26 ޖޫން 2024
ދިވެހި ފުޓްބޯޅައިގެ ރަން ޖީލުގައި މުހައްމަދު އާރިފް (ބަކާ) ގެ ވިދުން ގަދަ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރު ކަމަށް ގިނަ ކޯޗުން ގަބޫލުކުރާ ބަކާ ދަނޑުމަތީގައި ލޯބި ހޯދައި ދިވެހި ފުޓްބޯޅައިގެ އެންމެ އުހަށް ދިޔަ އެވެ. ދީނީ އަދި އިޖުތިމާއީ ކަންކަމުގައި ވެސް ދެއްކީ ހަމަ އެ ހިތްވަރެވެ.
ދިވެހި ފުޓްބޯޅައިގެ ރަން ޖީލުގައި މުހައްމަދު އާރިފް (ބަކާ) ގެ ވިދުން ގަދަ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރު ކަމަށް ގިނަ ކޯޗުން ގަބޫލުކުރާ ބަކާ ދަނޑުމަތީގައި ލޯބި ހޯދައި ދިވެހި ފުޓްބޯޅައިގެ އެންމެ އުހަށް ދިޔަ އެވެ. ދީނީ އަދި އިޖުތިމާއީ ކަންކަމުގައި ވެސް ދެއްކީ ހަމަ އެ ހިތްވަރެވެ.
މިދިޔަ ހައްޖު މޫސުމުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ދައުވަތަށް ހައްޖަށްދާ މީހުންގެ ތެރެއިން ރާއްޖޭން ކަނޑައެޅި މީހުންގެ ތެރޭ ހިމެނުނު ބަކާ އަޅުކަމަށް ފަހު އެނބުރި އައިތަނާ ހާލު ގޯސްވެ ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވުމުން ބަކާގެ މި ހާއްސަ ސިފަތަކުގެ ހަނދާން އާކުރަނީ އޭނާ ދެއްކި މި ނަމޫނާއިންނެވެ.
ދިވެހި ފުޓްބޯޅަ ކުޅުންތެރިޔަކަށް، އާންމުންގެ ލޯތްބާއި އިހުތިރާމް ލިބޭނެ ހުރިހާ ސިފަތަކެއް ބަކާގެ ހުއްޓެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަކާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރެވެ. ދިވެހި ފުޓްބޯޅައިގެ ރަން ޖީލު ކަމަށް ގިނަ ބަޔަކު ސިފަކުރަނީ، 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން ޓީމަށެވެ. ބަކާ އަކީ އެ ޖީލުގެ މިޑްފީލްޑްގެ މައި ތަނބެވެ.
އަނިޔާ އާއި ފިޓްނަސްގެ މައްސަލަތަކާ ހުރެ، ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި މިދިޔަ ދެ ސީޒަނުގައި، 38 އަހަރުގެ ބަކާ ނުކުޅެ އެވެ. އެކަމަކު އޭރު ވެސް، އޭނާ ބުނެފައިވަނީ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
އުމުރުގެ ގޮތުން، ކުޅުންތެރިން ކެރިއާ ނިންމާލާ ހިސާބުގައި ހުރި ނަމަވެސް، އެހާ ފަސޭހައިން ދަނޑުން ފައިބައިގެން ދިއުމުގެ ވިސްނުމެއް އޭނާގެ ނެތީ އެވެ. އުންމީދުކުރަމުން ދިޔައީ އަނިޔާއިން ރަނގަޅުވެ، އަލުން ކުޅެން ނުކުންނާށެވެ.
"ހުއްޓާލީކީ ނޫން. އަދިވެސް ކުޅޭނަން. އިންޖަރީ ރަނގަޅުވެލީމަ އަދިވެސް މިތާންގައި [ރާއްޖޭގެ ލީގުގައި] ރަނގަޅު ފެންވަރަކަށް ކުޅެވޭނެ،" މިދިޔަ އަހަރު "މިހާރު" ގެ ނޫސްވެރިންނާ ބައްދަލުވެ، ވާހަކަ ދައްކަމުން ބަކާ ބުންޏެވެ.
އެ ހިތްވަރު، ބަކާގެ ކިބައިގައި ހުންނާނެ ކަމަށް ބުނަނީ، އޭނާ އަށް އިރުޝާދު ދިން ކޯޗުންނެވެ. ވިކްޓަރީ އާއި މާޒިޔާ އަދި ގްރީން ސްޓްރީޓްސްގައި ވެސް އޭނާ އަށް ކޯޗުކޮށް ދިން، ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބުނީ، ބަކާގެ ކޮންމެ އެނބުރި އައުމެއްގައި ހިތްވަރު ކުރާތަން ވަރަށް ބޮޑަށް ފެނިފައިވާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ސުޒޭން ދެއްކީ، 2010 ވަނަ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބަކާ ހޯދި ސީޒަނަށެވެ.
"އެފަހަރު ކުޅެން އައީ ދިގު މުއްދަތެއް ކުޅުމާ ދުރުގައި ހުރުމަށް ފަހު. އެކަމަކު އެ އަހަރު ރާއްޖޭގެ ބެސްޓް ފުޓްބޯލާ އޮފް ދަ އިއާ އެވޯޑް ހޯދި،" އެ އަހަރު "ހަވީރު" ނޫހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި، ބަކާއާ ބެހޭގޮތުން ސުޒޭން ބުންޏެވެ.
އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ސުޒޭންގެ ކޯޗުކަމުގެ ދަށުން އެކުލަވާލި ޕްރިލިމިނަރީ ސްކޮޑްގައި ބަކާ ހިމެނި އެވެ. އެ ޓީމުގައި ހިމެނުނު އެންމެ ސީނިއާ ކުޅުންތެރިޔަކީ އޭނާ އެވެ. ސުޒޭން ބުނީ ޕްރެކްޓިހުގައި ޒުވާން ކުޅުންތެރިންނަށް ވެސް އެންމެ ބޮޑު ހިތްވަރެއްދޭ ކުޅުންތެރިޔަކަށް ބަކާ ވާނެ ކަމަށެވެ.
"އެވްރެޖްކޮށް އަޅުގަނޑާ އެކު ބަކާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރީ. ވަރަށް ކޮމިޓެޑް ޕްލެއާއެއް. އެންމެ ފަހުން [ކްލަބް ފުޓްބޯޅައިގައި] އަޅުގަނޑާ އެކު ގްރީންގައި އަދި މާޒިޔާގައި ވެސް ވަރަށް ރަނގަޅަށް ކުޅުނުތަން ފެނުނީ. މާޒިޔާގެ 2014 ގައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި އިރު ވެސް ވަރަށް މޮޅަށް ކުޅުނު،" ސުޒޭން ބުންޏެވެ.
ޓޮޕް ޑިވިޝަންގައި މިދިޔަ ދެ އަހަރު ނުކުޅުނަސް، ފުޓްބޯޅައާ ދުރަކަށް ބަކާ ނުދެ އެވެ. އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ވެސް ބައިވެރިވެވޭ، ވެޓަރަންސް ފުޓްބޯޅައިގެ ހަރަކާތްތަކުގައި ބަކާ ދިޔައީ ބައިވެރިވަމުންނެވެ. ވެޓަރަންސް ފުޓްބޯޅަ އަށް ހާއްސަ ކްލަބް، މޯލްޑިވްސް ސޮކަ މޭޓްސްގެ ވެޓަރަންސް ހަރަކާތްތަކުގައި ބަކާ ހިއްސާ ވެއެވެ.
ސ. ހިތަދު އަށް އުފަން، ބަކާގެ ސީނިއާ ކެރިއާ ފެށީ އެ ރަށަށް ނިސްބަތްވާ ކުރީގެ ކްލަބް އައިއެފްސީންނެވެ. އުމުރުން 19 އަހަރުގައި އޭނާ އަށް އެ ކްލަބުން ފުރުސަތު ދިނީ ކުރީގެ ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) އެވެ.
ވިކްޓަރީ އަށް ފޮނުވި ބަކާ ކިޔާ ބިދޭސީ ކުޅުންތެރިޔެއް. އޭނަ ކުޅެނީ މި ބަކާ ކުޅޭ ސްޓައިލަށް. އެގޮތަށް އޭނަ އަށް ދިން ނަމެއް 'ބަކާ' މި ނަމަކީ. އަޅުގަނޑު ބުނިން ތިއީ ބަކާއޭ. އެގޮތަށް ކުޅޭށޭ: ކޯޗް މާއްޓޭ
ބަކާގެ މަރުގެ ޚަބަރާ އެކު މާއްޓޭ، އެންމެ ފުރަތަމަ ވެސް ހަނދާންވީ ބަކާ ކެރިއަރުގެ އެންމެ ފުރަތަމަ ދުވަސްތަކެވެ. ވިކްޓަރީގެ ކޯޗުކަން ދޫކޮށް އައިއެފްސީ އަށް 2003 ގައި މާއްޓޭ ބަދަލުވެ، ޓީމާ އެކު އައްޑުއަށް ކުރި ދަތުރުގެ ތެރެއިން ބަކާއާ ބައްދަލުވި އެވެ.
"އައްޑޫން އަޅުގަނޑުމެން ފުރުސަތު ދިނިން މުޅިން އާ ދެ ކުޅުންތެރިންނަށް. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ބަކާ. އަޅުގަނޑާ އެންމެ ފުރަތަމަ ބައްދަލުވި އިރު އޭރު އޭނާ އަށް 18 އަހަރު ވެސް ނުވޭ. ނޫނީ ކިރިޔާ 18 ފުރުނީ،" މާއްޓޭ ބުންޏެވެ.
"މީނަ ކުޅޭގޮތުން އަޅުގަނޑަށް ވަރަށް ކަމުގޮސްފި. އެ ޕޮޒިޝަނަށް އެންމެ ކަމުދާ ފިޒީކް ވެސް އެ ސްޓްރެންތު ވެސް އޭނަގެ ކިބައިގައި ހުރި."
މާއްޓޭ ބުނީ، ބަކާ މަރުގެ ޚަބަރު ލިބުމާ އެކު ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ.
މުހައްމަދު އާރިފަށް ވަނަމެއްގެ ގޮތުގައި "ބަކާ" ކިޔަން ފެށީ ވެސް މާއްޓޭގެ ކޯޗުކަމުގަ އެވެ.
"އޭރު ސިންގަޕޫރުގައި އުޅޭ އަޅުގަނޑު ރައްޓެހި ފަންޑީ ވިކްޓަރީ އަށް ފޮނުވި ބަކާ ކިޔާ ބިދޭސީ ކުޅުންތެރިޔެއް. އޭނާ ކުޅެނީ މި ބަކާ ކުޅޭ ސްޓައިލަށް. އެގޮތަށް އޭނާ އަށް ދިން ނަމެއް 'ބަކާ' މި ނަމަކީ. އަޅުގަނޑު ބުނިން ތިއީ ބަކާއޭ. އެގޮތަށް ކުޅޭށޭ،" އޭރުގެ ހަނދާންތައް މާއްޓޭ އާ ކުރި އެވެ.
އެންމެ ޒުވާން އުމުރުގައި ވެސް ބަކާ ފާހަގަކުރެވެނީ ދަނޑުމަތީގައި ޖެހިލުންކުޑަ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށް ވިކްޓަރީގެ ލެޖެންޑަރީ ކޯޗު، މާއްޓޭ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް 2008 ގެ މުބާރާތަކީ ބަކާގެ އެ ޖެހިލުން ކުޑަ ކުޅުމުގެ ސްޓައިލް އެންމެ ވަރުގަދަ އަށް ފެނުނު މުބާރާތެވެ.
ހައްޖަށް ފުރުމާ ހަމައަށް ވެސް ވަރަށް ގާތްކޮށް އުޅެ އުޅެފައި ދިޔައީ. ވެޓަރަންސް މުބާރާތަށް ޓީމު ތައްޔާރުވާން ކުރި ޕްރެކްޓިހުގައި ބައިވެރިވެ، އަހަރެމެން އެއްކޮށް އުޅުއުޅެފައި ބަކާ [ހައްޖަށް] ފުރައިގެން ދިޔައީ. އިހްރާމް ބަދެގެން ހުރެ ނެގި ފޮޓޯ ވެސް ޓީމުގެ [ވައިބާ] ގުރޫޕަށް ފޮނުވައި ބަރާބަރަށް އަޕްޑޭޓް ދިން: އަކްރަމް
ސާފް ޗެމްޕިއަންޝިޕް 2018 ގެ މުބާރާތުގައި، ދަނޑުމަތިން އޭނާ އަށް ކުޅެން ލިބުނު ފުރުސަތުތައް މަދުވިޔަސް، އެ ކާމިޔާބުގައި ބަކާގެ ލީޑާޝިޕް މުހިންމު ދައުރެއް އަދާކުރި ކަމަށް އޭރުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ ބުންޏެވެ.
ބަންގްލަދޭޝްގައި ބޭއްވި އެ މުބާރާތަކީ، ގިނަ ގޮންޖެހުންތަކާ ދިވެހި ޓީމު ކުރިމަތިލި މުބާރާތެކެވެ. އަލީ އަޝްފާގް [ދަގަނޑޭ] ޓީމުން ބާކީކޮށް ސްކޮޑް އެކުލަވާލުމުން އޮތް ޕްރެޝަރުގެ ދަށުގައި މުޅި ޓީމު ވެފައިވަނިކޮށް އެ ހާލަތުން ނަގަން އަކުރަމަށް ހިތްވަރު ދިނީ ބަކާ އެވެ.
އެ އުނދަގޫ ވަގުތުގައި ވެސް އެ ޒުވާން ސްކޮޑް ލީޑް ކުރުމުގައި އަކުރަމްގެ އަތުގައި ހިފައިގެން އެންމެ ފުރަތަމަ ކުރިއަށް ނުކުތް ކުޅުންތެރިޔަކީ ބަކާ އެވެ.
"އެނގޭނެ އެއީ ކިހާ ބޮޑު ޕްރެޝަރެއް އޮތް ވަގުތެއްކަން. ކުޅުންތެރިން ވަރަށް ނުތަނަވަސް ވެފައި ތިބި ދަނޑިވަޅެއް ކޯޗުގެ ބައެއް ނިންމުންތަކާ ހެދި. އެކަމަކު އެ ވަގުތުގައި ވެސް އެ ޓީމު އެކުވެރިކޮށް ބާއްވަން ބަކާ ވަރަށް ގިނަ ގޮތްގޮތުން ލީޑް ނެގި،" އަކުރަމް ބުންޏެވެ.
"ފަހަރެއްގައި ދަނޑުމަތިން ކުޅެން ލިބުނު ވަގުތު މަދުވީމަ، އެ ތަށީގައި ބަކާގެ ދައުރު ކުޑަކަމަށް ފެނިދާނެ. އެކަމަކު އެ ވަގުތު ޓީމު ބަދަހިކޮށް ބާއްވަން އޭނާގެ އެއްބާރުލުން ނުލިބުނު ނަމަ އެ ތައްޓެއް އެފަހަރު ނުހޯދޭނެ."
އަކުރަމް ބުނި ގޮތުގައި ކެޕްޓަން ބޭންޑް ބަކާގެ އަތުގައި ނެތަސް، އެ މުބާރާތުގައި އޭނާގެ ލީޑާޝިޕުގެދަށުން ކުރި މަސައްކަތް، މުޅި ޓީމަށް ވަރަށް ބޮޑު ހިތްވަރަކަށްވި އެވެ.
އެ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދިޔައީ ލަންކާއާ ހުރިހާ ގޮތަކުން ވެސް އެއްވަރުވުމުން، ގުރުލައިގެންނެވެ. ގުރުލައިގެން ސެމީގެ ޖާގަ ހޯދުމުން ސޯޝަލް މީޑިއާގައި އާންމުން ކުރި މަލާމާތަށް، ޓީމު ގުޑުވާ ނުލެވުނީ ބަކާގެ އެއްބާރުލުމާ އެކު ކުރި މަސައްކަތުން ކަމަށް އަކުރަމް ބުންޏެވެ.
"ހައްޖަށް ފުރުމާ ހަމައަށް ވެސް ވަރަށް ގާތްކޮށް އުޅެ އުޅެފަ ދިޔައީ. ވެޓަރަންސް މުބާރާތަށް ޓީމު ތައްޔާރުވާން ކުރި ޕްރެކްޓިހުގައި ބައިވެރިވެ، އަހަރެމެން އެއްކޮށް އުޅުއުޅެފަ ބަކާ (ހައްޖަށް) ފުރައިގެން ދިޔައީ. އިހްރާމް ބަދެގެން ހުރެ ނެގި ފޮޓޯ ވެސް ޓީމުގެ [ވައިބާ] ގުރޫޕަށް ފޮނުވައި ބަރާބަރަށް އަޕްޑޭޓް ދިން،" ފެންކަޅިވެފައި ހުރެ ވާހަކަ ދައްކަމުން އަކްރަމް ބުންޏެވެ.
ގައުމީ ޓީމުގެ މެޗެއްގައި، ބަކާ ކެޕްޓަންކަން ކުރަނީ. -- ފައިލް ފޮޓޯ: އެފްއޭއެމް
"އެހާ އެކުގައި އުޅެއުޅެފައި ކުއްލިއަކަށް މަރުވެގެން ދިޔައީމަ ވަރަށް ދެރަވި. ފުޓްބޯޅައިގެ ހާލަތު އޮތް ގޮތުން އެ މާޔުސްކަން ވެސް ބޯޅައިގެ މީހުންނަށް އޮތް ދަނޑިވަޅެއްގައި، މިވަރުގެ ކުޅުންތެރިޔަކަށް މިހެން ދިމާވީމާ މިއީ ބޯޅައިގެ އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް."
އަކުރަމް ބުނީ، ބަކާ ކުޅުނު މަގާމުގެ ގޮތުން އޭނާ އަކީ އެ މަގާމުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.
"އެ މަގާމަށް އެފެންވަރުގެ ކުޅުންތެރިޔެއް [ދެން] ނުވެސް ލިބިދާނެ،" އަކުރަމް ބުންޏެވެ.
ގައްޒާ ފަންޑުގެ ނަމުގައި 2014 ގައި، ފަލަސްތީނަށް އެހީވާން ފައިސާ އެއްކުރި އަމިއްލަ ބަޔަކު ބުނި ގޮތުގައި އެ ހަރަކާތުން ވެސް މިފަދަ ކަންކަމަށް ބަކާގެ އޮތް އިސްކަން ފެނުނެވެ.
ފަންޑު ރެއިޒިން ހަރަކާތް ލޯންޗުކުރުމަށް، ބޭއްވި ހަފުލާގެ ދައުވަތު ބަކާ އަށް އެންމެ ވަގުތު ދިނުމުން ވެސް އުފަލާ އެކު އިސްނެގި އެވެ. ކުރީގެ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި އެ އިވެންޓް ފެށި އިރު ބަކާ ގޮސް ހުރީ އެތަނުގަ އެވެ.
"ގައްޒާ ފަންޑް" ލޯންޗު ކުރުމުގެ ގޮތުން ފަންޑަށް، އެންމެ ފުރަތަމަ ފައިސާ ލުމުގެ ފުރުސަތު ބަކާ އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދު ގަނީއަށް ދިނެވެ.
މުހައްމަދު އާރިފު (ބަކާ) އަކީ ދީނީ ކަންކަމަށް ފަރުވާތެރިވި ވަރަށް ގާތް އަހައް. ނަމާދުތަކަށް ފަރުވާތެރިކަން ބެހެއްޓި: ޑރ. އަލީ ޒާހިރު
އެ ފަންޑް ހަރާކާތްތައް ރޭވުމުގައި އުޅުނު ފަރާތްތަކުން ބުނި ގޮތުގައި، ފަންޑު ލޯންޗު ކުރުމުގެ ހަފުލާގެ ފަހުން ވެސް، އެ ކެމްޕޭނުގައި ވަރަށް ހަރަކާތްތެރިކޮށް ބަކާ އުޅުނެވެ. އެ ހަރަކާތަށް ބަކާގެ އެއްބާރުލުން އޮތްކަން ހާމަކޮށްދީ، ކުރިއަށް ގެންދިޔަ ކެމްޕޭންތަކުގައި ވެސް ބައިވެރިވި އެވެ. އެންމެ ފަހުން މުޅި ރާއްޖެ އަށް ފަންޑް ރެއިޒިން ފުޅާވެގެން ގޮސް ގައުމީ ކެމްޕޭނަކަށް ވުމުގައި ބަކާގެ ހިއްސާ އޮތެވެ.
އޭގެ ފަހުން ވެސް އިޖުތިމާއީ ގިނަ ކެމްޕޭންތަކުގައި ބަކާ ވެފައި ވަނީ މުހިންމު "އައިކޮން" އަކަށެވެ.
ބަކާގެ މަރާ އެކު، ސޯޝަލް މީޑިއާގައި ޝުއޫރުފާޅު ކުރި ގިނަ މީހުން ފާހަގަ ކުރީ އޭނާ އަކީ ފަރުޟު ނަމާދުތަކަށް އިސްކަންދީ، ދީނީ ވާޖިބުތަކަށް އަހަންމިއްޔަތުކަން ދިން ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލާ، ޑރ. އަލީ ޒާހިރު ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވަނީ، ބަކާ އެންމެ ފަހުން ކުރި މެސްޖްގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވައިފަ އެވެ.
"ޝައިހް އެ ދުއާ ފޮތް ފޮނުވާލަދެއްޗޭ،" ޑރ އަލީ ޒާހިރަށް ބަކާ، ފޮނުވި މެސްޖްގައިވެ އެވެ.
"މުހައްމަދު އާރިފު [ބަކާ] އަކީ ދީނީ ކަންކަމަށް ފަރުވާތެރިވި ވަރަށް ގާތް އަހެއް. ނަމާދުތަކަށް ފަރުވާތެރިކަން ބެހެއްޓި،" އަލީ ޒާހިރުގެ އެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އަލީ ޒާހިރު ވިދާޅުވީ ބަކާ އަކީ ދީނީ ކަންކަމަށް އަހަމިއްޔަތުކަން ދިން، ގާތްކަން ބޭއްވި މީހެއް ކަމަށެވެ.
ބަކާގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު
ބަކާގެ މަރަކީ ފުޓްބޯޅައަށް ފޫނުބެދޭވަރުގެ ގެއްލުމެއް
ފުޓުބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބޮލަށް ލިބުނު އަނިޔާގައި ލެޖެންޑް ގެރީ ޝޯ މަރުވެއްޖެ
ބަކާގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި
ބަކާ އެންމެ ފަހުން އެދުނީ ދުއާ ފޮތަކަށް!
"ހަވާލުވި ހުރިހާ ހައްޖުވެރިން ވެކްސިން ފުރިހަމަކުރި"
ކުއްލިއަކަށް ހާލު ގޯސްވެ ބަކާ އައިސީޔޫގައި
ޒައިދާން އަބަދުވެސް ދެއްކީ އެމްއެންޑީއެފަށް އޮތް ލޯބި