Roadha Mihaaru
ދެ ހަރަމްފުޅުގެ ހަރިންމަ ތެރޭގައި ނަމާދުކުރުން މަނާ

ކޮވިޑް-19: ދެ ހަރަމްފުޅުގެ ހަރިންމަ ތެރޭގައި ނަމާދުކުރުން މަނާ

20 މާޗް 2020

މައްކާ (މާޗް 20) - ކޮރޯނާވައިރަސް ހުއްޓުވަން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއާގެ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހަރިންމަ ތެރޭގައި ނަމާދު ކުރުން ވަގުތީ ގޮތުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މައްކާ (މާޗް 20) - ކޮރޯނާވައިރަސް ހުއްޓުވަން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއާގެ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހަރިންމަ ތެރޭގައި ނަމާދު ކުރުން ވަގުތީ ގޮތުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

ހަރިންމަ ތެރެއަށް ވަނުމުގެ ހުއްދަ ވެސް މިހާރު ދެނީ މަދު ބަޔަކަށް ކަމަށްވާތީ މައްކާގެ މަސްޖިދުލް ހަރަމް އާއި މަދީނާގެ މަސްޖިދުއްނަބަވީގައި ޖަމާއަތުގައި މި ދުވަސްވަރު ނަމާދު ކުރެވެނީ ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ. މަސްޖިދުލް ހަރަމްގެ ފުރަތަމަ ފަންގިލާގައި ޑރ. ސައުދު އަލް ޝުރައިމް އިމާމުވެ ކުރެއްވި ރޭގެ ފަތިސް ނަމާދުގެ ޖަމާއަތުގައި ވެސް ބައިވެރިވެފައި ވަނީ މަދު ބައެކެވެ. އަދި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތުގައި ޝެއިޚް އަބްދުއްރަހުމާން ޚުޒައިފީ އިމާމުވެ ކުރެއްވި ފަތިސް ނަމާދުގެ ޖަމާއަތުގައި ވެސް ބައިވެރިވީ މަދު ބައެކެވެ. އާއްމުންނަށް ހުޅުވާނުލި ނަމަވެސް ދެ މިސްކިތުގައި ފަސް ވަގުތު ނަމާދު ކުރާނެ އެވެ.

ރޭގެ ފަތިސް ނަމާދުގެ ކުރިން މަސްޖިދުއްނަބަވީގެ ދޮރާށިތައް ވަނީ ބަންދުކޮށްފަ އެވެ. މިސްކިތުގެ ހަރިންމަ އަށް ވައްދާފައި ވަނީ މަދު ބައެކެވެ.

މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ އަށް ދެވެން އޮންނަ މަގުތައް ބަންދުކޮށް ދެ މިސްކިތުގެ ކާރު ޕާކިން ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ސައުދީން ކުރިން ވަނީ ދެ ހަރަމްފުޅު ފިޔަވައި އެހެން މިސްކިތްތަކުގައި ނަމާދު ކުރުން ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް 274 މީހުން ސައުދީން މިހާތަނަށް ވަނީ ފެނިފަ އެވެ. ސައުދީ އަރަބިއާ އިން މިހާރު ވަނީ ބައިނަލްއަގުވާމީ ހުރިހާ ވައިގެ ދަތުރުތަކެއް ހުއްޓާލައިފަ އެވެ.