Roadha Mihaaru
ބެލްޖިއަމްގެ ޗެމްޕިއަންކަން ބްރޫޖަށް ދޭން ފާސްކޮށްފި

ބެލްޖިއަމްގެ ޗެމްޕިއަންކަން ބްރޫޖަށް ދޭން ފާސްކޮށްފި

16 މެއި 2020

ބްރުސެލްސް (މެއި 16) – ކޮވިޑް-19 ފެތުރޭތީ ކެންސަލްކުރި ބެލްޖިއަމްގެ ޕްރޯ ލީގުގެ އެއް ވަނައިގައި އޮތް ކްލަބް ބްރޫޖަށް ތަށި ދޭން ލީގު ބޯޑުން ނިންމާފައިވާ ނިންމުން ޖެނެރަލް އެސެމްބްލީން ރަސްމީކޮށް ފާސްކޮށްދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބްރުސެލްސް (މެއި 16) – ކޮވިޑް-19 ފެތުރޭތީ ކެންސަލްކުރި ބެލްޖިއަމްގެ ޕްރޯ ލީގުގެ އެއް ވަނައިގައި އޮތް ކްލަބް ބްރޫޖަށް ތަށި ދޭން ލީގު ބޯޑުން ނިންމާފައިވާ ނިންމުން ޖެނެރަލް އެސެމްބްލީން ރަސްމީކޮށް ފާސްކޮށްދީފި އެވެ.

ކުއްލި ގޮތަކަށް ބެލްޖިއަމް ޕްރޯ ލީގުގެ ބޯޑުން ބޭއްވި ބައްދަލުވުމަށް ފަހު ނިންމީ ލީގު ކެންސަލްކޮށް ބްރޫޖަށް ތަށި ދޭށެވެ. ލީގު ނިންމާލީ 30 މެޗު ކުޅޭ ފުރަތަމަ ބުރުގެ ބާކީ އެއް މެޗު އޮއްވަ އެވެ. ލީގު ރޭވިފައިވާ ގޮތުން ފުރަތަމަ ބުރުގައި 16 ޓީމު ކުޅޭނެ އެވެ. އަދި ދެ ވަނަ ބުރަށް ހޮވޭނީ ގަދަ ހަ ޓީމެވެ. ޗެމްޕިއަންކަން ލިބޭނީ އެ ބުރުން އެއް ވަނަ ދާ ޓީމަކަށެވެ.

އެންމެ ފުރަތަމަ ލީގު ކެންސަލްކުރުމުން ކްލަބްތަކުގެ ކޯޅުން ބޮޑުވެ، ޔުއެފާގެ ލަފައެއް ހޯދައި ލީގާ މެދު ގޮތެއް ކަނޑައަޅަން ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމި އެވެ. ޔުއެފާއާ އެކު ވެސް ބޭއްވުނު މަޝްވަރާތަކަށް ފަހު އެންމެ ފަހުން ލީގު ކެންސަލްކުރުމުގެ ވޯޓަކަށް ޖެނެރަލް އެސެމްބްލީގައި އެހީ އެވެ. ތިން ވަނަ ފަހަރަށް ކުރެވުނު މަސައްކަތުން ވޯޓުން ކާމިޔާބުވެ، މިހާރު ބްރޫޖަކީ މި ސީޒަނުގެ ޗެމްޕިއަންގެ ގޮތުގައި ފާސްކުރަން ނިންމީ އެވެ.

ބްރޫޖަށް ތަށި ދޭން ނިންމި އެންމެ ބޮޑު ސަބަބަކީ އެއް ވަނައިގައި އެ ޓީމު އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކު ކަމަށް ވުމުންނެވެ. ދެ ވަނައިގައި އޮތީ ގެންޓް އެވެ. މި ދެ ޓީމަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ދީފަ އެވެ. ޔޫރޮޕާ ލީގަށް ހޮވުނީ ޗާލްރޯއި އާއި ރޯޔަލް އެންޓްވާްޕް އަދި ސްޓެންޑާޑް ލީޖް އެވެ. ރެލިގޭޓްވީ ވޯސްލެންޑް އެވެ.

ބެލްޖިއަމްގެ އިތުރުން ޔޫރަޕްގައި ލީގު ކުރިއަށް ނުގެންދެވިގެން ކެންސަލްކުރީ ނެެދަލެންޑްސް އާއި ފްރާންސް އަދި ލަގްޒެމްބާގް އެވެ. ފްރާންސްގައި ލީގު ކެންސަލްކޮށް އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ވަނީ ޗެމްޕިއަންކަން ދީފަ އެވެ. އެކަމަކު ނެދަލެންޑްސްގައި ލީގު ނިންމާލީ ޗެމްޕިއަނެއް ކަނޑަނާޅަ އެވެ.

ބެލްޖިއަމްގައި މީހުން އެއްވެ އުޅެ ކުރިއަށްދާ ހަރަކާތްތައް ބޭއްވުމުގެ ހުއްދަ އެންމެ އަވަހަށް ވެސް ލިބޭނީ އޮގަސްޓް 31 އަށް ފަހު ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.