Roadha Mihaaru
ރޯދަ ނިމެންދެން ސައޫދީ އަށް މޫސުން ގޯސްވާނެ

ރޯދަ ނިމެންދެން ސައޫދީ އަށް މޫސުން ގޯސްވާނެ

09 އެޕްރީލް 2023

މިއަދުން ފެށިގެން މި ރޯދަ މަސް ނިމެންދެން، ސައުދީ އަރަބިއްޔާގެ ގިނަ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.

މިއަދުން ފެށިގެން މި ރޯދަ މަސް ނިމެންދެން، ސައުދީ އަރަބިއްޔާގެ ގިނަ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި މިއަދުން ފެށިގެން ސައޫދީގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރަން ފަށާނެ އެވެ. އަދި އޭގެ ތެރެއިން ބައެއް ސަރަހައްދުތަކަށް މި ރޯދަ މަސް ނިމެންދެން، ބައެއް ދުވަސްދުވަހު ބޯކޮށް ވާރޭ ވެހޭނެ އެވެ.

އޭގެ އިތުރުން ބައެއް ސަރަހައްދުތަކަށް ވެއްޔާއި ހިރަފުހުގެ ތޫފާންތައް އައުން ވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ސްނޯ ފައިބާނެ ކަމަށް ވެސް އެ އިދާރާ އިން ލަފާކުރެވެ އެވެ.

އެޕްރީލް 8، 2023؛ މައްކާގެ މަސްޖިދުލް ހަރާމްގައި އުމްރާވެރިންނަށް ކުޑަ ބަހަނީ.

އެޕްރީލް 8، 2023؛ މައްކާގެ މަސްޖިދުލް ހަރާމްގައި އުމްރާވެރިންނަށް ކުޑަ ބަހަނީ.

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ސައޫދީ އަރަބިއްޔާ އަށް ރަބީއު މޫސުމެވެ. މި މޫސުމުގައި، ގުގުރައި ވިދުމާއެކު ވާރޭ ވެހުމަކީ އާންމުކޮށް ކުރިމަތިވާ ކަމެކެވެ. އަދި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމަކީ އާންމު ކަމެއް ނަމަވެސް، ސްނޯ ފޭބުމަކީ ދާދި ފަހަކުން ކުރިމަތިވާން ފެށި ކަމެއް ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.

ސައޫދީ އަރަބިއްޔާގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ގާސިމް، ރިޔާޒް، އިރުމަތީ ޕްރޮވިންސް އަދި ހުޅަނގުއުތުރު ސަރަހައްދެއް ކަމަށްވާ ހާއިލް އަށް ވެސް މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ވިދައި ގުގުރައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި ހަމަ މި ސަރަހައްދުތަކަށް ބައެއް ދުވަހު ސްނޯ ފައިބައި އަދި ބައެއް ދުވަހު ވެލީގެ ތޫފާންތައް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން، ހުޅަނގުދެކުނު ސަރަހައްދެއް ކަމަށްވާ އާސިރް އާއި ނަޖްރާން، ހުޅަނގުގައި އޮންނަ އަލްބާހާ އާއި ރަތް ކަނޑުގެ އައްސޭރީގައި އޮންނަ އަލްޖީޒާން އާއި މައްކާ އާއި މަދީނާ އަށް ވެސް މިއަދާއި މާދަމާ އާދައިގެ މިންވަރަކަށް ވާރޭ ވެހޭނެ އެވެ. އަންގާރަ ދުވަހު މޫސުން ރީތިވުމަށް ފަހު، ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވެސް، މި ސަރަހައްދުތަކަށް ވާރޭ ވެހޭނެ އެވެ.

އެޕްރީލް 8، 2023؛ މައްކާގެ މަސްޖިދުލް ހަރާމްގައި އުމްރާވެރިންނަށް ކުޑަ ބަހަނީ.

އެޕްރީލް 8، 2023؛ މައްކާގެ މަސްޖިދުލް ހަރާމްގައި އުމްރާވެރިންނަށް ކުޑަ ބަހަނީ.

މި ހިނގާ ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކަކީ ފަހު ދިހައިގެ ދުވަސްތައް ކަމަށްވެފައި، ފަހު ދިހައިގައި އުމްރާވުމަށް މިހާރު ވެސް މިލިއަނަކަށް ވުރެ ގިނަ މީހުން މައްކާ އަށް ޖަމާވެފައި އެބަ ތިއްބެވެ. ކުރިއަސް އޮތް ދުވަސްތަކުގައި މައްކާ އަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ، ހަރަމްފުޅު ސަރަހައްދުގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ ކުއްލި ހާލަތަށް ތައްޔާރުވެ ތިބުމަށް، ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާގެ ވެރިޔާ، އައްޝައިޚް ޑރ. އަބްދުއްރަހްމާން ބިން އަބްދުލްއަޒީޒް އައްސުދައިސް މިހާރުވަނީ ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފަ އެވެ.

މިހާރު ވެސް ކޮންމެ ދުވަހަކު އެކި ވަގުތުތަކުގައި މައްކާ އަށް ވާރޭ ވެހޭތީ، ހަރަމްފުޅަށް ޒިޔާރަތް ކުރާ މީހުން ވާރޭން ހިޔާވުމަށް، ހަރަމްފުޅުގެ ތެރޭގައި ކުޑަ ބެހުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން، ވީހާ ގިނަ ބަޔަކަށް އަތްވާއި ވަރޭން ހިޔާވާނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ހަރަމްފުޅު ބޮޑު ކުރުމުގެ ތިން ވަނަ މަޝްރޫއުގެ ދަށުން ބިނާކުރި ބައި މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.

މި ރޯދަ މަހުގެ 17 ވިލޭރޭ މައްކާގެ ހަރަމްފުޅުގައި އަޅުކަން ކުރުމަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވި ކަމަށް ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާ އިން ބުންޏެވެ. އަދި މި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ އަށް ވެސް 10.3 މިލިއަން މުސްލިމުން ޒިޔާރަތްކުރި އެވެ.

މުޅި ދުނިޔޭގެ 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ފެތުރެމުން ދިޔަ ކޮވިޑް-19 ވަބާ އިން ރައްކާތެރިވުމުގެ ގޮތުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު، މައްކާ މަދީނާ އަށް ޒިޔާރަތް ކުރުން، ވަގުތީ ގޮތުން ދެ އަހަރަށް މެދުކަނޑައިލި އެވެ. ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކަށް 2022 ވަނަ އަހަރުން ފެށިގެން ލުއިތައް ދެމުން އައިސް، މިއަހަރުން ފެށިގެން އެ ހުރިހާ ފިޔަވަޅުތަކެއް އުވައިލުމާ އެކު، މި ރޯދަ މަހުގެ ތެރޭގައި އުމްރާ އަށް ދިޔަ މީހުންވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.