Roadha Mihaaru

ބްރުނޯ މިފަހަރު ޕެނަލްޓީ ކާމިޔާބުކޮށް ޔުނައިޓެޑަށް ފުރަތަމަ މޮޅު ހޯދައި ދީފި

މެންޗެސްޓާ (އޮގަސްޓް 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެޗުގެ އެންމެ ފަހު ވަގުތު ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ކާމިޔާބު ކޮށްދިން ޕެނަލްޓީން 3-2 އިން ބާންލީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ފަހު ވަގުތުގެ ޕެނަލްޓީން ޔުނައިޓެޑަށް ފުރަތަމަ މޮޅު

މެންޗެސްޓާ (އޮގަސްޓް 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެޗުގެ އެންމެ ފަހު ވަގުތު ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ކާމިޔާބު ކޮށްދިން ޕެނަލްޓީން 3-2 އިން ބާންލީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ބާޏްލީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލަކުން ފުރަތަމަ ހާފު ޔުނައިޓެޑް ނިންމާލީ ލީޑުގަ އެވެ. މެޗުގެ 55 ވަނަ މިނިޓުގައި ލައިލް ފޮސްޓާ ބާންލީ އަށް ނަތީޖާ އެއްވަރު ކޮށްދިިނެވެ. އޭގެ ދެ މިނިޓު ފަހުން ބްރަޔަން އެމްބާމޯ ވަނީ ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. އޭގެ ނުވަ މިނިޓު ފަހުން ބާންލީއަށް ދެވަނަ ފަހަރަށް އެއްވަރު ކޮށްދިނީ ޖައިޑަން އެންތޮނީ އެވެ.

ޔުނައިޓެޑް މޮޅު ކޮށްދިން ގޯލު ފެނާންޑޭޒް ޖެހީ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަ ވަނަ މިނިޓުގަ އެވެ. މިއީ އަމަޑް ޑިއާލޯ އަށް ފައުލް ކޮށްގެން ޔުނައިޓެޑަށް ދިން ޕެނަލްޓީއެކެވެ. އެންމެ ފަހުން ޔުނައިޓެޑް ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ ފެނަންޑޭޒް އަތުން ވަނީ ނާކާމިޔާބު ވެފަ އެވެ.

އެމްބުއެމޯ (ވ-2) ޔުނައިޓެޑަށް މިރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އެމްބުއެމޯ (ވ-2) ޔުނައިޓެޑަށް މިރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލީގުގެ ފުރަތަމަ ދެ މެޗުން ޔުނައިޓެޑަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެންމެ ފަހުން އެ ޓީމު ވަނީ އިނގިރޭސި ލީގް ކަޕްގެ ދެވަނަ ބުރުގެ މެޗުން ހަތަރުވަނަ ޑިވިޝަންގެ ކްލަބެއް އަތުން ބަލިވެގެން މުބާރާތުން ކަޓައިފަ އެވެ. ނަމަވެސް މި މޮޅާ އެކު ޓީމުން މިވަނީ އިތުބާރު ހޯދައިފަ އެވެ.

"ޔުނައިޓެޑްގެ ކޮންމެ ސަޕޯޓަރެއް ހެން އަހަރެން ވެސް ހުރީ ވަރަށް ނުތަނަވަސް ވެފަ، އަހަރެމެންނަށް ގޯލު ޖަހާނެ މާ ގިނަ ފުރުސަތު ލިބުނު، މާ ގިނަ ފުރުސަތު ތަނަވަސް ވެސް ކުރި. މިއަދު ނިމުނީ އިންސާފުވެރިކޮށް، މޮޅަށް ކުޅުނީ އަހަރެމެން،" މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުންޏެވެ.

ލީގް ކަޕް މެޗުގައި ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި އަންޑްރޭ އޮނާނާ މި މެޗަށް ބެންޗަށް ބަދަލު ކުރި އެވެ. އަދި އެ މެޗުގައި ފުރަތަމަ 11 އިން ފުރުސަތު ދިން ފޯވާޑް ބެންޖަމިން ސެސްކޯ ވެސް މެޗު ފެށީ ބެންޗުންނެވެ. ސެސްކޯ އެރުވީ ފަހު ވިއްސަކަށް މިނިޓަށެވެ. ޔުނައިޓެޑުން 98 މިލިއަން ޑޮލަރަށް ގެނައި ސެސްކޯ އަދި މިހާތަނަށް ކުޅުނު ތިން ލީގު މެޗުގައި ވެސް ފެށީ ބެންޗުންނެވެ.

މިހާތަނަށް ކުޅުނު ތިން މެޗުން ޔުނައިޓެޑް ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. އަދި މި ސީޒަންގައި ޕްރޮމޯޓްވި ބާންލީ ވަނީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ.

ޔުނައިޓެޑަށް ލީގުގައި ދެން އެންމެ އަވަހަށް، ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ އޮތީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށް ފަހު 20 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނެ އެވެ.