18 އެޕްރީލް 2021
"މިއަދު ގެއްލިގެން އެ ދިޔައީ ދައްތައެއް، އެކުވެރިއެއް އަދި އެތައް ދަރިންނެއްގެ ތައުލީމަށް އެތައް ކުރިއެރުމެއް ހޯއްދަވައިދެއްވި ގައުމުގެ އަންހެން ދަރިއެކެވެ."
"މިއަދު ގެއްލިގެން އެ ދިޔައީ ދައްތައެއް، އެކުވެރިއެއް އަދި އެތައް ދަރިންނެއްގެ ތައުލީމަށް އެތައް ކުރިއެރުމެއް ހޯއްދަވައިދެއްވި ގައުމުގެ އަންހެން ދަރިއެކެވެ."
މިއީ އިއްޔެ އަވަހާރަވި ނާއިލާ އިބްރާހިމް ކަލޭފާނުގެ ވަކިވެދިއުމުގެ ހިތާމައިގެ ޝުއޫރު، ރާއްޖޭގެ މަޝްހޫރު އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަރިޔަމް ވަހީދާ އޭނާގެ ފޭސްބުކްގައި ފާޅުކުރެއްވި އިރު ބޭނުންކުރެއްވި އެއް އިބާރާތެވެ.
އެ އިބާރާތުން އެކަނި ވެސް ނާއިލާގެ ތައުލީމީ ޚިދުމަތުގެ އަގު އަންދާޒާކޮށްލެވެ އެވެ. އެކަމަނާގެ މިޒާޖުގައި ހުރި ގާތް، އެކުވެރިކަމުން އެތައް ބައެއްގެ ހިތުން ހޯއްދެވި ލޯބި ވަޒަންކޮށްލެވެ އެވެ.
ސަރުކާރުގެ ޚިދުމަތުގަ އާއި އަންހެނުންގެ ހައްގުގެ އިތުރުން އިޖުތިމާޢީ އެތައް ކަމެއްގައި މުޅި އުމުރުހެން ހޭދަކުރެއްވި މަރިޔަމް ވަހީދާ އަކީ ނާއިލާއާ އެކު ސްރީ ލަންކާގައި ތައުލީމު ހާސިލްކުރެއްވި އެއް ބޭފުޅެވެ.
ނާއިލާ: އަމީނިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޖަމީލާ އާ އެކު
އެކަމަކު ދިވެހި އެތައް ހާސް އަންހެން ދަރިވަރުންނަކަށް ނާއިލާ ދަސްވެ، އެނގި، އަދި އިހުތިރާމާއި ގާތްކަމުގެ ލޯބި ހިތުގައި ބިންވަޅު ނެގިފައި އޮންނާނީ 1972 އިން ފެށިގެން އަމީނިއްޔާ ސްކޫލްގައި ޓީޗަރަކަށް އުޅުއްވި އިރު އެވެ. ނާއިލާގެ ދަރިވަރުންގެ ތެރޭގައި ވަރަށް ކާމިޔާބު އަދި ރާއްޖޭގެ މަތީ މަގާމުތައް ފުރުއްވި އަދި މިހާރު ވެސް ފުރުއްވަމުން ގެންދަވާ ނުވަތަ ގައުމީ ޚިދުމަތުގެ ތެރެއިން ނަން މަޝްހޫރުވި އެތައް ބަޔަކު ހިމެނެ އެވެ: މިނިސްޓަރުންނެވެ. ޑޮކްޓަރުންނެވެ. ނަރުހުންނެވެ. ޕްރިންސިޕަލުންނާއި ޓީޗަރުންނެވެ. ކުޅިވަރުގެ ތަރިންނެވެ.
ރާއްޖޭގެ އޭރުގެ އެންމެ ބޮޑު އެއް މަހުޖަނު ދިއްދޫ އިބްރާހިމް ކަލޭފާނުގެ ދޮށީ ދަރިކަނބަލުން ތައުލީމު ހޯއްދަވަން ސްރީ ލަންކާގައި 10 އަހަރު ހޭދަކުރެއްވި އެވެ. އޭގެ ފަހުން އެކަމަނާ ވަޑައިގަތީ ނިއު ޒީލެންޑަށެވެ. ނާއިލާ ވެވަޑައިގަތީ ނިއު ޒީލެންޑުން މަތީ ތައުލީމު އެންމެ ފުރަތަމަ ހާސިލްކުރެއްވި ދިވެހިންގެ ތެރޭގަ އެވެ. އެނބުރި ރާއްޖެ ވަޑައިގެން އިނގިރޭސި އަދި ހިސްޓަރީ ޓީޗަރެއްގެ ގޮތުން އަމީނިއްޔާގައި ޚިދުމަތް ފެއްޓެވި ހިސާބުން ވެސް އެކަމަނާ އަކީ ދަރިވަރުންގެ މެދުގައި "ތަރިއެކެ"ވެ. އޭރު އަމީނިއްޔާ އާއި މަޖީދިއްޔާ ސްކޫލްގައި އިނގިރޭސި ބަހުން މާއްދާތައް ކިޔަވައިދެނީ މުޅިންހެން ސްރީ ލަންކާގެ ޓީޗަރުންނެވެ. އެހެންކަމުން ތަމްރީން ލިބިވަޑައިގެން ހުންނެވި ދިވެއްސަކު ޓީޗަރެއްގެ ގޮތުން ފެނުމުން ވެސް ދަރިވަރުންގެ ލޯބި ބޮޑުވި އެވެ. އެކަމަކު ނާއިލާއަށް އެ ލޯބި ހޯއްދެވުނީ ހަމައެކަނި ބޭރުން ތައުލީމު ހާސިލްކުރައްވައިގެން ހުންނެވުމުން އެކަންޏެއް ނޫނެވެ.
ކިޔަވާދެއްވުން ވެސް، ކިޔަވައިދެއްވުމުގައި ގެންގުޅުއްވި އުކުޅުތަކާއި އުސޫލުތައް ވެސް، އަދި ދަރިވަރުންނާ މެދު ބެހެއްޓެވި ގާތްކަން ވެސް ފުރޮޅިގެން ދިޔައީ، އެތައް ހާސް އަންހެން ދަރިވަރުންނެއްގެ ތައުލީމީ ހަޔާތަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމަކަށެވެ.
ނާއިލާއަކީ "އަޅުގަނޑަށް ފެނުނު އެންމެ ވިސްނުން ތޫނު އެއް ޓީޗަރެވެ،" އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަރު ފަރަހަނާޒް ފައިސަލް، އިނގިރޭސި ބަހުން ފޭސްބުކްގައި ލިއުއްވި އެވެ.
"އެކަމަނާ ނަގައިދެއްވި އިނގިރޭސި އާއި ހިސްޓަރީ ފިލާވަޅުތައް އަދިވެސް އަޅުގަނޑުގެ ހަނދާނުގައި އެބަ ހުއްޓެވެ. އަދި އެ ދެ މާއްދާއިން ޖީސީއީ އޯ ލެވެލްގައި މަތީ މާކްސް އަޅުގަނޑަށް ލިބުނީ އެކަމަނާގެ ކިޔަވައިދެއްވުމުން ކަމާ މެދު ޝައްކެއް ނެތެވެ."
ނާއިލާ: ހިތްހެޔޮ ބޭފުޅެއް
ހަމައެކަނި ފަރަހަނާޒް އެކަންޏެއް ނޫނެވެ. އޭނާ ފަދަ އެތައް ބޭފުޅުންނެއް މިއަދު ވެސް ތަކުރާރުކުރައްވަނީ ނާއިލާގެ އެ ހުނަރުގެ ވާހަކަ އެވެ. އަމީނިއްޔާގެ ޕްރިންސިޕަލްކަން ކުރެއްވި އަދި ފަހުން މިނިސްޓަރެއްގެ ގޮތުން ވެސް ޚިދުމަތްކުރެއްވި ޑރ. އާމާލް އަލީ ވިދާޅުވީ ނާއިލާއަކީ "ކިޔަވައިދެއްވުމުގައި އާދަޔާ ޚިލާފު އުކުޅުތައް ގެންގުޅުއްވި ބޭފުޅެއް" ކަމަށެވެ.
"އެއީ އަބަދުވެސް ވަރަށް ހިތްހެޔޮ، ކަންކަމުގައި އުފާވެރިކަން ގެނުވާ ޝަހުސިއްޔަތެއް،" ޑރ. އާމާލް ވިދާޅުވި އެވެ.
ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އަމީނިއްޔާގެ އެތައް ދަރިވަރުންނެއް އިއްޔެ ފާޅުކުރީ އަދި މިހާރު ވެސް ފާޅުކުރަމުން ގެންދަނީ އެފަދަ ޝުއޫއުތަކެވެ. އެއިން އެނގެނީ ތައުލީމީ ގޮތުން ދިވެހި ދަރިވަރުން ދުނިޔޭގެ ފެންވަރުގެ ނަތީޖާތައް ހޯދުން އާންމު ނޫން ދުވަސްވަރުން ފެށިގެން މިއަދު މި ދެކޭ "ގަދަ 10"ގެ ފެށުން ރާއްޖޭގެ ތައުލީމީ އޮނިގަނޑުގެ ތެރެއިން ފާއްދާލި އިރު ވެސް، އަމީނިއްޔާގައި ނާއިލާގެ ދައުރު ބޮޑުކަމެވެ. އެކަމަނާގެ އަޅާލެއްވުން ކޮންމެވެސް ސިފައެއްގައި ނުލިބޭ ދަރިވަރަކު، އެ ސްކޫލުން އޭރު ނުކުމެފައި ނުވާ ކަމެވެ.
ޓީޗަރުން ފަދަ ވަޒީފާތަކަށް ދިވެހި އަންހެނުން ބީރައްޓެހި ޒަމާނެއްގައި އަދި ދިވެހި ފިރިހެނުންނަށް ވުރެ ވެސް މަތީ ތަމްރީނާއި ހުނަރާއި މައުލޫމާތުގެ މުއްސަނދިކަމުގައި ނާއިލާ ދިވެހި ދަރިވަރުންނަށް އިލްމީ ފިލާވަޅުތައް އުނގަންނައިދެއްވީ، ހަމައެކަނި އެ ދަރިވަރުންނަކަށް ނޫނެވެ، މުޅި ގައުމަށް ވެސް މިސާލު ދައްކަވަމުންނެވެ.
ނާއިލާ، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރާ އެކު
ނާއިލާގެ އެ ނަމޫނާއިން އޭރުގެ ދިވެހިންނަށް ފެނުނީ ގައުމު ބިނާކުރުމުގައި އަންހެނުންގެ އިލްމާއި ހޭލުންތެރިކަމާއި އަމަލީ މަސައްކަތުގެ މުހިންމުކަމެވެ. ދިވެހި އެތައް ހާސް އަންހެން ދަރިވަރުންނަކަށް ދުނިޔޭގެ އަސްލު ސޫރަ ދަސްކޮށްދެއްވައި، ހަޔާތުގައި ކުރިއެރުމުގެ ފުރަތަމަ ފިޔަވަޅު ކާމިޔާބުކޮށްދެއްވުމަކީ، ލަފުޒުތަކަކުން ސިފަކޮށްދެވޭ ވަރަށް ވުރެ ބޮޑު މަސައްކަތެކެވެ. މިއީ ގައުމެއްގެ ތާރީޚުގައި ވެސް އާދައިގެ މިސާލެއް ނޫނެވެ. އެހެންކަމުން ނާއިލާގެ ނަންފުޅު ހަގީގަތުގައި ހިމެނެންވާނީ ގައުމީ ހިދުމަތްތެރިންގެ ފުރަތަމަ ސަފުގަ އެވެ.
ނާއިލާއަކީ ހއ. ދިއްދުއަށް އުފަން ބޭފުޅެކެވެ. އެއީ ރާއްޖޭގެ އޭރުގެ އެންމެ ބޮޑު އެއް މަހުޖަން ދިއްދޫ އިބްރާހިމް ކަލޭފާނު (ވިޔަފާރީގެ މަޝްހޫރު ނަމުން ނަމަ ޑީއައިކޭ ކަލޭފާނު)ގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަކު ކަލޭފާނާ އެކު ވަރަށް ތުއްޕުޅުއިރު މާލެ ވަޑައިގެންނެވި ގޮތަށް އުޅުއްވީ މާލޭގަ އެވެ. ބޭރުން ތައުލީމު ހާސިލްކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ޑރ. މުހައްމަދު ޒާހިރު ހުސެއިންއާ ކައިވެނި ބައްލަވައިގަތެވެ.
މިސްރުގެ އަޒްހަރު ޔުނިވަސިޓީން ކިޔަވާވިދާޅުވި ޑރ. ޒާހިރު ވެސް އޭރު އުޅުއްވީ އަމީނިއްޔާގެ ޓީޗަރަކަށެވެ. ފަހުން އެމަނިކުފާނު ވަނީ އެޑިޔުކޭޝަން މިނިސްޓަރުކަމާއި ޔޫތު އެންްޑް ސްޕޯޓްސް މިނިސްޓަރުކަން ވެސް، ދިގު މުއްދަތެއްގައި، ކުރައްވައިފަ އެވެ. މިހާރު ހުންނެވީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލާގެ މަގާމުގަ އެވެ.
ނާއިލާގެ "ޒީނާރު": ރާއްޖޭގައި ނުކުތް ކެއްކުމާ ބެހޭ ފޮތްތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ފޮތް
ދައުލަތުގެ މަތީ މަގާމެއްގައި ފިރިކަލުން އުޅުއްވިޔަސް ނާއިލާގެ ވަޒީފާ އެގޮތުގައި ކުރިއަށް ގެންދެވި އެވެ. ޓީޗަރެއްގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވީ ދެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ލުބުނާ ޒާހިރު ހުސެއިން އާއި ލީނާ ޒާހިރު ހުސެއިން އަދި ވާއިލް ޒާހިރު ހުސެއިންގެ ކަންކަން ބަލަހައްޓަވަމުން، ގޭތެރޭގެ މަސައްކަތް ވެސް ބަރާބަރަށް ކުރައްވަމުންނެވެ. ޚާއްސަކޮށް އޭރު ރާއްޖެ ދުށް އެންމެ ކުޅަދާނަ ކެއްކުންތެރިންގެ ތެރޭގައި ވެސް ނާއިލާ ހިމެނިވަޑައިގަތުމުން، އެކަމަނާ އަކީ އާދަޔާ ހިލާފު ހުނަރުވެރިއެއްކަން އެނގެ އެވެ.
ކުދިންނަށް އުނދަގޫ ކަމެއް ނެތި ވިސްނޭ ގޮތަށް ފިލާވަޅެއް ނަގައިދެއްވުން ނާއިލާއަށް ފަސޭހަވި ގޮތަށް ކެއްކުމަކީ ވެސް އެކަމަނާއަށް އެހާމެ ފަސޭހަ ކަމެކެވެ. މީގެ ހަތަރު އަހަރު ކުރިން އަޅުގަނޑު ކައިރީ ނާއިލާ ވިދާޅުވީ އެ ވާހަކަފުޅެވެ.
ނާއިލާ ބަދިގެއަށް ވެންނެވީ ކައިވެނިފުޅަށް ފަހު އެވެ.
"އޭގެ ކުރިއަކުން އަޅުގަނޑު ކައްކައެއް ނޫޅެން. އެކަމަކު ފަހުން އަޅުގަނޑަށް އެނގުނީ ކެއްކުމަކީ އުނދަގޫ ކަމެއް ނޫންކަން،" އޭރު ވެސް އާލާސްކަންފުޅާ އުޅުއްވި ނާއިލާ އެ އިންޓަވިއުގައި ވިދާޅުވި އެވެ.
ނާއިލާ، ފިރިކަލުން ޑރ. ޒާހިރު އާއި ތިން ބޭފުޅުންނާ އެކު
ވަކި ކަމެއް ކުރަން ފަސޭހަވަނީ ހަގީގަތުގައި އެ ހުނަރު އަށަގަތުމުންނެވެ. އެ ހުނަރުން ތިމާ މީހަކަށް ހަދައިދެ އެވެ. ނާއިލާއަކީ އެކަމަނާ ނުކުންނެވި ކޮންމެ ކަމެއްގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ކެއްކުމުގެ ދާއިރާ އިން އޭރު ދިވެހި ބަހުން ނެރުނު މަދު ފޮތްތަކުގެ ތެރޭގައި ހިމެނޭ "ޒީނާރު" އެއީ، އެފަދަ އިސް ދައުރެކެވެ. ސޮސައިޓީ ފޯ ހެލްތު އެޑިޔުކޭޝަން، މަޝްހޫރު ނަމުން ނަމަ "ޝީ" އަކީ އޭރުގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހިމާއި ޑރ. ނާއިލާ ފިރުދައުސްއާ އެކު ނާއިލާ ފެއްޓެވި އިޖުތިމާއީ ދާއިރާގެ ހިލޭސާބަހުގެ ލާމަސީލު މަސައްކަތެކެވެ. އަދި ޑޭ ކެއާގެ ޚިދުމަތް މާލެއަށް ފުރަތަމަ ތައާރަފުކުރެއްވުމުގައި ވެސް ނާއިލާ ހުންނެވީ އިސް ސަފުގަ އެވެ. އެއީ ވަޒީފާ އަދާކުރާ އެކަމަކު ވަކިން އުޅޭ ދެމަފިރިންނަށާއި އެކަނި ދަރިން ބަލަމުން، ވަޒީފާއަށް ނުކުންނަ އަންހެނުންނަށް ވަރަށް މުހިންމު ޚިދުމަތެކެވެ.
ނާއިލާ ކިޔަވާވިދާޅުވާން އުޅުއްވި ދުވަސްވަރު ނިއު ޒިލެންޑްގައި
އެ ޚިދުމަތްތެރިޔާ، އުމުރުފުޅުން 72 އަހަރުގައި، ފިރިކަލުންނާއި ތިން ބޭފުޅުންނާއި ހަތް މާމަ ބޭފުޅުންނާއި މުނިމާމަ ބޭފުޅަކު ދޫކުރައްވައި އިއްޔެ އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވައިފަ އެވެ. އަވަހާރަވުމުގެ ކުރިން ހާލުކޮޅު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކުރި ކޮންމެ ފަހަރަކުހެން، ދެއްކެވީ ހިތްވަރުފުޅު ގަދަކަމާއި ކެތްތެރިވުމުގެ ސިފަ އެވެ.
ސްރީ ލަންކާގައި ތައުލީމު ހާސިލްކުރެއްވި އިރު އެކުގައި އުޅުއްވި މަރިޔަމް ވަހީދާ ވިދާޅުވެފައި އެވަނީ ވަރަށް ބޮޑު ތެދެކެވެ:
"މިއަދު ގެއްލިގެން އެ ދިޔައީ ދައްތައެއް، އެކުވެރިއެއް އަދި އެތައް ދަރިންނެއްގެ ތައުލީމަށް އެތައް ކުރިއެރުމެއް ހޯއްދަވައިދެއްވި ގައުމުގެ އަންހެން ދަރިއެކެވެ."
އެއަށް އިތުރުކޮށްލަން ބޭނުންވަނީ މި ތަންކޮޅެވެ:
އަޅުގަނޑުމެންނާ މިއަދު ވަކިވެގެން އެދިޔައީ ވަރަށް މަދުން ނޫނީ ދިވެހި ގައުމުން ނުފެންނަ ޝަހުސިއްޔަތެކެވެ.
ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ނާއިލާ އަވަހާރަވެއްޖެ
ސީއެޗްއެސްއީގެ ފުރަތަމަ ޕްރިންސިޕަލް އަވަހާރަވެއްޖެ
މަޝްހޫރު ހިސާބު ޓީޗަރު މަނިކު ނިޔާވެއްޖެ
ދަރިވަރުންގެ ލޯތްބާ އެކު އުމުރުގެ ބޮޑު ބައި ރާއްޖޭގައި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
ފަތުހުﷲ: ދަރިވަރުންނާއި ޓީޗަރުންގެ ދިވެހި ޓީޗަރު
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!