Roadha Mihaaru
ހަރަމްފުޅުގެ ތަޅުމުގެ ފިނިކަމުގެ ސިއްރަކީ ކޮބާ؟

ހަރަމްފުޅުގެ ތަޅުމުގެ ފިނިކަމުގެ ސިއްރަކީ ކޮބާ؟

13 އެޕްރީލް 2023

ޢުމްރާ އަށް ނުވަތަ ހައްޖަށް މައްކާ އަށް ޒިޔާރަތްކުރާ ކޮންމެ މީހަކުމެ އެންމެ ޝައުގުވުރިވާ ތަނަކީ މައްކާގެ މަސްޖިދުލް ހަރާމް (މައްކާ ޙަރަމްފުޅު) އެވެ. ގަނޑުވަރެއް ފަދައިން އުސްކޮށް ބިނާކޮށްފައި ހުރި އިމާރާތުގެ ބިޔަ ދޮރޯށި ތެރެއިން ވަދެގެން ގޮސް، މާތްވެގެންވާ ގެފުޅު ހަމަލޮލަށް ފެންނަން ފަށާ ވަގުތު ހިތަށް އެ ލިބެނީ ބަޔާންނުކުރެވޭ ފަދަ ފިނިކަމަކާއި އުފާވެރިކަމެކެވެ.

ޢުމްރާ އަށް ނުވަތަ ހައްޖަށް މައްކާ އަށް ޒިޔާރަތްކުރާ ކޮންމެ މީހަކުމެ އެންމެ ޝައުގުވުރިވާ ތަނަކީ މައްކާގެ މަސްޖިދުލް ހަރާމް (މައްކާ ޙަރަމްފުޅު) އެވެ. ގަނޑުވަރެއް ފަދައިން އުސްކޮށް ބިނާކޮށްފައި ހުރި އިމާރާތުގެ ބިޔަ ދޮރޯށި ތެރެއިން ވަދެގެން ގޮސް، މާތްވެގެންވާ ގެފުޅު ހަމަލޮލަށް ފެންނަން ފަށާ ވަގުތު ހިތަށް އެ ލިބެނީ ބަޔާންނުކުރެވޭ ފަދަ ފިނިކަމަކާއި އުފާވެރިކަމެކެވެ.

މިސްކިތުގެ ތަޅުން ހުރަސްކޮށް ގެފުޅާ ދިމާލަށް ކުރިއަށް ޖެހި، ގެފުޅުގެ ވަށައިގެން އޮންނަ މަޠާފް (ޠަވާފްކުރާ ސަރަހައްދު) ގައި ފައި ތިލަ ޖެހުމާ އެކު، ފައިގެ ދަށް ފުށުން ފެށިގެން މުޅި ހަށިގަނޑަށް ފެތުރިގެން އެ ދާ ފިނިކަމާ މެދު ކޮންމެ މީހެއްގެ ހިތުގައި ވެސް ސުވާލު އުފެދޭނެ އެވެ. ކިތަންމެ ފިންޏަސް އަދި ކިތަންމެ ހޫނަސް، ދުވާލު ވެސް އަދި ރޭގަނޑުވެސް ހަމަ އެއް މިނެއްގައި އެ ފިނިކަން އިހްސާސް ކުރެވޭނެ އެވެ.

މައްކާގެ ހަރަމްފުޅުގައި ތާސޮސް މަރުމަރު ހިލަ ޖެހުމުގެ މަސައްކަތް 1979 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ދަނީ

މައްކާގެ ހަރަމްފުޅުގައި ތާސޮސް މަރުމަރު ހިލަ ޖެހުމުގެ މަސައްކަތް 1979 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ދަނީ

މައްކާގެ ޙަރަމްފުޅާ އެއްފަދައިން މަދީނާގެ ހަރަމްފުޅުގެ ތަޅުމުން ވެސް ހަމަ މި ފިނިކަން އިޙްސާސް ކުރެވޭނެ އެވެ. އަދި މޫސުން ބަދަލުވިޔަސް ނުވަތަ ހޫނުމިން އާދަޔާ ޚިލާފަށް މަތިވިޔަސް، ހަމަ އެ ފިނކަން އިހްސާސް ކުރެވޭނެ އެވެ.

މައްކާ ހަރަމްފުޅު ސަރަހައްދުގެ ހޫނުމިން 50 ޑިގްރީ ސެލްސިއަސް ފަހަނައަޅައި ދާއިރު ވެސް، މަޠާފްގެ ތަޅުމުގައި އެ ހުންނަ ފިނިކަމަށް ބަދަލެއް ނާދެ އެވެ. މިއީ އެއާ ކޮންޑިޝަނާއި ފިނިކުރެވޭނެ އެހެން ވަސީލަތްތަކުގެ ޒަމާންކަމަށް ވުމުން، މާ ބޮޑު ވިސްނައިލުމެއް ނެތި ގިނަ ބަޔަކަށް ގަބޫލު ކުރެވޭނީ، މަޠާފްގެ ތަޅުންގަނޑުގެ އަޑީގައި ފިނިކޮށްދޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށެވެ.

ގްރީސްގެ ތާސޮސް ޖަޒީރާގައި ހުންނަ ފަރުބަދައިން ހުދު ކުލައިގެ މަރުމަރު ހިލަ ކެނޑުމުގެ މަސައްކަތް ކުރިއަށް ދަނީ

ގްރީސްގެ ތާސޮސް ޖަޒީރާގައި ހުންނަ ފަރުބަދައިން ހުދު ކުލައިގެ މަރުމަރު ހިލަ ކެނޑުމުގެ މަސައްކަތް ކުރިއަށް ދަނީ

ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. މަޠާފްގެ ތަޅުމުގައި ހުންނަ ފިނިކަމުގެ އަސްލަކީ، ގެފުޅުގެ ވަށައިގެން ޖަހާފައި ހުރި ހުދު ކުލައިގެ މަރުމަރު ހިލަ އެވެ. މުޅި ދުނިޔޭގައި ވެސް މި ބާވަތުގެ މަރުމަރު ހިލަ ހުންނަނީ، އޭޖީ ކަނޑުގެ އައްސޭރީގައި، ގްރީސްގެ އުތުރުގައި އޮންނަ ގްރީކްގެ ރަށެއް ކަމަށްވާ ތާސޮސް ޖަޒީރާގަ އެވެ. އެހެންކަމުން މި ބާވަތުގެ މަރުމަރު ހިލަ އަށް ކިޔަނީ "ތާސޮސް މާބްލް" އެވެ.

މައްކާގެ ޙަރަމްފުޅު ސަރަހައްދަކީ މަރުމަރު ހިލަ ޖަހައިގެން މިހާތަނަށް ތައްޔާރުކޮށްފައި އޮތް އެންމެ ބޮޑު ސަރަހައްދެވެ. މައްކާގެ ހަރަމްފުޅުގައި ބޭނުންކުރުމަށް ތާސޮސް މަރުމަރު ހިލަ ގެންނަނީ ވެސް، ގްރީކުންނެވެ.

މައްކާގެ ހަރަމްފުޅުގައި ތާސޮސް މަރުމަރު ހިލަ ޖެހުމުގެ މަސައްކަތް 1979 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ދަނީ

މައްކާގެ ހަރަމްފުޅުގައި ތާސޮސް މަރުމަރު ހިލަ ޖެހުމުގެ މަސައްކަތް 1979 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ދަނީ

މަޠާފް ސަރަހައްދުގައި މީގެ އެތައް އަހަރެއް ކުރިން އޮންނަނީ ވެލި ލައި އޮމާންކޮށްފަ އެވެ. އަދި އޭގެ ފަހުން ތަޅުން އަޅައިފަ ވެސް ވަކި ދުވަސްވަރެއްގައި އޮތެވެ. އެއަށް ފަހު، މަޠާފްގައި މަރުމަރު ހިލަ ޖަހައި ޒީނަތްތެރިކުރީ، ގިނަ ބަޔަކަށް އެއްފަހަރާ ޠަވާފް ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، މަޠާފް ބޮޑުކުރުމަށް، ސައޫދީގެ އޭރުގެ ރަސްގެފާނު ޚާލިދު ބިން އަބްދުލް އަޒީޒް، ހިޖްރައިން 1398 (މީލާދީން 1978) ވަނަ އަހަރު ފެއްޓެވި މަޝްރޫއުގެ ތެރެއިންނެވެ.

ތާސޮސް މަރުމަރު ހިލަ އަކީ، އުފެދުމުގައި ވެސް އަދި އެކުލެވިގެންވާ ގޮތަށް ބަލާއިރު ވެސް، އެހެން ކުލަތަކާއި އެހެން ބާވަތްތަކުގެ މަރުމަރު ހިލަތަކާ މުޅިން ތަފާތު ހިލައެކެވެ. އަދި މިއީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ހުދު މަރުމަރު ހިލަ އެވެ.

މައްކާގެ ހަރަމްފުޅުގައި ތާސޮސް މަރުމަރު ހިލަ ޖެހުމުގެ މަސައްކަތް 1979 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ދަނީ

މައްކާގެ ހަރަމްފުޅުގައި ތާސޮސް މަރުމަރު ހިލަ ޖެހުމުގެ މަސައްކަތް 1979 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ދަނީ

ތާސޮސް މަރުމަރު ހިލަ އުފެދިފައި ހުންނަ ގޮތުންނާއި އޭގެ ހުދުކަމުން، އިރުގެ ދޯދިތައް އެ ހިލައިގައި ޖެހުމާއެކު އެނބުރި ފަޒާގެ ތެރެއަށް އަރައިގެން ދެ އެވެ. ނަތީޖާއަކަށް ވަނީ އެ ދޯދިތަކާ އެކުގައިވާ ހޫނުކަން ވެސް، އެ ހިލައިގައި ޖެހުމާ އެކު، ހިލައިގައި ހަރުލުމުގެ ބަދަލުގައި އެނބުރި ފަޒާގެ ތެރެއަށް އަރައިގެން ދިއުމެވެ.

މިއީ އެހެން އެއްވެސް ބާވަތެއްގެ ގްރެނައިޓެއްގައި ވެސް އަދި މާބްލްއެއްގައި ވެސް ހުންނަ ސިފައެއް ނޫނެވެ. އަދި ތާސޮސް މަރުމަރު ހިލައިގައި އެކުލެވޭ ފުއްތަކަކީ ވެސް، އެހެން ބާވަތްތަކުގެ މަރުމަރު ހިލައިގައި އެކުލެވޭ ފުއްތަކަށްވުރެ މާ ކުދި ފުއްތަކެކެވެ. އެހެންކަމުން މި ބާވަތުގެ މަރުމަރު ހިލައަކީ، މަރުމަރު ހިލައިގެ ބާވަތްތަކުގެ ތެރެއިން ވެސް އެންމެ ވަރުގަދަ އަދި ޚާލިސް ބާވަތެވެ.

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ

މަޠާފްގެ ތަޅުމުގައި ޖަހާފައި ހުރި ތާސޮސް މަރުމަރު ހިލައިގެ ބޯމިނަކީ އެންމެ ފަސް ސެންޓިމީޓަރެވެ. މި ބާވަތުގެ މަރުމަރު ހިލައިގެ އެންމެ ޚާއްސަ އަނެއް ސިފައަކީ، އޭގައިވާ ފިނި ހިފެހެއްޓުމުގެ އާދަޔާ ޚިލާފު ގާބިލުކަމެވެ. އެ ބާވަތުގެ ހިލައިގައި ހުންނަ ލޮލަށް ފާހަގަ ނުކުރެވޭހާ ހިމަހިމަ ލޯވަޅުތަކުގެ ޒަރީއާއިން، ޖައްވުގައި ހުންނަ ތެތްކަން ހިލައިގެ އެތެރެއަށް ދަމައިގަނެ އެވެ.

މިހެންވުމުން، ދުވާލުގެ ވަގުތުގައި ތާސޮސް މަރުމަރު ހިލައިގައި ފިނިކަމަށް ވުރެ، ރޭގަނޑުގެ ވަގުތުގައި އެ ބާވަތުގެ ހިލައިގައި ހުންނަ ފިނިކަން ގަދަ އެވެ. ނަމަވެސް އެއީ، ހުސްފައިގައި އުޅޭ މީހަކަށް ވެސް، އުނދަގޫވާ ވަރުގެ ފިންޏެއް ނޫނެވެ.

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ

އަދި ދުވާލުގެ ވަގުތު ޖެހުމުން، ހިލައިގެ އެތެރޭގައި ރައްކާކޮށްފައި ހުރި ތެތްކަން އޭގެ ހިމަހިމަ ލޯވަޅުތަކުގެ ޒަރީއާއިން ބޭރުކުރަން ފަށަ އެވެ. އަދި އެ ތެތްކަން ހިލައިގެ މަތީ ފަށަލައިގައި ހަރުލާ ހުރުމުންނާއި، ހިލައިގެ މަތީ ފަށަލައިގައި ޖެހޭ އިރު ދޯދިތައް އަނބުރައި ފޮނުވައިލާތީ، ކިތަންމެ ހޫނު ގަދަ ދުވަހެއްގައި ވެސް، އެ ބާވަތުގެ ހިލައިން އަބަދުވެސް ފިނިކަން އިހުސާސް ކުރެވޭނެ އެވެ.

ސައޫދީ އަރަބިއްޔާ އަށް ބޭނުންވާ މި ބާވަތުގެ ހިލަ ގްރީކުން އެކްސްޕޯޓް ކުރަނީ ބޮޑެތި އެތިގަނޑުގަނޑުގެ ގޮތުގަ އެވެ. އެއަށް ފަހު ސައޫދީގައި އަމިއްލަ މީހުން ހިންގާ ޚާއްސަ ކާރުޚާނާތަކެއްގައި އެ ހިލަގަނޑުތައް، ބޭނުންވާ ބޯމިނަކަށް އަދި ބޭނުންވާ ބޮޑުމިނަކަށް ކަފައި، ޝީޓްތަކެއްގެ ގޮތުގައި ތައްޔާރުކުރެ އެވެ. އެ މަސައްކަތް ކުރިއަށް ދާއިރު، ކަނޑައެޅިފައިވާ މިންގަނޑުގައި އެ ޝީޓްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ޚާއްޞަ ފަންނީ ޓީމެއް ހަރަކާތްތެރިވާނެ އެވެ.

މައްކާގައި ހުންނަ މަސްޖިދުލް ޙަރާމް

މައްކާގައި ހުންނަ މަސްޖިދުލް ޙަރާމް

މަޠާފްގައި ތާސޮސް މަރުމަރު ހިލައި ޖަހާފައިވަނީ، އެ ތަނުގެ އަޑީގައި އެތައް ނިޒާމެއް ގާއިމުކުރުމަށް ފަހު އެވެ. އޭގެ ތެރެއިން އެއް ނިޒާމަކީ، މަޠާފްގެ އަޑީގައިވާ ފެން ހިންދާ ނިޒާމެވެ. ވާރޭ ވެހުމުން މަޠާފް ސަރަހައްދަށް ޖަމާވާ ހުރިހާ ފެނެއް މަދު މިނެޓްކޮޅެއްގެ ތެރޭގައި ހިންދައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

މަޠާފްގެ އަޑީގައިވާ އަނެއް މުހިންމު ނިޒާމަކީ ޒަމްޒަމް ވަޅުން ފެން ނެގުމުގެ ނިޒާމެވެ. މައްކާ އާއި މަދީނާގެ ހަރަމްފުޅަށް ބޭނުންވާ މިންވަރަށް ޒަމްޒަމް ފެން ނެގޭނެ ޒަމާނީ ވަސީލަތްތައް، މަޠާފްގެ އަޑީގައި ގާއިމުކޮށް، ޒަމްޒަމް ވަޅާ ވަނީ ގުޅައިފަ އެވެ. އަދި ޒަމްޒަމް ވަޅުން ނަގާ ފެން، ހަރަމްފުޅުން ބޭރުގައި ގާއިމުކޮށްފައި ހުންނަ ޚާއްސަ މަރުކަޒަކަށް ޖަމާކުރުމަށް ފަހު، މައްކާގެ ހަރަމްފުޅުގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުންނަ އިސްކުރުތަކަށް ފެން ފޮނުވޭނެ ނިޒާމު ވަނީ ގާއިމުކޮށްފަ އެވެ.