Roadha Mihaaru
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓް މަހު؟

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓް މަހު؟

01 މެއި 2020

ކޮވިޑް-19 ފެތުރޭތީ މިހާރު އޮތް ހާލަތުގައި، ކުރިން ރޭވި ގޮތަށް އަންނަ މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށޭނެ ކަމަށާއި އެކަމަކު އޮގަސްޓް މަހު ލަސްވެގެން ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކޮވިޑް-19 ފެތުރޭތީ މިހާރު އޮތް ހާލަތުގައި، ކުރިން ރޭވި ގޮތަށް އަންނަ މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށޭނެ ކަމަށާއި އެކަމަކު އޮގަސްޓް މަހު ލަސްވެގެން ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެފްއޭއެމުން ވަނީ މިިދިޔަ ސީޒަނުގެ ފަހު ދެ މުބާރާތް ކެންސަލްކޮށް އަވަހަށް ސީޒަން ނިންމާލައިފަ އެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރޭތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެފްއޭއެމުން ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފަ އެވެ.

ކުރިން މަޝްވަރާކުރެވިފައި އޮތް ގޮތަށް ބަލާއިރު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން ޝެޑިއުލްކުރީ އަންނަ މަހަށެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީވެ، ސިއްހީ މާހިރުންގެ ދޭ ލަފާތަކަށް ބެލުމަށް ފަހު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޖޫން މަހު ފުޓްބޯޅަ ސީޒަން ނުފަށާނެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ މަސައްކަތްކުރަނީ ކްލަބްތަކަށް ވެސް ފަސޭހަވާނެ ގޮތަށް ކަމަށާއި އެ ގޮތަށް ބަލާއިރު ފުޓްބޯޅަ ސީޒަން ފެށެން އޮތީ މިހާރު އޮތް ކޮވިޑް-19ގެ މި އުނދަގޫ ހާލަތުން އަރައިގަނެގެން ކަމަށެވެ.

"މިހާރު އޮތް ގޮތުން ބަލާއިރު ސީޒަން ފެށޭނެ ކަމަށް މި ބަލަނީ އޮގަސްޓް މަހު. އެއީ ވެސް އެއްކޮށް ޔަގީންވެފައި އޮތް ކަމެއް ނޫން. ލޮކްޑައުންއެއްގައި އޮތީމަ ކްލަބްތަކާ ވާހަކަ ދައްކައިގެން ނިންމަން ޖެހޭ ކަންތައްތައް އޮތީ މަޑުޖެހިފައި،" ޖަވާ ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ޖޫން މަހު ފުޓްބޯޅަ ސީޒަނެއް ފަށައިގެން ދެ އަހަރަށް ގެންދާ އުސޫލަށް ފުރަތަމަ ފަހަރަށް ބޭއްވީ މިދިޔަ ސީޒަނުގަ އެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ފުޓްބޯޅަ ސީޒަން ކުރިއަށްގެންދާ ގޮތެވެ. އެކަމަކު ރާއްޖޭގެ ސަގާފަތާއި އެހެނިހެން ކަންތައްތައް ރޭވިފައި އޮތްގޮތަށް ބަލާއިރު މި ގޮތަށް ލީގު ބޭއްވުމުގައި ހުރަސްތަކެއް ހުރިކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.

މިދިޔަ ފެބްރުއަރީ މަހު އެފްއޭއެމުން ބައެއް ކޯޗުންނާ އެކު ބޭއްވި ބައްދަލުވުން.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގެ ކަންތައްތައް ކަނޑައެޅުމުގައި ރާއްޖޭގެ އެކި ކޯޗުންނާ އެކު މިދިޔަ ފެބްރުއަރީ މަހު ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން، ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)، ޓީސީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަދި ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި އަލީ ނިސްތާރު މުހައްމަދު ވަނީ ބައިވެރިވެފަ އެވެ.

ދާދި ފަހުން ބައްސާމް އާންމުކުރެއްވި ބަޔާނެއްގައި ވަނީ ފުޓްބޯޅަ އާއިލާ އަށް މެސެޖެއް ދީފަ އެވެ. ބައްސާމް ވިދާޅުވީ މިދިޔަ ސީޒަން އަވަހަށް ނިންމާލަން ޖެހުނީ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިހާރު މި އޮތް ހާލަތުން އަރައިގަނެވޭނީ ހުރިހާ އެންމެން ވެސް ޕޮޒިޓިވް ވިސްނުމެއްގައި އެންމެން އެކުވެ މަސައްކަތްތަކެއްކޮށްގެންކަން ފާހަގަކުރެއްވައި ކުޅުންތެރިންނަށް ވެސް ކުޅުމަށް އެނބުރި ފުރުސަތު ލިބޭ އިރަކަށް ތައްޔާރުގައި ތިބުމަށް ގޮވާލި އެވެ.

"ރައްކާތެރިކަމުގެ މި ފިޔަވަޅުތައް ނިމޭއިރު ކުޅުންތެރިންގެ ވިސްނުމާއި ހަށިގަނޑު އެކްޓިވްކޮށް ހުރުން މުހިއްމުކަމުގައި ދެކިގެން ފިޓްކޮށް ހުރުން މުހިއްމު،" ބައްސާމް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާއިން ވަނީ އެހެން ގައުމުތަކަށް ދޭ އެހީތެރިކަން ރާއްޖެ އަށް ވެސް ފޯރުކޮށްދޭން ނިންމައިފަ އެވެ. އެފްއޭއެމުން ވަނީ ފުޓްބޯޅަ އާއިލާގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވާން އެ އިދާރާއިން ކުރެވޭނެ ކަންތައްތައް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.