Roadha Mihaaru
މިޔަރު ހަމަލާދިން ސިފައިންގެ މީހާ ނިޔާވެއްޖެ

ތަމްރީނަށް ގޮސް އުޅެނިކޮށް މިޔަރެއް ދިން ހަމަލާއެއްގައި ޒުވާން ސިފައިންގެ މީހަކު މަރުވެއްޖެ

02 ޖޫން 2024

ލ. ކައްދޫގައި ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ މޫދު ޓްރެއިނިންއެއްގައި މިއަދު އުޅެނިކޮށް މިޔަރެއް ހަމަލާ ދީގެން އަނިޔާވި ޒުވާނާ މިރޭ ނިޔާވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ލ. ކައްދޫގައި ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ މޫދު ޓްރެއިނިންއެއްގައި މިއަދު އުޅެނިކޮށް މިޔަރެއް ހަމަލާ ދީގެން އަނިޔާވި ޒުވާނާ މިރޭ ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ނިޔާވީ، ރ. އުނގޫފާރު، ނިއުލައިފް، ލާންސްކޯޕްރަލް މުހައްމަދު ޒައިދާން 23، އެވެ.

މިޔަރުގެ ހަމަލާއާ ގުޅިގެން އޭނާގެ ހާލު ސީރިއަސްވެ، ފަރުވާ ދީފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ ލ. މާވަށު ކައިރީގައި މޫދުގެ ތަމްރީނު ފުރިހަމަ ކުރަމުން ދަނިކޮށް ޒައިދާން ނިޔާވެފައިވަނީ މިރޭ 8:40 ހާއިރު ކަމަށެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ޒުވާނާގެ ފަލަަމަސްގަނޑުގެ ބޮޑު ބައި އޮތީ މިޔަރު ދިން ހަމަލާގައި ޒަހަމްވެފަ އެވެ. ޒުވާނާގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބައިފަ އެވެ.

"ލޭ ހުސްވެގެން ގެނައި ގޮތަށް ވެންޓިލޭޓަރުގައި އޮތީ. ވެންޓިލޭޓަރަށް ލީތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނިޔާވީ. ފަލަމަސްގަނޑުގައި ވަރަށް ބޮޑަށް ދަތް އަޅާފައި އޮތީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އެ ޒުވާނާ ސިފައިންގެ މީހެއްގެ ވަޒީފާ އަށް ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.