެން ތިން މެޗުގައި މަދުވެގެން ހަ ލަނޑު ހަމަކުރި ފުރަތަމަ އިނގިރޭސި ކްލަބަށެވެ.

ފުލަމް އަށް ކުޅުނު ގޯލްކީޕަރު މާކް ޝްވާޒާ އާއި ފޯވާޑް ޑިމިޓާ ބާބަޓޯވް 2014/13 ސީޒަނުގައި ޓީމު ދޫކޮށްލުމާ އެކު، ޗެމްޕިއަންޝިޕަށް ރެލިގޭޓްވި ޓީމު އަލުން ޕްރިމިއާ ލީގަށް ކޮލިފައިވީ 2018 ވަނަ އަހަރުގެ ޕްލޭއޮފް ކާމިޔާބު ކޮށްގެންނެވެ. އަލުން ޕްރިމިއާ ލީގަށް އައިސް ވެސް ރެލިގޭޓްވުމުން ފުލަމް ވަނީ ސްކޮޓް ޕާކާގެ ކޯޗު ކަމުގައި ޗެމްޕިއަންޝިޕް ޕްލޭއޮފް ކާމިޔާބުކޮށް، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގަށް ކޮލިފައިވެފަ އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ވެސް އެ ޓީމަށް ރެލިގޭޝަނުން ސަލާމަތެއް ނުވި އެވެ. ރެލިގޭޓް ވުމުން މި ސީޒަން ފެށުމުގެ ކުރިން ޕާކާ ވަނީ ފުލަމް ދޫކޮށް، ބޯންމައުތާ ހަވާލުވެފަ އެވެ.

ޑާބީ އެންމެ ފަހުން ލީގުގައި ކިއުޕީއާރާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޯޗު ރޫނީ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި.-- ފޮޓޯ: ގެޓީ އިމޭޖަސް

ޑާބީ އެންމެ ފަހުން ލީގުގައި ކިއުޕީއާރާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޯޗު ރޫނީ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި.-- ފޮޓޯ: ގެޓީ އިމޭޖަސް

އީއެފްއެލް ޗެމްޕިއަންޝިޕްގައި އެންމެ ފަހުން ކިއުޕީއާރު އަތުން 1-0 އިން ބަލިވި މެޗަށް ފަހު ޑާބީ ކައުންޓީ، އީއެފްއެލް ތިންވަނަ ޑިވިޝަނަށް ރެލިގޭޓްވިކަން ވަނީ ޔަގީންވެފަ އެވެ. ލީގުގައި ބާކީ ތިން މެޗު އޮއްވައި އެޑްމިނިސްޓްރޭޝަނުގައި އޮތް ޑާބީ އޮތީ 24 ޓީމު ވާދަކުރާ ލީގުގެ 23 ވަނައިގަ އެވެ.

އެޑްމިނިސްޓްްރޭޝަނަށް ދިޔުމާ އެކު އީއެފްއެލް އިން ވަނީ ޑާބީ ކައުންޓީ އަތުން 21 ޕޮއިންޓް އުނިކޮށްފަ އެވެ. ލީގުގެ އަށްވަނަ ހަފްތާގައި، 12 ވަނައިގައި އޮތް ޑާބީ އަތުން 12 ޕޮއިންޓް އުނިކުރުމާ އެކު ލީގުގެ ފުލަށް އެ ޓީމު ވެއްޓުނެވެ. އަދި މާލީ ސަބަބުތަކަކާ ހުރެ ފަހުން ވަނީ އިތުރަށް ނުވަ ޕޮއިންޓް އުނިކޮށްފަ އެވެ. ޕޮއިންޓުތައް އުނި ނުކުރި ނަމަ ޑާބީ މި ވަގުތު އޮންނާނީ ލީގު 17 ވަނައިގައި، ރެލިގޭޝަން ޒޯނަށް ވުރެ 11 ޕޮއިންޓް ކުރީގަ އެވެ. ޑާބީ ވަނީ މިހާތަނަށް 13 މެޗުން މޮޅުވެ 13 މެޗު އެއްވަރު ވެސް ކޮށްފަ އެވެ.

އެމެރިކާގެ ޑީސީ ޔުނައިޓެޑާ އެކު ހެދި ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އޮއްވައި މިދިޔަ ސީޒަނުގައި ރޫނީ ޑާބީއާ ގުޅުނީ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ޑާބީގެ ކޯޗު، މަގާމުން ވަކި ކުރުމާ އެކު ރޫނީ ވަނީ ޕްލޭއާ ކޯޗެއްގެ ގޮތުގައި އެޓީމުގެ ވަގުތީ ކޯޗިން ޓީމުގައި ހަރަކާތްތެރިވެފަ އެވެ. ފަހުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކުޅުންތެރިންގެ ލިސްޓުން އޭނާގެ ނަން ކަނޑާލައި، ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ނަގައި ރޫނީ ވަނީ މާލީގޮތުން ބޮޑު ވެއްޓުމެއްގެ ތެރޭގައި އޮތް ކުލަބު ރެލިގޭޝަނުން ސަލާމަތް ކޮށްދީފަ އެވެ.

މި ސީޒަން ކުރިޔަށް ދަނިކޮށް ގިނަ ޕޮއިންޓްތަކެއް އުނި ކުރުމުގެ ސަބަބުން، 1986 ވަނަ އަހަރަށް ފަހު ޑާބީ ފުރަތަމަ ފަހަރަށް ތިންވަނަ ޑިވިޝަނަށް ރެލިގޭޓްވި ނަމަވެސް، ޑާބީގެ ސަޕޯޓަރުން ވަނީ ރޫނީ އެ ކުލަބުގައި ކުރި މަސައްކަތަށް ތައުރީފް ކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް ނުވަތަ އެވަޓަން އަށް ކޮންމެވެސް ދުވަހަކުން ކޯޗު ކޮށްދޭން ބޭނުންވާކަން ހާމަކޮށްފައިވާ ރޫނީ ގެންނަން މި ސީޒަނުގައި އެވަޓަން އިން މަސައްކަތް ކުރި އެވެ. ނަމަވެސް ކޯޗިންގެ ޅަފަތުގެ ދުވަސްތައް ގުނަމުންދާ ރޫނީ ނިންމީ ޑާބީގައި މަޑުކުރާށެވެ.

މީގެ އިތުރުން ކިއުޕީއާރު މެޗުން ބަލިވެ، ރެލިގޭޝަން ޔަގީންވުމާ އެކު ވެސް، ރޫނީ ވަނީ އަންނަ ސީޒަނުގައި ވެސް އެޓީމުގެ ކޯޗުކަމުގައި މަޑުކުރާނެކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި ޑާބީއާ އަލަށް ހަވާލުވާން އުޅޭ އެމެރިކާގެ ވިޔަފާރިވެރިޔާ ކްރިސް ކީޝްނާ ވެސް ވަނީ އަންނަ ސީޒަނުގައި ރޫނީ އެޓީމުގެ ކޯޗުކަމުގައި ބަހައްޓަން ޝައުގުވެރިވާކަން ފާޅުކޮށްފަ އެވެ.

މިހާތަނަށް ހަތް ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅެފައިވާ ޑާބީ އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނީ 2008/07 ސީޒަނުގަ އެވެ. އެ ސީޒަނުގައި ޓީމު ރެލިގޭޓްވީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ސީޒަނެއްގައި ޓީމަކުން ނެރުނު އެންމެ ދަށް ނަތީޖާއާ އެކު އެވެ. އެންމެ މެޗަކުން މޮޅުވި އިރު މުޅިއަކު އެއްކުރެވުނީ 11 ޕޮއިންޓެވެ.