08 އެޕްރީލް 2020
އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދެވުމަށް ފަހު، މިދިޔަ ތިން ދުވަހު ވެސް ކަސްޓަމްސްގެ އިސްވެރިޔާ، އަހްމަދު ނުއުމާން، 47، ހުންނެވީ ހެޔޮހާލުކޮޅުގަ އެވެ. މީގެ ހައެއްކަ މަސް ކުރިން އިންޑިއާ އަށް ވަޑައިގަތީ، ސީރިއަސް އޮޕަރޭޝަނަކަށެވެ. އެކަމަކު، އޭގެ ކުރިން ކުރިމަތިވެވަޑައިގަތް ސިއްހީ އެހެން މައްސަލައެއްގައި، ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތީ އެވެ.
އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދެވުމަށް ފަހު، މިދިޔަ ތިން ދުވަހު ވެސް ކަސްޓަމްސްގެ އިސްވެރިޔާ، އަހްމަދު ނުއުމާން، 47، ހުންނެވީ ހެޔޮހާލުކޮޅުގަ އެވެ. މީގެ ހައެއްކަ މަސް ކުރިން އިންޑިއާ އަށް ވަޑައިގަތީ، ސީރިއަސް އޮޕަރޭޝަނަކަށެވެ. އެކަމަކު، އޭގެ ކުރިން ކުރިމަތިވެވަޑައިގަތް ސިއްހީ އެހެން މައްސަލައެއްގައި، ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތީ އެވެ.
"އެ ފަރުވާ އަށް ފަހު ވެސް ހާލު ހަމަ ރަނގަޅު. ވަރަށް ހަމަޖެހިފައި ދެތިން ދުވަހު ހުންނެވީ. ކުއްލި އަކަށް އިއްޔެ ހާލު ގޯސްވެގެން ފަރުވާ ދެނިކޮށް އަވަހާރަވީ،" ނުއުމާންގެ ވަރަށް ގާތް މީހަކު ބުންޏެވެ.
ނުއުމާނަށް ކުރިމަތިވެވަޑައިގަތް ސިއްހީ ހާލަތު ނުހިމެނީ، އާއިލާގެ އެދުމަކަށެވެ. ފުރަތަމަ ދުވަހު ވެސް އާލާސްކަންފުޅުގެ ވާހަކަ ތިލަ ކުރައްވަން ނުއުމާން ވެސް ބޭނުންފުޅެއް ނޫނެވެ.
ކަސްޓަމްސްއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވައި ނުއުމާން އެއްބަސްވުން ބަދަލުކުރައްވަނީ. --ފޮޓޯ/މިހާރު
ވަރަށް ޒުވާން އުމުރުގައި ނުއުމާން ވަކިވުމަކީ އާއިލާ އާއި ގާތް މީހުންނާއި ކަސްޓަމްސްގެ މުވައްޒަފުންނަށް ވެސް ލިބުނު ފުން ހިތާމަ އެކެވެ. ގިނަ ބަޔަކު ނުއުމާން ސިފަކުރަނީ، "އެންމެންނާ ގުޅޭ، މަޑުމައިތިރި، ހިތްހެޔޮ، އުސޫލްތަކުގައި ހިފަހައްޓާ،" ބޭފުޅެއްގެ ގޮތުގަ އެވެ. ނުއުމާން ކިރިޔާ ދަންނަ މީހަކު ވެސް އޭނާއާ ބެހޭ ގޮތުން ދައްކަވަނީ އެ ވާހަކަ އެވެ.
އައްޑޫ ހިތަދޫ ޖަނަވަރީމާގޭ ނުއުމާން، ހަގު އުމުރުގައި މާލެ ބަދަލުވެވަޑައިގެން މަތީ ތައުލީމް ހާސިލްކުރެއްވީ މެލޭޝިއާ އިންނެވެ. އޭނާއާ ބެހޭ ގޮތުން ވާހަކަ ދެއްކި ގާތް އެންމެން ވެސް ބުނިގޮތުގައި، ކިޔަވައި ވިދާޅުވި އިރު އަދި އޭގެ ފަހުން ސަރުކާރުގެ އެކި މަގާމްތަކުގައި ޚިދުމަތް ކުރެއްވި އިރު ވެސް ނުއުމާންގެ އެންމެ ޚާއްސަ ސިފައަކީ އިޚްލާސްތެރިވެފައި، އުސޫލްތަކުގައި ހިފެހެއްޓެވުމެވެ.
"މަޑުމައިތިރިވެފައި ވަރަށް ހިތްހެޔޮވާނެ. އެކީގައި އުޅޭ އެންމެންނަށް އަބަދުވެސް ދޭ ނަސޭހަތަކީ ދީނުގެ މަގުގައި ސާބިތުވާން. ގަބޫލުކުރައްވާ އުސޫލްތަކެއް ދޫކޮށެއް ނުލައްވާނެ،" ނުއުމާނާ އެންމެ ގާތް އެކަކު ކިޔައިދިނެވެ.
"މާލޭގައި ހުރިއްޔާ ކޮންމެ ދުވަަކު ބައްދަލުވާނެ، ދުވަހަކު ވެސް ރުޅި އައިސްފައި ހުއްޓައި ނުދެކެން. ހިތްހަމަޖެހޭ ވާހަކައެއް އެހެން މީހަކު ދެއްކިޔަސް މާ ބޮޑު ޒުވާބަކަށް ނުގޮސް ހުންނަވާނީ މަޑުން. އެކަމަކު، ފެނިވަޑައިގަންނަވާ ގޮތް ވަރަށް ސާފުކޮށް އިއްވާނެ."
ނުއުމާން: އޭނާ ވަނީ ސަރުކާރުގެ އެކި އިދާރާތަކުގައި ޚިދުމަތް ކުރައްވާފައި.
ރަހުމަތްތެރިންނަށް ނޫމާންގެ އެންމެ ޚާއްސަ ސިފައަކީ ކިތަންމެ ބިޒީކޮށް އުޅުއްވިއަސް ވަގުތު ހޯއްދަވައިގެން ބައްދަލު ކުރެއްވުމެވެ. އެންމެ ގާތްކޮށް އުޅުއްވާ އެންމެންނާ ދުވާލަކު އެއްފަހަރު ބައްދަލުކުރެއްވުމަކީ އޭނާގެ އާދައެކެވެ.
"އެ ބައްދަލުވުންތަކުގައި ވަރަށް މަޖާ ކުރައްވާނެ. މަޖާ ވާހަކަ އިސްވެ ދައްކަވާނެ. ރައްޓެހިންނާ އެކު އޮންނަ ކޮފީގައި ވެސް ވަރަށް ފެންނާނެ ނުއުމާން މަޖާކަން."
ނުއުމާން، ކަސްޓަމްސްގެ ވެރިއަކަށް ހަމަޖެއްސެވީ ޑިސެމްބަރު 11، 2018ގަ އެވެ. އޭގެ ކުރިން އޭނާ ސަރުކާރުގެ އެހެން އިދާރާތަކުގައި ވެސް ޚިދުމަތް ކުރެއްވި އެވެ.
ނުއުމާން ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ. ފެނަކައިގެ ފުރަތަމަ ޗެއާމަނަކީ ނުއުމާނެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި ވެސް ނުއުމާން މަސައްކަތް ކުރެއްވި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑިސެމްބަރު 11، 2018 ގައި ނުއުމާންއާ ހަވާލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ނުއުމާން އަވަހާރަވުމުގެ ހިތާމައިގައި ކަސްޓަމްސްގެ މައި އޮފީސް މިއަދު ވަނީ ބަންދުކޮށްފަ އެވެ. އެތަނުގައި ގިނަ ދުވަސްތަކެއްވެފައިވާ މީހުންނާއި މުވައްޒަފުން ސިފަކުރެއްވި ގޮތުގައި، މިހާތަނަށް އެތަން ހިންގެވި ވެރިންގެ ތެރެއިން ނުއުމާނަކީ "އެންމެ ރަނގަޅު ބޭފުޅާ" އެވެ. މުވައްޒަފުންނާ އަޅާލައި ބާއްވަވާ ގާތްކަމާއި، އެންމެންނާ މެދު ބަހައްޓަވާ ހަމަހަމަ އުސޫލުން މުވައްޒަފުންގެ ލޯބި ހޯއްދެވި އެވެ.
ކަސްޓަމްސްގައި 26 އަހަރު ހޭދަކުރެއްވި ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވާ ގޮތުން، އޭނާގެ ހަޔާތުގައި ކަސްޓަމްސް ހިންގުމާ ހަވާލުވެވަޑައިގެންނެވި އެންމެ ހިތްހެޔޮ، އެންމެ ރަނގަޅު ބޭފުޅަކީ ނުއުމާން އެވެ.
ކަސްޓަމްސް އަށް އަލަށް އައްޔަން ކުރެއްވި ދެ ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން ޝަރީފަށް، މަގާމުގެ ލިޔުމާއި ބެޖު، ނުއުމާން މިދިޔަ އަހަރުގެ ޖުލައި 8 ގައި ހަވާލު ކުރައްވަނީ.---ފޮޓޯ: ކަސްޓަމްސް
ނުއުމާންއާ އެކު އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނުއުމާން އަކީ އުސޫލުތަކެއްގައި ހިފެހެއްޓެވި، އިސްލާހީ މަސައްކަތުގައި ކެރިވަޑައިގެން ދެމިހުންނެވި ބޭފުޅެއް ކަމަށެވެ. އިމްރާން ވިދާޅުވި ގޮތުގައި ނުއުމާން އަކީ ދިވެހި ގައުމަށާއި އަދާލަތު ޕާޓީ އަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
އެ އިދާރާގެ އެންމެ އިސްވެރިންނާ އެކު، އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޝަރީފް ވިދާޅުވި ގޮތުގައި، ނުއުމާނަކީ މުވައްޒަފުންނާއި ކަސްޓަމްސްގެ ޚިދުމަތް ހޯދާ މީހުންގެ ހިޔާލާއި މަޝްވަރާ އަޑުއެއްސެވުމުގައި ލާމަސީލު ނަމޫނާ އެކެވެ.
"ބައްދަލުވުންތަކުގައި ވެސް އެންމެންގެ ވާހަކަ އަޑުއައްސަވާފައި ނޫނީ ކަންކަން ނުނިންމަވާ. ހުރިހާ އެންމެންގެ ވާހަކަ ދައްކަވަން ފުރުސަތު ދެއްވާނެ. އެ ކަމަކާ ދެކޮޅު، އެއްކޮޅުގެ ވާހަކަ އަށް ފުރުސަތު ދެއްވުމަށް ފަހު ނޫނީ ގޮތެއް ނުނިންމަވާކަން އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ،" ބޭސްފަރުވާ އަށް ނުއުމާން އިންޑިއާ އަށް ވަޑައިގަތުމުން ކަސްޓަމްސް ހިންގުމާ ހަވާލުވެ ހުންނެވި ޝަރީފް ވިދާޅުވި އެވެ.
ނުއުމާންގެ ފަރާތްޕުޅުން ޝަރީފަށް އެންމެ ބޮޑަށް ފާހަގަކުރެއްވުނީ ނަޒާހާތްތެރިކަމާއި، ތެދުވެރިކަމެވެ. ވަކި މީހަކު ވިދާޅުވެގެން، ވަކި ކަމެއް ކުރަން ދަށުގައި ތިބޭ މުވައްޒަފުންނަށް ނާންގަވާ ވެރިއެއްގެ ގޮތުގަ އެވެ. ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ނޫނީ އެއްވެސް ކަމެއް ނުނިންމަވާ ވެރިއެއްގެ ސިފަ ޝަރީފަށް ވަރަށް ރަނގަޅަށް ނުއުމާންގެ ކިބައިން ފެނުނެވެ.
"އަޅުގަނޑު ކަސްޓަމްސް މިވީ ދުވަހު އެހާ ވަރުގެ އިންޓެގްރިޓީ ހައި ވެރިއަކު ނުދެކެން. ސެކްޝަންތަކާއި ޑިވިޝަންތަކުގެ އިސްކޮށް އުޅެފައި އެންމެ ފަހުން ޑެޕިއުޓީ ކޮމިޝަނަރަކަށް އައިސް ސީޖީ ނުއުމާންއާ ވަރަށް ގާތުން މަސައްކަތް ކުރަން މި ޖެހުނީ. އެކަމަކު. ސެކްޝަނަށް ގުޅާފައި ވެސް ދުވަހަކު ވިދާޅެއް ނުވާނެ މިވެނި މީހަކު އަންގައިގެން މިވެނި ކަމެއް ކުރާކަށް. ވަކިން ގުޅައިގެން ކަމެއް ކުރަން ނާންގަވާ ދުވަހަކު ވެސް." ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކަސްޓަމްސްގެ އިސްވެރިއަކަށް ޝަރީފް އައްޔަން ކުރެއްވުމަށް ފަހު، އެ އިދާރާގެ ކަންކަން އިސްލާހު ކުރެއްވުމަށް ވަރަށް ގިނަ ވަގުތު ދެއްވި އެވެ. ޚާއްސަކޮށް މުވައްޒަފުންނަށް ޕްރޮމޯޝަން ހޯދައި ދިނުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ޝަރީފް ވިދާޅުވި އެވެ. "ކުރުކޮށް ބުނާ ނަމަ ސީޖީ ނުއުމާންގެ ވަރުގެ އިޚުލާސްތެރި، ތެދުވެރި، ނަޒާހަތްތެރި ބޭފުޅަކު އަޅުގަނޑުގެ ހަޔާތުގައި ވެސް ނުދެކެން. އުސޫލެއްގައި ހިފަހައްޓަވާ. ކަންކަން ރަނގަޅު ކުރެވޭތޯ ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް،" ޝަރީފް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އިސް މަގާމްތަކެއް ފުރުއްވި ނުއުމާން، އިސްލާހީ ހަރަކާތުގެ އިސް ސަފަށް ނުކުމެވަޑައިގަތީ އެ ޕާޓީގެ ރައީސް އަދި މިހާރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ޓެރަރިޒަމްގެ ހުކުމެއް އިއްވައި ޖަލަށް ހުކުމް ކުރުމުންނެވެ. އޭގެ ކުރިން ވެސް އެކި ގޮތްގޮތުން އޭނާ ވަނީ އަދާލަތު ޕާޓީ އަށް ޚިދުމަތް ކުރައްވައިފަ އެވެ.
ކުރީގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތައް (މިހާރު ވެރިކަން ކުރާ ކޯލިޝަނުން) އިސްލާހީ ހަރަކާތްތައް ރާވައި ހިންގިއިރު ނުއުމާނަކީ ބައިވެރިއެކެވެ. އަދާލަތު ޕާޓީގެ މަންދޫބެއްގެ ގޮތުގައި، ބޭރުގެ އެކި މިޝަންތަކާ ބައްދަލުކުރައްވައި ގައުމުގެ ހާލަތު ކިޔައިދެއްވި އެވެ.
އިސްލާހީ ހަރަކާތްތަކުގައި އަބަދުވެސް މަސްލަހަތަށް ލޯބިކުރެއްވި އެވެ.
"ރިޔާސީ އިންތިހާބަށް ތައްޔާރުވި އިރު އިދިކޮޅަށް ކުރިމަތިވި އެންމެ އުނދަގޫ ހާލަތްތަކުގައި ވެސް ވިސްނުންތެރިކަމާ އެކު މަސްލަހަތަށް ލޯބި ކުރައްވައި ބަސް ވިދާޅުވި،" ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވި އެވެ.
އިސްލާހީ ހަރަކާތުގެ ބައިވެރިންތަކަކާ އެކު ނުއުމާން ބައްދަލުވުމެއްގައި.
ނުއުމާނާ އެކުގައި މަސައްކަތް ކުރެއްވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް "މިހާރު" އަށް ވިދާޅުވީ "ނުއުމާން އެކުގައި ނެތް ކަން ގަބޫލުކުރަން ދަތި" ކަމަށެވެ. ޝިދާތާ ވެސް އެންމެ ފާހަގަކުރެއްވި އެއް ސިފައަކީ އުސޫލްތަކުގައި ނުއުމާން ހިފެހެއްޓެވުމެވެ. ބަދަލަކަށް ނުއުމާން، ކުރެއްވި ހިތްވަރު ގަދަ މަސައްކަތްޕުޅުގެ ފައިދާ ގިނަ ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ވަރަށް އިންޓަލެކްޗުއަލް، އިންޓެލިޖެންޓް، ހަމަޔާއި އުސޫލް ކުރިއަށް ނެރުއްވި ބޭފުޅެއް. އިސްލާހީ މަސައްކަތުގައި ބުރަކޮށް އުޅުއްވި އިޚްލާސްތެރިއެއް. އަޅުގަނޑުމެންނާ އެކު ނެތުމަކީ ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެއް،" ޝިދާތާ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ ނުއުމާނަކީ އިސްލާހީ މަސައްކަތުގައި އިޚްލާސްތެރިއެއް ކަމަށެވެ. އެންމެންނާ އެކުގައި ޖޯޝާއި ފޯރީގައި މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.
انا لله وانا اليه راجعون
— Mohamed Shifaz? (@mdpshippe) April 7, 2020
Islaahee harakaathugai Ihulaastherikamaaeku @AdhaalathOffice thamseel kurumugai joashaa foareegai masakkai koddhevi ekuveri Ahmed Nooman ah Allah suwaruge minvaru kuravvaashi. Aailaa’ah keitherikan lavvaashi. Aameen https://t.co/i6TEJORV7L
އަދަލާތު ޕާޓީގެ ހަރަކާތެއްގައި ނުއުމާން ބައިވެރިވެވަޑައިގަންނަވަނީ
ނުއުމާންއާ އެކުގައި މަސައްކަތް ކުރެއްވި، އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވި ގޮތުގައި ނުއުމާނަކީ އިސްލާހީ މަސައްކަތުގައި ނަމޫނާ ދެއްކެވި ހިތްވަރުގަދަ، ޚުލްގުހެޔޮ ބޭފުޅެކެވެ. އިސްލާހީ އެކި ބައްދަލުވުންތަކުގައި ދެ ބޭފުޅުން އެކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ފޮޓޯތައް ވެސް ނާދިރާ ވަނީ ނުއުމާންގެ ހަނދާނުގައި ޓުވިޓާގައި އާއްމުކޮށްފަ އެވެ.
Islahē Masahkathuga namoonā dhekkevi hiyvarugadha khulgu heyo akheh. Numan vakivi khabaru ehē fun hithāma aaieku. Hama Kashavarun emburi dhiun vanē Allah ge hazrathah. Aailā ah keiytherikan dhevva Numange furāna ah heyo rahumaiy lavvā suvarugeyge dhāimē niumathuga lavvashi. Āmēn pic.twitter.com/5TbRcDfZiL
— Aminath Nadira. (@a_nadraa) April 7, 2020
ދެ ދަރިކަލުންނާއި އަނބިކަނބަލަކު ހުންނެވި ނޫމާންގެ ޖަނާޒާ މާލޭގައި ބޭއްވޭތޯ އާއިލާ އިން މަސައްކަތް ކުރި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، އެކަން ފަހިވާނެ ގޮތެއް އަދި ނުވެ އެވެ.
ކަސްޓަމްސްގެ ވެރިޔާ ނުއުމާން އަވަހާރަވެއްޖެ
ޖަނާޒާގެ ކަންކަމަށް ދިން އެއްބާރުލުމަށް އިބޫގެ ޝުކުރު
ބަކާ: ރަން ޖީލުގެ މައި ތަނބެއް، ނަމޫނާ އެތުލީޓެއް
ޒައިދާން އަބަދުވެސް ދެއްކީ އެމްއެންޑީއެފަށް އޮތް ލޯބި
ބައްޕަ– އަޅުގަނޑުގެ އުސްތާޛު، އަޅުގަނޑުގެ ގަހާތަރި!
އާމިނަތު އައްބާސް ކެންސަރު ބަލީގައި އަވަހާރަވެއްޖެ
ބުޗާގޭ ދޮންމަނިކު އަވަހާރަވެއްޖެ
ހަބީބާ ހުސައިން ހަބީބު އަވަހާރަވެއްޖެ
ގިސޯސް ހިފުމަކީ އެއްވެސް ރައީސަކަށް ފަސޭހަ ކަމެއް ނޫން
މާދިހްގެ ޚިދުމަތްތަކުގެ ހަނދާން ދުވަހަކު ނުފިލާނެ