Roadha Mihaaru
ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް މި ފަހަރު ދިރާގު

ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް މި ފަހަރު ދިރާގު

27 ޖޫން 2018

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ކުރިއަށް އޮތް ތިން އަހަރަށް ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ކުރިއަށް އޮތް ތިން އަހަރަށް ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި އެވެ.

ދިވެހި ލީގު، ޕްރިމިއާ ލީގުގެ ނަމަށް 2015 ވަނަ އަހަރު ބަދަލުކުރި ފަހުން މިދިޔަ ތިން އަހަރު ސްޕޮންސާކުރީ ދިރާގާ ވާދަވެރި އުރީދޫ އިންނެވެ. އެކަމަކު ދިރާގުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މުބާރާތުގެ ޓައިޓްލް ސްޕޮންސަރުކަން ނަގައިފަ އެވެ.

އެކަން އިއުލާންކުރަން އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މެދުކެނޑުމަަކަށް ފަހު ދިރާގުން އަލުން އެފްއޭއެމާ ގުޅިގެން ފުޓްބޯޅަ ކުރިއަރުވަން ބައިވެރިވުމަކީ މުޅި ފުޓްބޯޅަ އާއިލާ އަށް ލިބިގެންދިޔަ އުފާވެރިކަމެއް ކަމަށެވެ.

"މިއީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ފުޓްބޯޅަ އާއިލާ އަށް ލިބިގެންދިޔަ ވަރަށް އުފާވެރި ހަބަރެއް. ދިރާގާ ގުޅިގެން އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތިން އަހަރު ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ،" ބައްސާމް ވިދާޅުވި އެވެ.

ދިރާގުގެ ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އަހުމަދު މައުމޫން ވިދާޅުވީ ފުޓްބޯޅަ އަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ ގައުމީ ކުޅިވަރެއް ކަމަށްވެފައި އެފްއޭމް އާއި ގުޅިގެން ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށެވެ.

ދިރާގުގެ ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް މައުމޫން (ކ) އާއި ބައްސާމް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރާގުގެ ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް މައުމޫން (ކ) އާއި ބައްސާމް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ގެނެވުނު ބަދަލުތަކާ އެކު މިހާރު ދިވެހި ޕްރިމިއާ ލީގު މި ފެންނަނީ ވަރަށް ފޯރިގަދަ މުބާރާތެއްގެ ގޮތުގައި. ފުޓްބޯޅަ އަކީ ގައުމީ އަދި ފޯރި އޮންނަ ކުޅިވަރެއް. އަޅުގަނޑުމެން ދިރާގުގެ ފަރާތުން ބޭނުންވަނީ ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތުގައި ބައިވެރިވާން. ކުރިއަށް އޮތް ތިން އަހަރަށް އެ މަސައްކަތުގައި އަޅުގަނޑުމެންގެ ބައިވެރިވުން ވެސް ހިމެނޭނެ." މައުމޫން ވިދާޅުވި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ވާދަކުރަނީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް، މާޒިޔާ، ޓީސީ، އީގަލްސް، ވިކްޓަރީ އަދި ގްރީން ސްޓްރީޓްސްގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުން އައި ތ. ތިމަރަފުށްޓާއި ފ. ނިލަންދޫ، ށ. ފޯކައިދޫ އަދި ބ. ފެހެންދު އެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މާދަމާރޭ ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު އާއި މިނިވަން ޗެމްޕޕިއަންޝިޕްގެ ޗެމްޕިއަން ތިމަރަފުށްޓެވެ.

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ހުޅުވުމުގެ ރަސްމިއްޔާތު ފްރާންސްގެ ކުރީގެ ކެޕްޓަން މާސޭ ޑެސައިލީއާ އެކު ކުލަގަދަކޮށް ބޭއްވިއިރު، މި ފަހަރު ވެސް ލީގު ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވާނެ ކަަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެކަމަކު އެފްއޭއެމްގެ ވިސްނުން ހުރީ ހުޅުވުމުގެ ރަސްމިއްޔާތަށް ވުރެ މި ފަހަރު ލީގު ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބޭއްވުމަށެވެ.