04 ޖޫން 2024
ސިފައިންގެ މީހަކަށް ވުމަކީ، އެ ވަޒީފާއާ ގުޅުމާ ހަމައަށް އާއިލާގެ އެންމެ ގާތުގައި ވެސް މުހައްމަދު ޒައިދާން އަބަދު ދައްކާ ވާހަކަ އެވެ. އެންމެ ކުޑައިރުން ފެށިގެން އެ ވާހަކަ ދައްކަމުން ގޮސް އާއިލާގެ ބައެއް މީހުންނަށް އެ ހިދުމަތުގައި އުޅެން ހިތްވަރު ވެސް ދިނެވެ. ސިފައިންގެ ވަޒީފާ ދޫކޮށްލަން އުޅޭ ވާހަކަ އިވިއްޖެ ނަމަ އަމިއްލަ އަށް އިސްނަގައި އާއިލާގެ އެ މީހަކަށް ހިތްވަރު ވެސް ދީފައި އެބަހުއްޓެވެ.
ސިފައިންގެ މީހަކަށް ވުމަކީ، އެ ވަޒީފާއާ ގުޅުމާ ހަމައަށް އާއިލާގެ އެންމެ ގާތުގައި ވެސް މުހައްމަދު ޒައިދާން އަބަދު ދައްކާ ވާހަކަ އެވެ. އެންމެ ކުޑައިރުން ފެށިގެން އެ ވާހަކަ ދައްކަމުން ގޮސް އާއިލާގެ ބައެއް މީހުންނަށް އެ ހިދުމަތުގައި އުޅެން ހިތްވަރު ވެސް ދިނެވެ. ސިފައިންގެ ވަޒީފާ ދޫކޮށްލަން އުޅޭ ވާހަކަ އިވިއްޖެ ނަމަ އަމިއްލަ އަށް އިސްނަގައި އާއިލާގެ އެ މީހަކަށް ހިތްވަރު ވެސް ދީފައި އެބަހުއްޓެވެ.
ގްރޭޑް ދިހައެއް ނިމުމާއެކު އެމްއެންޑީއެފަށް ވަދެ، އާއިލާއަށް ވީޑިއޯ ކޯލް ކޮށްގެން ވެސް ޒައިދާން ދައްކަނީ އޭނާގެ މަސައްކަތެވެ. ސިފައިންގެ ހިދުމަތުގައި ދެމިހުންނަން އޭނާގެ އޮތް ޝައުގުވެރިކަމާއި ލޯތްބެވެ.
"ޒައިދާން ދައްކާ ހިތްވެގެން ދައްކަން އޮންނަނީ މުޅިން ވެސް އެ ވާހަކަ. ގިނަ ވަގުތު އުޅޭނީ ވެސް އެމްއެންޑީއެފް ޓީޝާޓް ލައިގެން،" މިޔަރެއްގެ ހަމަލާގައި ނިޔާވި ކޯޕްރަލް، ޒައިދާންއާ ބެހޭ ގޮތުން އޭނާގެ ބޮޑުބޭބެ މުހައްމަދު އަލިމަނިކު "މިހާރު" އަށް ބުންޏެވެ.
ޓްރޭނިންގައި އުޅެނިކޮށް އުމުރުން 23 އަހަރުގައި، މިޔަރެއްގެ ހަމަލާއަކުން ޒައިދާން ނިޔާވި ހަބަރަކީ އާއިލާއަށް ލިބުނު ޝޮކެކެވެ. މަންމައާ އެންމެ ފަހުން ޒައިދާންއާ ދިމާވީ ވެސް މީގެ އަހަރެއް ކުރިންނެވެ.
ކުރިއަށް މިއޮތް އީދުގައި ރަށަށް ގޮސް މަންމަ އާއި ކޮއްކޮމެންނާ އެކު ވަގުތު ހޭދަކުރަން އޭނާ އޮތީ މާކުރިން ޕްލޭން ހަދައިފަ އެވެ. އެންމެން އެކުގައި ދަތުރުދާން ވެސް އޮތީ ރާވައިފަ އެވެ.
"ޒައިދާންގެ މަންމަ ގުޅާފައި ބުނީ ޒައިދާންގެ ހާލު ވަރަށް ސީރިއަސްއޭ. ދަންނަ މީހެއް ލ. އަތޮޅުގައި އެބަހުރިހޭ. ޒައިދާންގެ ހާލެއް ބަލާލަދެވިދާނެހޭ. ކިހިނެއްވީހޭ އެހީމަ ބުނީ، ޒައިދާންއަށް މިޔަރެއް ހަމަލާދީގެންނޭ. އެމްއެންޑީއެފުން ބުނީ އެހާވަރަށޭ، އެހެންވެ ބަލާލަދީބަލާށޭ ޒައިދާންގެ ހާލެއް،" މުހައްމަދު ކިޔައިދިނެވެ.
"ދެން އަޅުގަނޑަށް ހަބަރު ލިބުނީ މަންމަ އާއި އެއް ކޮއްކޮ އިފުރު މަގުން ލ. އަތޮޅަށް ދާން އެމްއެންޑީއެފުން ގެންދިޔަ ހަބަރު. އެ ދެމައިންނަށް މާލެއާ ހަމައަށް ދެވުނުތަނާ ހަބަރު ލިބިއްޖެ ނިޔާވެއްޖެކަން."
ޒައިދާންއަށް މިޔަރު ހަމަލާދިން ގޮތުގެ ތަފްސީލް އާއިލާއަކަށް އަދި ނުލިބެ އެވެ. އެކަމަކު އާއިލާއަށް ފެނުނު ފޮޓޯތަކުން ފެނުނު ގޮތުގައި، އެ ހަމަލާގައި އޭނާގެ ދެފައިގެ ފަލަމަސްގަނޑު އޮތީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
ޒައިދާންއަކީ ތިން ފިރިހެން ކުދިން ތިބޭ އާއިލާގެ ދޮށީ ދަރިފުޅެވެ. ދާއިމީ ބައްޔަކަށް ފަރުވާކުރާ ބައްޕަގެ ބަލި ހާލަތު ހުރި ގޮތުން، އެހާ ހަގު އުމުރުގައި ހުރިހާ ޒިންމާތަކަކާ ހަވާލުވެ ހުރީ ވެސް ޒައިދާން އެވެ.
"އާއިލާއަކީ މުއްސަނދި، ނުވަތަ ކަންކަން ފޫބެއްދޭވަރުގެ ތަނަވަސްކަމެއް ހުރި އާއިލާއެއް ނޫން. އާއިލާއަށް މި ލިބުނީ ފޫނުބެއްދޭވަރުގެ ގެއްލުމެއް. ބައްޕައަކީ ބަލި މީހެއް. މަންމަ މަސައްކަތް ކޮށްގެން ކުދިން ބަލަމުން އައީ. އެހެން ހުއްޓާ މި ނިޔާވީ ތިން ކުދިންގެ ތެރެއިން އެންމެ ބޮޑަށް ދުނިޔެއަށް ލޯހުޅުވި، އާއިލާގެ ކަންކަން ހަމަޖައްސަން [އަމިއްލައަށް ހަވާލުވެ] ހުރި މެމްބަރު،" ބޮޑުބޭބެ ބުންޏެވެ،
ޒައިދާންގެ ސަންދޯކުގައި އަޅާފައި އޮތް ގައުމީ ދިދަ، އޭނާގެ އާއިލާއާ ހަވާލުކުރަނީ-- ފޮޓޯ: އުނގޫފާރު ޑޮޓް ކޮމް
"މި އަހަރު އީދަށް، އޭނަ ޓްރެއިނިން ނިންމާފައި ރަށަށް އަންނަން ވަރަށް ގިނަ ޕްލޭންތައް ހަދާފައި ހުރީ.
"ވަރަށް ބޮޑަށް ފާހަގަވޭ ގުޅައިފިއްޔާ ވީޑިއޯ ކޯލް ކުރާނެ. އޭނަ ކުރާ މަސައްކަތް ދައްކާނެ. އެމްއެންޑީއެފްގެ ކޯސްޓުގާޑާއި އެ މީހުންނަށް [އާއިލާ މީހުންނަށް] ދެއްކޭ ކަހަލަ އެއްޗެހި ދައްކާނެ. އެއީ، އޭނަ އެކަމުގައި ޝައުގުވެރިކަން ހުންނަކަން ދައްކަން ވެގެން،" މުހައްމަދު ބުންޏެވެ.
ޒައިދާންގެ ޖަނާޒާ ބޭއްވީ އިއްޔެ އަސްރު ނަމާދަށް ފަހު ރަސްމީ އިއްޒަތުގައި އޭނާގެ އުފަށް ރަށް ރ. އުނގޫފާރުގައި. -- ފޮޓޯ: އުނގޫފާރު ޑޮޓް ކޮމް
ޒައިދާންގެ ބޮޑުބޭބެ ބުނި ގޮތުގައި އާއިލާގައި ވެސް ފާހަގަވެފައި ވަނީ އެމްއެންޑީއެފްގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ވަރަށް ކުޑައިރުން ފެށިގެން ފާޅު ކުރަމުންދިޔަ ކުއްޖެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެންގެ އާއިލާގެ އެހެން މީހުން އެބަހުރި އެމްއެންޑީއެފް ވަޒީފާ މަތިން ފޫހިވެގެން ވަޒީފާއިން ކެނޑިގެން ގޮސްފައި. ނަމަވެސް އެ ގަޑިތަކުގައި ވެސް، އޭނަގެ ޅަ ކަމާއެކު ވެސް އޭނަ ބުނެދެމުން ގެންދިޔަ ހިތްވަރު ކުރާށޭ، ރަނގަޅުވާނޭ،" އޭނާ ކިޔައިދިނެވެ.
"ޅަ އުމުރުގައި ވެސް އެ މީހުންނަށް [އެމްއެންޑީއެފުން ކެނޑުނު މީހުންނަށް] ހިތްވަރުގެ ބަސްތައް ބުނެފައި އެބަހުރި. ސްކޫލުން ފެށިގެން ވެސް ވަރަށް ބޮޑަށް އެކަމަށް [އެމްއެންޑީއެފަށް ވަންނަން] ޝައުގުވެރިކަން ހުންނަކަން ފާހަގަވޭ."
ޒައިދާން ވަޅުލުމަށް ސަންދޯކުގައި ގެންދަނީ.-- ފޮޓޯ: އުނގޫފާރު ޑޮޓް ކޮމް
ސްކޫލު ނިންމައި އެމްއެންޑީއެފް ވަޒީފާ ހަމަޖެހުމަށް ފަހު ޗުއްޓީއެއްގައި ވެސް ރަށަށް ދިއުމުގެ ބަދަލުގައި ގިނަ ވަގުތު ޒައިދާން ހޭދަ ކުރަނީ ވަޒީފާގައި ކަމަށް ބޮޑުބޭބެ ބުންޏެވެ.
"ޒައިދާންއާ ޖެހިގެން ހުންނަ ކޮއްކޮއަށް އޭނާ ނުފެންނަތާ ހަތަރު އަހަރު މި ވަނީ. އެއީ ހަމަ އޭނަ މިކޮޅަށް އައިސް އެހެން ނޫޅެތީ. މާލޭގައި ގިނަ ވަގުތު ހޭދަ ކުރާނީ،" މުހައްމަދު ބުންޏެވެ.
"އެމްއެންޑީއެފް މީހުން އާންމުކޮށްލާ ޓީޝާޓެއް ގެންގުޅޭނެ، ވަޅުފެހި ކުލައިގެ. ވަރަށް ގިނަ ވަގުތު އެ ޓީޝާޓު ލައިގެން އުޅޭތަން ފެންނާނެ. އަޅުގަނޑުމެން އަހަން، ޒައިދާނުއޭ ދެން އަބަދު ތި ޓީޝާޓު ލައިގެންހޭ އުޅެނީ. އަހާލައިފިއްޔާ ބުނާނެ މި މައްސަލައެއް ނޫނެއްނުންހޭ، ދެން މި ލައިގެން އުޅުނަކަސް. ތިމަންނަ ވަރަށް ޝައުގު ހުރެއޭ މި ކުލައަށް، މި ޔުނީފޯމު ލައިގެން ހުންނަން. އެހެންވޭ ލައިގެން އައިސް މި ހުންނަނީ."
ޒައިދާން ވަޅުލުމަށް ސަންދޯކުގައި ގެންދަނީ.-- ފޮޓޯ: އުނގޫފާރު ޑޮޓް ކޮމް
ލ. މާވަށް ކައިރި ކަނޑުމަތީގައި އޮތް ޓްރެއިނިންގައި އުޅެނިކޮށް މިޔަރެއް ދިން ހަމަލާގައި ޒަހަމްވުމުން ޒައިދާން ގެންދިޔައީ ގަމު ހޮސްޕިޓަލަށެވެ. އޭނާ ނިޔާވީ ހަށިގަނޑުން ވަރަށް ގިނަ އަދަދަކަށް ލޭ ފޭބި ފަހުންނެވެ.
"ފޮޓޯތައް ދައްކާލި ކޮންމެވެސް ވަރަކަށް. އަޅުގަނޑަށް ހީވަނީ އެކަން ހިނގި ގޮތް އާއިލާއަށް އެހާ ބޮޑަށް ކިޔައިދިނީމަ މާބޮޑަށް އާއިލާއަށް އަސަރު ކޮށްފާނެ ކަމެއް ކަމަށް ފެންނާތީކަން ނޭނގެ އެ ބޭފުޅުން އެ ހާމަ ނުކުރަނީ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" އޭނާ ބުންޏެވެ.
ލ. ކައްދޫގައި ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ މޫދު ޓްރެއިނިންއެއްގައި އުޅެނިކޮށް މިޔަރު ހަމަލާގައި ނިޔާވި ސިފައިންގެ ލާންސްކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ އޭނަ އުފަން ރަށުގައި އިއްޔެ ކުރިއަށް ގެންދަނީ -- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް ޔުނިފޯމުގައި ނިޔާވެފައި އޮއްވާ ފެނުމުން ބޮޑުބޭބެއަށް އާވީ ޒައިދާން ކިޔައިދިން ވާހަކަތަކެވެ.
ބޮޑުބޭބެ ބުނީ ޒައިދާން އޭރު އެ ދައްކާފައި ހުރި ވާހަކަތަކާއި ކަންތައް ހިނގައިދިޔަ ގޮތް ގުޅުވާލުމުން ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށެވެ.
"ވަރަށް ދެރަވޭ. އެހެންވިޔަސް އޭނަ ހުވަފެނެއް ސިފައިންގެ މީހަކަށް ވުމަކީ. އެ ހިދުމަތުގައި ޔުނިފޯމުގައި ހުއްޓާ ނިޔާވީ."
މިކަން ހިނގައިދިޔަ ގޮތް އިތުރަށް ބެލުމަށް ވުރެން އާއިލާ އިން އެދެނީ ޓްރޭނިންގައި އުޅޭ އެހެން މީހަކަށް މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅައިދިނުމަށެވެ. ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ބައެއްގެ ފަރުވާކުޑަކަމުން ނުވަތަ އިހުމާލު އެކަމުގައި ވާނަމަ އެކަން ތަކުރާރު ނުކުރުމަށް ވެސް ޒައިދާންގެ އާއިލާއިން އެދެ އެވެ.
ޒައިދާން އާއިލާއަށް އެކަންޏެއް ނޫނެވެ؛ އެމްއެންޑީއެފުން ވެސް ފާހަގަކޮށްފައިވާ ގޮތުގައި ސިފައިންގެ ހިދުމަތުގައި ހޭދަވި ކުރު މުއްދަތުގައި ވެސް ޒައިދާން ދެމިހުރީ ލޯތްބާއި ސާބިތުކަމާ އެކުގަ އެވެ.
މިޔަރު ހަމަލާދިން ސިފައިންގެ މީހާ ނިޔާވެއްޖެ
ތަމްރީނަށް ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ
ގެއްލުނު ސިފައިންގެ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
އާތިފަކީ އާދައިގެ މީހެއް ނޫން، އެއަށް ވުރެ މާ ހާއްސަ
ޒައިދާން، ރަސްމީ އިއްޒަތުގައި ވަޅުލައިފި
މެރިން ކޯގެ ތަމްރީނުގައި އަލަށް އަންހެން ސިފައިން
އައްޑޫގައި ސިފައިން ހަތިޔާރާއެކު 5 މަހުގެ ތަމްރީނެއް!
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
ގެއްލުނުމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ މަރުވެފައި
ރާފިލްގެ މަރު: ކޮމިޓީން އާއިލާގެ ބަޔާނެއް ނަގައިފި