Roadha Mihaaru

ޔުނައިޓެޑުގެ އާ ފޯވާޑުންނާ އެކު ވެސް އާސެނަލް އަތްދަށުވެއްޖެ

މެންޗެސްޓާ (އޮގަސްޓް 17) - މެންޗެސްޓާ ޔުނައިޓެޑުން އާ ސީޒަނަށް ބޮޑު އަގު ދީފައި ގެނައި ތިން ފޯވާޑުންނާ އެކު ވެސް ލަނޑެއް ނުޖެހި، ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އާސެނަލް އަތުން 1-0 އިން ބަލިވެއްޖެ އެވެ.

ޔުނައިޓެޑްގެ އާ ފޯވާޑުންނާއެކު އާސެނަލް އަތްދަށުވެއްޖެ

މެންޗެސްޓާ (އޮގަސްޓް 17) - މެންޗެސްޓާ ޔުނައިޓެޑުން އާ ސީޒަނަށް ބޮޑު އަގު ދީފައި ގެނައި ތިން ފޯވާޑުންނާ އެކު ވެސް ލަނޑެއް ނުޖެހި، ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އާސެނަލް އަތުން 1-0 އިން ބަލިވެއްޖެ އެވެ.

ވުލްވްސް އިން ގެނައި މެތިއަސް ކުންޔާ އާއި ބްރެންޓްފޯޑުން ގެނައި ބްރަޔަން އެމްބުއެމޯ މިރޭގެ މެޗުގައި ސްޓާޓް ކުރި އިރު، ކޯޗު ރުބެން އަމޯރިމް ވަނީ އާރުބީ ލައިޕްޒިގުން ގެނައި ބެންޖަމިން ސްސްކޯ ދެވަނަ ހާފުގައި ކުޅެން އަރުވައިފަ އެވެ. ގޯލެއް ނުޖެހުނު ނަމަވެސް އެމްބުއެމޯ ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ޔުނައިޓެޑުން ވަނީ މި ތިން ކުޅުންތެރިންނަށް މި ޓްރާންސްފާ ބާޒާރުގައި 262.7 މިލިއަން ޑޮލަރު (192.8 މިލިއަން ޕައުންޑް) ހަރަދު ކޮށްފަ އެވެ.

ޔުނައިޓެޑްގެ ސެސްކޯ (ކ)، އެމްބުއެމޯ (މ) އަދި ކުންޔާ (ވ).--

ޔުނައިޓެޑްގެ ސެސްކޯ (ކ)، އެމްބުއެމޯ (މ) އަދި ކުންޔާ (ވ).--

އާސެނަލް ލަނޑު ޖެހީ މެޗުގެ 13 ވަނަ މިނިޓުގަ އެވެ. ޑެކްލަން ރައިސް ކޯނަރަކުން ނަގައިދިން ބޯޅަ، ޔުނައިޓެޑްގެ ގޯލްކީޕަރު އަލްޓޭ ބަޔެންޑިއޭ އަތުގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް ބޮލުން ގޯލުތެރަށް ފޮނުވާލީ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ އެވެ.

ޔުނައިޓެޑް ވަނީ ކަލަފިއޯރީގެ ގޯލަށް ފަހު ނަތީޖާ އެއްވަރުކުރުމާ ގާތަށް ޖެހިލައިފަ އެވެ. ނަމަވެސް ޕެޓްރިކް ޑޯރޫގެ ހަމަލާގެ ހުރަހަކަށް ވީ ގޯލުގެ ދަނޑި އެވެ.

ޔުނައިޓެޑުގެ ގޯލްކީޕަރު އަންޑްރޭ އޮނާނާ އަށް މެޗުން ފުރުސަތު ނުލިބުނީ އޭނާ އަނިޔާގައި ހުރެގެން ނޫން ކަމަށް ކޯޗު އަމޯރިމް ވަނީ މެޗު ފެށުމުގެ ކުރިން މީޑީއާގައި ހާމަ ކޮށްފަ އެވެ. އޭނާ ބުނީ ފުރަތަމަ 11 އިން ފުރުސަތު ދިނީ ޕްރީސީޒަންގައި އެންމެ ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކުޅުންތެރިންނަށް ކަމަށެވެ.

މެޗަށް ފަހު އަމޯރިމް ވަނީ، ނަތީޖާއާ މެދު ދެރަވި ނަމަވެސް ކުޅުންތެރިންގެ ހިތްވަރަށް ތައުރީފް ކޮށްފަ އެވެ. އަދި އޭނާ ވަނީ ޔުނައިޓެޑްގެ ފަރާތުން ކުރިއަށް ވުރެ ހަލުވި، މޮޅު ކުޅުމެއް ފެނުނުކަން ފާހަގަ ކޮށްފަ އެވެ.

އާސެނަލްގެ ޔޯކެރޭސް ބޮލުން ހަމަލާއެއް ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ޔޯކެރޭސް ބޮލުން ހަމަލާއެއް ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

"އަހަރެމެން މެޗުތަކުން މޮޅުވާން އެބަ ޖެހޭ. އެކަމަކު މި މެޗަކީ ނިމުނު ސީޒަނާ ބަލާފަ ތަފާތު މެޗެއް،" ޔުނައިޓެޑްގެ ކުޅުމަށް ތައުރީފް ކުރަމުން އަމޯރިން ބުންޏެވެ.

ޔުނައިޓެޑުން މި މެޗުގައި ޖުމްލަ 22 ހަމަލާ ފޮނުވާލާފައިވެ އެވެ. އަދި އާސެނަލް ވަނީ ނުވާ ހަމަލާ ފޮނުވާލައިފަ އެވެ. ކުންޔާ އާއި އެމްބުއެމޯ އަދި ސެސްކޯ، ތިން ކުޅުންތެރިން ޖުމްލަ 11 ހަމަލާ ފޮނުވާލި އިރު، އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ ވަނީ މެޗުގައި ހަތް ހަމަލާއެއް ދިފާއު ކޮށްފަ އެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ މި މެޗުގައި، އެ ޓީމުން 55 މިލިއަން ޕައުންޑް ދީފައި ގެނައި ވިކްޓާ ޔޯކެރޭސް ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. ދެވަނަ ހާފުގައި އޭނާ ބޭލި ވަގުތު، 48.5 މިލިއަން ޕައުންޑް ދީފައި ގެނައި ނޮނީ މަޑުއެކޭ ވެސް ކުޅެން އެރުވި އެވެ. ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވި އެވެ.

މެޗު ނިމެނިކޮށް ބުކަޔޯ ސަކާ ހުރަސްކޮށްލި ބޯޅަ ވެސް މަޑުއެކޭ އަށް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.