Roadha Mihaaru

ވިކްޓަރީ އެނބުރި އައުން، ބުރު ކައިރިން ބޮޑު ބައްޔެއް

ހަ އަހަރުގެ މެދުކަނޑުމަކަށް ފަހު އަލުން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަން ފެށި ވިކްޓަރީން އެނބުރި އައި މެޗުގައި ބުރު ސްޕޯޓްސް އަތުން 5-0 ގެ ނަތީޖާއަކުން ބޮޑު ބައްޔެއް ކުރިމަތިވެއްޖެ އެވެ.

ވިކްޓަރީ އެނބުރި އައުން، ބުރު ކައިރިން ބޮޑު ބައްޔެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

20 ސެޕްޓެމްބަރ 2025

ހަ އަހަރުގެ މެދުކަނޑުމަކަށް ފަހު އަލުން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަން ފެށި ވިކްޓަރީން އެނބުރި އައި މެޗުގައި ބުރު ސްޕޯޓްސް އަތުން 5-0 ގެ ނަތީޖާއަކުން ބޮޑު ބައްޔެއް ކުރިމަތިވެއްޖެ އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލާގައި އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ވިކްޓަރީ ސަސްޕެންޑް ކުރީ 2019 ގަ އެވެ. ދިވެހި ލީގުގެ ވިކަހިސާބަކުން އެ ޓީމު ސަސްޕެންޑް ކުރުމުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި އެވެ.

އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށް ވިކްޓަރީން އަލުން ޕްރިމއާ ލީގާ ކުރިމަތިލިއިރު، އެ ޓީމު އޮތީ ބަދަލުވެފަ އެވެ.

ދެވަނަ ޑިވިޝަނުގައި ކުޅުނު އިރު އޮތް އިންތިޒާމުތަކެއް ވެސް އެ ކްލަބްގައި ނެތެވެ. އޭޕްރީލްގައި ސީޒަން ފަށަން އެފްއޭއެމުން ކުރިން އިއުލާން ކުރުމުން، މުހައްމަދު އާތިފް (އާތީ) ގެ ކޯޗުކަމުގެދަށުން ޕްރެކްޓިސް ފެށި އެވެ. ފީފާއިން އަންގައިގެން ލީގު ފަސް ކުރުމުން ވިކްޓަރީން ވެސް މަސައްކަތް ހުއްޓާލި އެވެ.

އަލުން ލީގު ފެށިއިރު އެ ޓީމުގެ ހާލަތު އޮތީ ބަދަލުވެފަ އެވެ.

ކްލަބް އިންތިހާބުކުރަން ޖެހޭ މަރުހަލާއެއްގައި އޮތް އިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް ވިކްޓަރީގެ ހިންގުމާ ހަވާލުވާން އުޅޭ ކަމުގެ އަޑުތައް ވެސް އޮތީ ފެތުރިފަ އެވެ.

އޭޕްރީލުގައި ސީޒަން ފަށާނެކަމަށް ވިކްޓަރީން ލަންކާގެ ކީޕަރު ކަވީޝް ވެސް ސޮއި ކުރިވި އެވެ. އެކަމަކު ލީގުގެ ފުރަތަމަ މެޗަށް ނުކުތް އިރު އެ ޓީމުގައި ބިދޭސީ އެއްވެސް ކުޅުންތެރިޔެއް ނެތެވެ.

ޓީމުގެ ގޯލް ބެލެހެއްޓީ ގައުމީ ޓީމުގެ ތިންވަނަ ކީޕަރު މުހައްމަދު ޔާމީން އެވެ.

އޭނާ ބެލެހެއްޓި ގޯލް، މެޗުގެ އަށްވަނަ މިނެޓްގައި ބުރު ސްޕޯޓްސްއިން ފޫއަޅުވާލި އެވެ. އެ ގޯލާކީ އެ ޓީމު އަބްދުﷲ ޖުނައިދު (ޖޭންނޭ) ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ގޮލޯޒޯއިންނެވެ.

ވިކްޓަރީގެ ހާފުގެ ތެރެއިން ޖޭންނޭ އަށް ދިން ބޯޅަ ބާރު ސްޕީޑްގައި އޭނާ ގޯލަށް ފޮނުވާލީ ގޯލް ދަނޑި ކައިރިން ތިރިތިރިންނެވެ. ކީޕަރު ޔާމީން އަށް އެ ބޯޅަ ދިފާއުކުރުމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 25 ވަނަ މިނެޓްގައި ޖެހީ ހަޖްސަން ޑިއާޒް އެވެ.

ފުރަތަމަ ހާފުގައި ބުރަށް ޕެނަލްޓީއެއް ވެސް ލިބުނެ އެވެ. އެކަމަކު އެ ޕެނަލްޓީ ގޯލަށް ވައްދާލެވޭ ގޮތެއް ނުވި އެވެ.

ދެވަނަ ހާފު ފަށައިގެން ވިކްޓަރީން ރަނގަޅަށް ފެށި އެވެ. އެކަމަކު އެ ޓެމްޕޯގައި ރަނގަޅަށް ހިފަހައްޓައެއް ނުލެވުނެވެ.

ބުރުގެ އަނެއް ތިން ލަނޑުގެ ތެރެއިން ފަހު ދެ ލަނޑު ޖެހީ ދެވަނާ ހާފުގެ އިތުރު ވަގުތުތެރޭގަ އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު 74 ވަނަ މިނެޓްގައި ޖެހީ ހަޖްސަން ޑިއާޒް އެވެ. އިތުރު ވަގުތުގައި ފަހު ދެ ލަނޑު ޖެހީ މުހައްމަދު ނާއިމް އާއި ޒުވާން ފޯވާޑް އަޒްހަދު މުހައްމަދު ޒާހިދެވެ.