Roadha Mihaaru
ކާރިސާގެ މައުލޫމާތު ފޮނުވާ ވަސީލަތްތަކެއް ގާއިމްކޮށްފި

ކާރިސާތަކާ ގުޅޭ މައުލޫމާތު ފޯރުވައިދޭ ދެ ވަސީލަތެއް ގާއިމްކޮށްފި

13 އޮކްޓޯބަރ 2016

ކާރިސާތަކަށް ތައްޔާރުވުމާ ގުޅޭގޮތުން ކާރިސާގެ ވަގުތުގައި އެކަމާ ބެހޭ މައުލޫމާތު ކަމާބެހޭ އިދާރާތަކާއި އާންމުންނަށް ފޯރުކޮށްދޭ ދެ ވަސީލަތެއް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ)ން މިއަދު ތައާރަފްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކާރިސާތަކަށް ތައްޔާރުވުމާ ގުޅޭގޮތުން ކާރިސާގެ ވަގުތުގައި އެކަމާ ބެހޭ މައުލޫމާތު ކަމާބެހޭ އިދާރާތަކާއި އާންމުންނަށް ފޯރުކޮށްދޭ ދެ ވަސީލަތެއް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ)ން މިއަދު ތައާރަފްކޮށްފި އެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި، "ކުރި" އަދި "ދަންދާނަ" ނަމުގައި ތައާރަފްކުރި ދެ ހިދުމަތުގައި ވެސް އަވަހަށް އަދި ގިނަ ބަޔަކަށް މައުލޫމާތު ފޮނުވާނެ އެވެ.

މި ދެ ވަސީލަތުގެ ތެރެއިން "ކުރި" އަކީ ކުއްލި ހާލަތްތަކުގައި ގުޅަންޖެހޭ ނަންބަރުތަކާއި ކާރިސާގެ ކަންކަން ރިޕޯޓު ކުރާނެ ފޯމުތަކާއި އަދި އެހީ ފޯރުކޮށްދޭނެ މިންގަނޑު ހިމަނާފައިވެ އެވެ. މި ނިޒާމު ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ކައުންސިލްތަކަށް ފޮނުވާނެ އެވެ. މި ވަސީލަތް މެދުވެރިކޮށް، ކާރިސާއެއް ދިމާވާ ހިނދު ކަންތައްތައް ކުރަންވީގޮތް ގޮތްތަކާއި އެކަމުގެ މައުލޫމާތު ހިމެނޭ ސޮފްޓް އަދި ހާޑު ކޮޕީ ކައުންސިލްތަކަށް ފޮނުވާނެ އެވެ.

"ދަންދާނަ" އަކީ ދުރާލާ އިންޒާރުދެވޭ މެސެޖުތައް ގިނަ ބަޔަކަށް ގެނެސްދިނުމަށް ގާއިމްކޮށްފައިވާ ހިދުމަތެކެވެ. މި ހިދުމަތް ބޭނުންކުރަނީ ވޯލްޑް މީޓިއޮރޮލޮޖިކަލް ސާވިސް އިން ގަބޫލުކުރާ ކޮމަން އެލާޓިން ޕްރޮޓޮކޯލް (ކެޕް)، ކެޕް މެސެޖު ބޭނުންކޮށްގެން މުވާސަލާތީ އެކި ވަސީލަތްތަކަށް އެއްފަހަރާ އެލާޓިން މެސެޖު ފޮނުވޭނެ ގޮތަށެވެ. ދަންދާނަ ހިދުމަތް ފަށާއިރު އެއްފަހަރާ 500 މީހުންނަށް، މެއިލް، އެސްއެމްއެސް އަދި އިންޓަނެޓް މެދުވެރިކޮށް އެލާޓިން މެސެޖު ފޮނުވޭނެ އެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިއަދު ތައާރަފް ކުރި ދެ ވަސީލަތަކީ ވެސް ވަރަށް މުހިއްމު އަދި ބޭނުންތެރި ދެ ވަސީލަތެއް ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ ދުވަސްވަރެއްގައި މިފަދަ ވަސީލަތްތައް ގާއިމްކުރުމުގެ ބޭނުންތެރިކަން މުހިންމު ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީހުންގެ އަމަލުތަކުގެ ސަބަބުން ވެސް ހާދިސާތައް ވެސް ދިމާވާ ކަމަށާއި އަދި އެކަންތައްތައް ރިޕޯޓުކުރުމުގައި މީޑިއާތައް ރަނގަޅު ގޮތުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ.