Roadha Mihaaru
ފުޓުބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ

ފުޓުބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ

25 ޖޫން 2024

ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސް ވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް ދެންމެ ނިޔާވެއްޖެ އެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސް ވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް ދެންމެ ނިޔާވެއްޖެ އެވެ.

އުމުރުން 38 އަހަރުގެ ބަކާ ވަނީ، މިދިޔަ ހައްޖު މޫސުމުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ދެއްވި ހައްޖު ދަތުރެއްގައި، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ހަވާލުގައި ދިޔަ ހައްޖާޖީންގެ ވަފުދުގައި ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.

އޭނާ މިއަދު ނިޔާވީ ހައްޖު ދަތުރު ނިންމައި، މީގެ ތިން ދުވަސް ކުރިން ރާއްޖެ އައި ތަނާ ގަދަ ހުމެއް އައިސްގެން އޭޑީކޭ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭޑީކޭ އަށް އޭނާ ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ.

އައްޑޫ ހިތަދު އަށް އުފަން ބަކާ ފުޓުބޯޅައިގައި ވިދަން ފެށީ އެ ރަށުގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ އައިއެފްސީންނެވެ. އެއީ އޭނާގެ އުމުރުން 19 އަހަރުގައި 2004 ގަ އެވެ.

ބަކާގެ ގާތް މީހަކު ބުނީ، އޭނާގެ ފުއްޕާމޭގައި ވަރަށް ބޮޑަށް އިންފެކްޝަން އުފެދިފައިވާ ކަމަށް ހެދި ބައެއް ޓެސްޓްތަކުން ދައްކާ ކަމަށެވެ. އޭޑީކޭ އަށް އޭނާ ގެންދިޔައީ ޖެހުނު ގަދަ ހުމުގައި ގައިން ވަރު ދޫވުމުންނެވެ.

ރާއްޖެ އާއި ސްރީ ލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތް ރާއްޖެ އަށް ކާމިޔާބުކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ.

މިޔަންމާ ލީގުގެ ކޭބީޒެޑް އެފްސީ އަށް ވެސް 2015 ގައި ކުޅުނު ބަކާ، ވަނީ އެ އަހަރު އެ ގައުމުގެ ލީގުގެ ދެވަނަ އެ ކްލަބުން ހޯދި އިރު މޮޅު ކުޅުމެއް ދައްކާފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ޓޮޕް ޑިވިޝަނުގައި އެންމެ ފަހު ދެ ސީޒަންގައި އޭނާ ކުޅެފައެއް ނުވެ އެވެ. އެއީ އަނިޔާ އާއި ފިޓްނަސް މައްސަލަތަކުގެ ސަބަބުންނެވެ. ނަމަވެސް ބަކާ އޭރު ބުނީ ކުޅުން ހުއްޓާ ނުލާ ކަމަށެވެ.

ކުރީގެ ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) އައިއެފްސީ އަށް ބަދަލުވެ، އެ ކްލަބުން އޭނާ ފުރުސަތު ދިން ޒުވާން ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެ އެވެ. އޭނާ އަށް ވަނަމަކަށް، ބަކާގެ ނަން ހަރު ކުރީ ވެސް މާއްޓޭ އެވެ. އެއީ ވިކްޓަރީ އޭގެ ކުރިން ކުޅުނު ބަކާ ކިޔާ ބިދޭސީ މިޑްފީލްޑަރެއްގެ ނަމަށް ނިސްބަތްކޮށް، މާއްޓޭ ދިން ނަމެކެވެ.

ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ރާއްޖޭގެ ޓީމުގައި ވެސް އޭނާ ހިމެނުނެވެ. އެ ޓީމުގައި ހިމެނުނު އެންމެ ދޮށީ ކުޅުންތެރިޔަކީ ބަކާ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ ކްލަބް އީގަލްސް އަށެވެ. އެއީ 2021 ގެ އޭއެފްސީ ކަޕް ކޮލިފައިން ބުރުގެ އެންމެ ފަހު މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ.

އޭނާ ވަނީ "ހަވީރު" ނޫހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް 2010 ގައި ހޯދާފަ އެވެ. ބަކާގެ އަމިއްލަ ފުޓްބޯޅަ އެކަޑަމީއެއް ވެސް ހއ. ދިއްދޫގައި 2019 ވަނަ އަހަރު ހުޅުވި އެވެ.