Roadha Mihaaru

ޔަމަނުގެ ހޫތީންގެ އަމާޒުތަކަށް އެމެރިކާ އިން ވެސް ވައިގެ ހަމަލާދީފި

ވޮޝިންޓަން (އޮކްޓޯބަރު 13) - ޔަމަނުގެ ހޫތީންގެ ތިން ރާޑަރު ސައިޓަކަށް އެމެރިކާ އިން ވައިގެ ހަމަލާދީފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

ހޫތީންގެ އަމާޒުތަކަށް އެމެރިކާ އިން ވައިގެ ހަމަލާދީފި
ހަސަން އާމިރު
ހަސަން އާމިރު

13 އޮކްޓޯބަރ 2016

ވޮޝިންޓަން (އޮކްޓޯބަރު 13) - ޔަމަނުގެ ހޫތީންގެ ތިން ރާޑަރު ސައިޓަކަށް އެމެރިކާ އިން ވައިގެ ހަމަލާދީފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

މިއީ ޔަމަނުގެ ސަރުކާރު ވައްޓާލުމަށް ފަހު ވެރިކަން ކުރަމުންދާ ހޫތީންނާ ދެކޮޅަށް އެމެރިކާ އިން ސީދާ ވައިގެ ހަމަލާދިން ފުރަތަމަ ފަހަރެވެ. ހޫތީން މި ހަފުތާގައި ވަނީ އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް މިސައިލް ހަމަލާދީފަ އެވެ.

ހޫތީން ކޮންޓްރޯލް ކުރާ ސަރަހައްދަށް އެމެރިކާ އިން ވައިގެ ހަމަލާދީފައި ވަނީ ރައީސް ބަރަކް އޮބާމާގެ ހުއްދައާ އެކު އެވެ. ހަމަލާދީފައި ވަނީ އެމެރިކާގެ މަނަވަރަކުން ޓޮމަހޫކް ކްރޫޒް މިސައިލުންނެވެ.

"އެމެރިކާގެ ވައިގެ ހަމަލާތަކުގައި ހޫތީންގެ ރާޑަރު ސައިޓްތައް ވަނީ އެކުގައި ހަލާކުކޮށްލެވިފައި،" ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޕީޓާ ކުކް ވިދާޅުވި އެވެ. "މިއީ އެމެރިކާ ސިފައިންނާއި މަނަވަރުތަކުގެ ދިފާއުގައި ދިން ހަމަލާތަކެއް."

އެމެރިކާ އިން ހަމަލާދިން ރާޑަރު ސައިޓްތަކަކީ އެމެރިކާގެ މަނަވަރުތަކަށް ހަމަލާ ދިނުމަށް ހޫތީން ބޭނުންކުރި ތަންތަން ކަމަށްވެ އެވެ. ހޫތީން ދިން މިސައިލް ހަމަލާތައް އެމެރިކާގެ މަނަވަރަށް އެރުމުގެ ބަދަލުގައި ވެއްޓިފައި ވަނީ ކަނޑަށެވެ.

ޕެންޓަގަންގެ ތަރުޖަމާން ވިދާޅުވީ ރެޑް ސީގައި އެމެރިކާގެ ކޮންމެ މަނަވަރަކަށް އަމާޒުކޮށްދޭ ހަމަލާގެ ރައްދު ދޭނެ ކަމަށެވެ.

ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު އަށް ވަފާތެރި ހޫތީންނާ ދެކޮޅަށް ވައިގެ ހަމަލާދޭ ސައުދީ ކޯލީޝަނަށް އެމެރިކާ އިން އެއްބާރުލުން ދިން ނަމަވެސް މީގެ ކުރިން ހޫތީންނަށް އަމާޒުކޮށް އެމެރިކާ އިން ވައިގެ ހަމަލާދީފައެއް ނުވެ އެވެ. ހޫތީންގެ ދާޚިލީ ވަޒީރުގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނިކޮށް ހޮނިހިރު ކޯލީޝަނުން ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ 140 މީހުން ވަނީ މަރުވެފަ އެވެ. މި ހަމަލާއާ މެދު އެމެރިކާ ވަނީ ހިތްހަމަނުޖެހިފަ އެވެ. އަދި ވަނީ ކޯލީޝަނަށް ދޭ އެއްބާރުލުން ކުޑަކުރާނެ ކަމަށް ބުނެފަ އެވެ.

ޔަމަނުގެ ވެރިރަށް ސަންއާ އަށް ހޫތީން ވެރިވެގަނެ ރައީސް އަބްދުއްރައްބޫ މަންސޫރު ހާދީގެ ސަރުކާރު ވައްޓާލީ ސެޕްޓެމްބަރު 2014 ގަ އެވެ. ޔަމަނުގެ ހަނގުރާމައިގައި މިހާތަނަށް ވަނީ 6،700 މީހުން މަރުވެފަ އެވެ. އަދި މިދިޔަ އަހަރުގެ މާޗު މަހު ކޯލީޝަނުން ވައިގެ ހަމަލާތައް ދޭން ފެށި ފަހުން ތިން މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.