Roadha Mihaaru
މާދިހްގެ ޚިދުމަތްތަކުގެ ހަނދާން ދުވަހަކު ނުފިލާނެ

މާދިހްގެ ޚިދުމަތްތަކުގެ ހަނދާން ދުވަހަކު ނުފިލާނެ

08 ޖޫން 2021

ފަތިހުފަތިހާ ހޭލައިގެން އެންމެ ކުރިން ޕްރެކްޓިހަށް އަންނާނީ އޭނާ އެވެ. ޕްރެކްޓިހަށް ނުހޭލެވޭ ކުދިންގެ ގޭގެއަށް ގޮސް އެކުދިންނަށް ގޮވައި، ނަގައިގެން ޕްރެކްޓިހަށް ނެރޭނެ އެވެ. ގައުމީ ޓީމު ކޭމްޕްތަކުގައި އުޅޭއިރު ނަމާދު ވަގުތު ޖެހުމުން ހުރިހާ ކުޅުންތެރިން ގޮވައިގެން އިމާމުވެ އޭނާ ނަމާދު ކުރާނެ އެވެ. ގައުމީ ކްރިކެޓް ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މާދިހް އިސްމާއީލް މަސައްކަތް ކުރަމުން ދިޔަ ގޮތަކީ މިއީ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފަތިހުފަތިހާ ހޭލައިގެން އެންމެ ކުރިން ޕްރެކްޓިހަށް އަންނާނީ އޭނާ އެވެ. ޕްރެކްޓިހަށް ނުހޭލެވޭ ކުދިންގެ ގޭގެއަށް ގޮސް އެކުދިންނަށް ގޮވައި، ނަގައިގެން ޕްރެކްޓިހަށް ނެރޭނެ އެވެ. ގައުމީ ޓީމު ކޭމްޕްތަކުގައި އުޅޭއިރު ނަމާދު ވަގުތު ޖެހުމުން ހުރިހާ ކުޅުންތެރިން ގޮވައިގެން އިމާމުވެ އޭނާ ނަމާދު ކުރާނެ އެވެ. ގައުމީ ކްރިކެޓް ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މާދިހް އިސްމާއީލް މަސައްކަތް ކުރަމުން ދިޔަ ގޮތަކީ މިއީ އެވެ.

ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ވަކިވުން އައި، މާދިހުގެ ކޮންމެ ދުވަހަކީ ދިވެހި ކުޅިވަރަށް އޭނާގެ ހިދުމަތް ލިބުނު ދުވަހެކެވެ. ކުޅިވަރަށްޓަކައި އޭނާއަށް ބަންދު ދުވަހެއް ނާދެ އެވެ. ގޮވާލި ކޮންމެ ވަގުތަކު އެންމެ ކުރިން މަސައްކަތަށް ނުކުންނާނެ އެވެ.

"ދުވަހަކުވެސް ނުދެކެން މާދީ ހިތްހަމަނުޖެހިގެން ރުޅިއައިސްފައި ހުރި ތަނެއް. ކުޅުންތެރިން މޯޓިވޭޓް ކުރަން އެވަރު މީހަކު ނުދެކެން،" ގައުމީ ކްރިކެޓް ޓީމުގެ ބެޓްސްމަން ހަސަން އިބްރާހިމް ބުންޏެވެ. "މާދީ ޓީމާ އެކު ދަންޏާ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ. ހަނދާން ނުނެތޭނެ ކަހަލަ މޮމެންޓްތަކެއް މާދީއާ އެކު ތަޖުރިބާ ކުރެވިފައި ވަނީ."

މާދިހް

މާދިހް

ގައުމީ ޓީމުގެ މެނޭޖަރުކަމުން، ކްރިކެޓް ބޯޑްގެ ނައިބުރައީސް ކަމާ ހަމައަށް މާދިހު ވަޑައިގެންނެވި އެވެ. ކްރިކެޓް ބޯޑުގެ ކުރީގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ، މިދިޔަ ހަތަރު އަހަރު ކްރިކެޓް ބޯޑުން ކުރި ކާމިޔާބު ހުރިހާ މަސައްކަތެއްގައި މާދިހްގެ ހިއްސާ ބޮޑު ކަމަށެވެ.

"ނައިބު ރައީސްއެއްގެ ގޮތުގައި އަޅުގަނޑަށް ވަރަށް ބޮޑަށް އެހީތެރިވި،" އަފޫ ވިދާޅުވި އެވެ. "އަނެއްކާ ނައިބު ރައީސްއަކަށް ވިޔަސް ހުރިހާ މަސައްކަތެއްގައި އުޅޭނެ. ދަނޑަށް ނުކުމެ ޕްރެކްޓިހްގައި އެހީތެރިވާނެ. ކޮންމެ މަސައްކަތެއްގައި ވެސް ވަރަށް ޑެޑިކޭޓެޑް ވަރަށް ޕެޝަނޭޓް ބޭފުޅެއް."

މަދުރަސީ ހަޔާތުން ފެށިގެން، މާދިހު ވަނީ ކުޅިވަރުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. މާދިހު ނުކުޅޭ ކުޅިވަރެއް މަދެވެ. ފުޓްބޯޅަ، ކްރިކެޓް، ބައިބަލާ އަދި ބާސްކެޓްބޯޅައިގެ އިތުރުން، އެހެން ކުޅިވަރުތައް ވެސް ކުޅުނެވެ. ކުޑައިރުން ފެށިގެން، މާދިހުގެ ހިތުގައި ކުޅިވަރަށް ހާއްސަ ލޯތްބެއް އުފެދިފައިވެ އެވެ. އެންމެ ފަހު ދުވަހާ ހަމައަށް ވެސް، ކުޅިވަރަށް އިހްލާސްތެރިކަމާ އެކު މާދިހު ވަނީ ހިދުމަތްކޮށްފަ އެވެ. މާދިހުގެ ހިދުމަތް، އެތައް ކުޅިވަރަކަށް ވަނީ ލިބިފަ އެވެ. ފުޓްބޯޅަ، ކްރިކެޓް، އެތުލެޓިކްސް، ނެޓްބޯޅަ، އަދި މީގެ އިތުރުން ވެސް އެތައް ކުޅިވަރެއް ހިންގުމާއި ކުރިއެރުވުމުގައި އޭނާ ވަނީ ބުރަ މަސައްކަތްތަކެއްކޮށްފަ އެވެ.

"ވަކި ކްރިކެޓަކަށް ނޫން، މާދިހަކީ ރާއްޖޭގެ ހުރިހާ ކުޅިވަރެއްގައި ވެސް އިންތިހާ އަށް ހަރަކާތްތެރިވެ، ހިދުމަތްކުރި ފަރާތެއް،" ކްރިކެޓް ބޯޑުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި މިހާރު ވެސް ކްރިކެޓް ބޯޑުގައި މަސައްކަތްކުރައްވަމުންދާ އިމާދު އިސްމާއިލް ވިދާޅުވި އެވެ. "ކްރިކެޓްގައި އުޅުނަސް، އިންޑިވިޖުއަލީ (އަމިއްލަ ގޮތުން) ވަރަށް ގިން ކްލަބުތަކަށް މާދިހު އެހީތެރިކަން ދިން."

އެކި މީހުން ލޯބިވެ ގަޔާވަނީ އެކި ކުޅިވަރަށެވެ. އެކަމަކު މާދިހު ތާފާތެވެ. ހުރިހާ ކުޅިވަރެއްގައި އެއްވަރަށް ލޯބިވާ މީހެއް އޭނާ ނޫނީ، މިފަހުން ހުރިހެނެއް ހީއެއް ނުވެ އެވެ. ރާއްޖޭގައި ކުޅޭ އިންޓަނޭޝަނަލް ކޮންމެ ކުޅިވަރެއްގައި އޭނާގެ ހިދުމަތް އޮންނާނެ އެވެ. ރާއްޖޭގައި ކޮންމެ ކުޅިވަރެއްގައި އުޅޭ ކުޅުންތެރިޔަކަށް ދުވުންތެރިޔަކަށް ފެތުންތެރިޔަށް މާދިހް ވެފައި ވަނީ ބައްޕައެއް ފަދަ ޝަހުސިއްޔަތެއްގެ ގޮތުގަ އެވެ. ކުޅުންތެރިންނާ އެންމެ ގާތުން އޭނާ މަސައްކަތްކުރި އެވެ. ކުޅުންތެރިންނަށް ކުރިމަތިވާ މައްސަލަތައް އަޑުއަހައި އެކަންކަން ހައްލުކޮށްދޭން އޭނާ މަސައްކަތްކުރި އެވެ.

"އޭނާއަކީ ޓީޗަރެއް، ބައްޕައެއް، ރަހުމަތްތެރިޔެއް،" މިއީ ބާސްކެޓްބޯޅައިގެ ތަރި ފާތިމަތު ރިޝްމާ، މާދިހް ސިފަކޮށްދިން ގޮތެވެ. "އަހަރެމެންނަށް ކުޅިވަރުގައި މިއަދު މިތިބަ ހިސާބަށް ވާސިލުވުމުގައި ކުޑައިރުން ފެށިގެން އޭނާގެ މަސައްކަތް ވަނީ ފެނިފަ."

ކުޅިވަރުގައި މާދިހް އަދާ ނުކުރާ މަގާމެއް ނެތެވެ. އޭނާ އަކީ ކުޅިވަރު ހިންގެވުމުގެ އެޑްމިނިސްޓްރޭޓާ އެކެވެ. ކޯޗެކެވެ. މެނޭޖަރެކެވެ. ސްޕޯޓްސް ފިޒިއޮތެރަޕިސްޓެކެވެ. މާޒިޔާގައި ސްޕޯޓްސް ފިޒިއޮތެރެޕިސްޓެއްގެ ގޮތުގައި އޭނާ މަސައްކަތްކުރި އެވެ.

"ހަމަ ކޮންމެ ކުޅުންތެރިއަކު ބުންޏަސް، އެ ކުޅުންތެރިއަކަށް ވަގުތު ހަމަޖައްސައިގެން ޓްރީޓްމަންޓް ނަގައިދޭނެ. އަމިއްލަ އަށް ފެނިގެން، ވަރަށް ރަނގަޅަށް އޭނާ މަސައްކަތްކުރި،" މާޒިޔާގެ ބޯޑު މެމްބަރެއް ބުންޏެވެ. "އަޅުގަނޑުމެންގެ ކުޅުންތެރިންނާއި މެނޭޖްމަންޓާ ވެސް ވަރަށް ގުޅޭ ފަރާތެއް އެއީ. މި މާޒިޔާ އަށް ވެސް ހިތާމަވެރި ދުވަހެއް. ދިވެހި ކުޅިވަރަށް ވެސް ހިތާމަވެރި ދުވަހެއް."

މާދިހް

މާދިހް

"އެކުވެރި އަދި އެހީތެރިކަމުގައި ދެވަނައެއް ނުވާފަދަ ރަހުމަތްތެރިއެއް. ގައުމީ ޓީމް އޮފިޝަލެއްގެ ގޮތުގައި މާދިހް އުޅުނު އިރު ފެނިގެން ދިޔައީ މުރާލިކަމާއި ޤައުމީ ޖޯޝް. ކުޅުންތެރިޔަކު ކޮންމެ ވަގުތަކު ކަމަކު ބުނެލިޔަސް ހުންނަނީ އެކަމެއް ކުރަން ތައްޔާރަށް،" ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އަދި މިހާރުގެ ގޯލްކީޕަރު ކޯޗް އިމްރާން މުހައްމަދު ޝޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މައުރޫފް އަހްމަދު (މާއްޓޭ) ވިދާޅުވީ، މާދިހްގެ މުޅި ހަޔާތް އޭނާ ހޭދަ ކުރެއްވީ ރާއްޖޭގެ ކުޅިވަރަށްޓަކައި ކަމަށެވެ.

ޔޫތު ޑިވެލޮޕްމަންޓާއި ތައުލީމީ ދާއިރާގައި ވެސް މުހިންމު މަސައްކަތްތަކެއް

އެކި ކުޅިވަރުތަކުގެ ޔޫތު ޑިވެލޮޕްމަންޓާއި ތައުލީމީ ދާއިރާގައި ވެސް މާދިހުގެ ހިދުމަތް ފާހަގަކުރެވެ އެވެ. މާދިހު ހިންގާ އެމްއެސް ސްޕޯޓްސް އެކެޑަމީ މެދުވެރިކޮށް، އެކި ކުޅިވަރުތަކުގައި ކުޑަކުދިންނަށް ކޯޗުކޮށްދިނުމާއި ތަމްރީނު ދިނުމުގައި ހަރަކާތްތެރިވި އެވެ.

ކުޅިވަރުގައި މާދިހު ގިނައިން މަސައްކަތް ކުރެއްވީ ހިލޭސާބަހަށެވެ. އޭނާގެ ރަސްމީ ވަޒީފާ އަދާކުރެއްވީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގަ އެވެ. އެ ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓާއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިޔަސް ސްކޫލްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި އޭނާ ބައިވެރިވި އެވެ. އޭގެ ކުރިން ތާޖުއްދީން ސްކޫލްގައި ވެސް ސްޕޯޓްސް ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެވެ.

"ސްކޫލްގެ ކޮންމެ ކަމެއްގައި ބުންޏަސް މާދިހް ވިދާޅުވާނީ އާދެ ސާރ .ދުވަހަކުވެސް ނުވާނެޔެކޭ ނުބުނާނެ. އަދި އެކަމެއް އެންމެ ފުރިހަމަކޮށް ކޮށް ނިންމާނެ،" ގިޔާސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވި އެވެ.

މާދިހާއެކު މަސައްކަތްކުރި ޓީޗަރުން ސިފަކުރާ ގޮތުގައި މާދިހު އަބަދު ވެސް ދަރިވަރުންނާ ބައްދަލުކުރާނީ ހިނުތުންވުމާއެކު އެވެ. އަދި ކުޅިވަރުގައި، އެއްވެސް ކުއްޖެއް ބާކީނުކޮށް، ކުދިން ކުރިއެރުވުމުގައި މަސައްކަތްކުރާ ފަރާތެކެވެ.

ދީނީ ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދިން

ކުޅިވަރުގައި ކިތަންމެ ގިނަ ވަގުތެއް ހޭދަކުރި ނަމަވެސް، މާދިހު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އަޅުކަމާއި ދީނީ ވާޖިބުތަކަށެވެ. ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މިނާ ހައްޖު ގުރޫޕާއި އަލް ހަރަމައިން ހައްޖު ގުރޫޕާއެކު އެތައް ފަހަރަކު އެހީތެރިއެއްގެ ގޮތުގައި ވަޑައިގެން، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމުގެ ނަސީބު އެނާ ވަނީ ހޯދައިފަ އެވެ. އެ ގުރޫޕްތަކުގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރާއިރު ވެސް، މާދިހު ފާހަގެވައިވަނީ ހީވާގި ފަރާތެއްގެ ގޮތުގަ އެވެ. އެންމެނާ ވެސް ގުޅިގެން، އޭނާގެ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރި އެވެ.

މި ފާއިތުވި އަހަރުތަކުގެ ރަމަޟާން މަހު، މަސްޖިދުލް މުހައްމަދު ބިން އަބްދިﷲ (ވިޔަފާރިވެރިންގެ މިސްކިތް)ގައި ރޯދަ ވީއްލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އަމަލީ ގޮތުން އެންމެ އިސްކޮށް އުޅުއްވީ މާދިހު އެވެ. މި އަހަރު ވެސް އެކަމުގައި އުޅުއްވި އެވެ.

މިއީ މަދުން ނޫނީ ނުފެންނާނެ ފަދަ ޚިދުމަތްތެރިއެކެވެ. ވަރުބަލިކަމެއް ނެތި، ހަވާލުކުރެވުނު ކޮންމެ ޒިންމާއެއް ވެސް މާދިހު އަދާކުރެއްވީ ފަރުވާކުޑަކުރުމެއް ނެތި އެވެ. ހާއްސަކޮށް ކުޅިވަރަށް ހިދުމަތްކުރުމުގައި މާދިހު ދެއްކީ ނަމޫނާ އެކެވެ. ވަކިގެންދިޔަސް، މާދިހުގެ ހަނދާންތައް ކުޅިވަރުގައި ދެމިހުންނާނެ އެވެ.

އެންމެންގެ ވެސް ދުއާ އަކީ މާތްﷲ، މާދިހުގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ހެޔޮ ރަހްމަތް މިންވަރުކުރެއްވުމެވެ.