Roadha Mihaaru
ބުޗާގޭ ދޮންމަނިކު އަވަހާރަވެއްޖެ

ބުޗާގޭ ދޮންމަނިކު އަވަހާރަވެއްޖެ

25 އެޕްރީލް 2023

ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބުޗާގޭ ދޮންމަނިކު އުމުރުން 91 އަހަރުގައި ރޭ އަވަހާރަވެއްޖެ އެވެ.

ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބުޗާގޭ ދޮންމަނިކު އުމުރުން 91 އަހަރުގައި ރޭ އަވަހާރަވެއްޖެ އެވެ.

ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ މީގެ އަށް އަހަރު ކުރިން ފެށިގެން ދިރިއުޅުއްވަން ފެއްޓެވި އޮސްޓްރޭލިއާގައި ކަމަށެވެ.

ސަރުކާރުގެ އިސް މަގާމުތަކެއް ދިގު މުއްދަތަކަށް އަދާކުރައްވާފައިވާ ދޮންމަނިކު ގިނަ ބަޔަކަށް އެނގެނީ ކުރީގެ ހޯމް އެފެއާޒްގެ ދަށުން ހިންގި ފިލްމު ސެންސަރުބޯޑުގެ ޗެއާމަންގެ ގޮތުގަ އެވެ. ސަރުކާރަށް 40 އަހަރު ހިދުމަތް ކުރައްވައިގެން ދޮންމަނިކަށް ދެ ވަނަ ޕެންޝަން ލިބިވަޑައިގަތީ އެ މަގާމުގައި ހުންނަވަނިކޮށެވެ.

ދޮންމަނިކު ވަނީ މަހްކަމަތުލް އަމަންއާންމުގެ ސެކްރެޓަރީކަމާއި ތަހުގީގު ކޮމިޓީގެ ސެކްރެޓަރީކަމާއި ވުޒާރަތުއް ދާޚިލިއްޔާގެ ހާއްސަ ވަކީލުކަމާއި ޕަބްލިކް މެއިންޓެނަންސް ޑިވިޝަންގެ ވަކީލްކަމާއި ޕޯސްޓް މާސްޓަ ކަމުގެ މަގާމާއި ކޮންޓްރޯލާ އޮފް ކޮމިއުނިކަބްލް ޑިޒީޒަސް ޑިވިޝަންގެ ވަކީލް ކަމުގެ މަގާމާއި މެރިން ޑިވިޝަންގެ ވަކީލުކަން ވެސް އަދާކުރައްވައިފަ އެވެ. މީގެ އިތުރުން ރ. އަތޮޅުގެ އަތޮޅުވެރިކަން ވެސް އޭނާ ކުރެއްވި އެވެ.

އޭނާ އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވީ އޭނާ އެންމެ ފަހުން އަދާކުރެއްވި ފިލްމު ސެންސަރު ބޯޑުގެ ޗެއާމަންކަމުގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މާޗް 25، 1980 ގަ އެވެ. އެއީ އޭރު ރާއްޖެއަށް އެތެރެކުރާ ފިލްމުތައް ބަލައި، މުޖުތަމައުއަށް އެކަށީގެންނުވާ މަންޒަރުތަކާއި އަޑު ހުރި ނަަމަ އެ ބައިތައް އުނިކޮށް އަދި ފިލްމުތައް ގިންތިކުރުމުގެ މަސައްކަތްކުރި އިދާރާ އެވެ.

ދޮންމަނިކުގެ ތިން ކައިވެންޏަކަށް 22 ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އިރުތިޝާމްގެ ޓްވީޓްގައި ލިޔުއްވާފައިވާ ގޮތުގައި ބައްޕާފުޅަކީ އަބަދުވެސް އެންމެ މުހިންމީ އާއިލާ ކަމަށް ދެކެވަޑައިގެން އާއިލާގެ އުފަލަށްޓަކައި ހުރިހާ ކަމެއް ވެސް ކުރެއްވި އަދި ޚިދުމަތުގައި ތެދުވެރި ބޭފުޅެކެވެ.