Roadha Mihaaru
ދުނިޔޭގެ ހޫނުމިން މައްކާގައި ރެކޯޑް މިންވަރަކަށް

ދުނިޔޭގެ ހޫނުމިން މައްކާގައި ރެކޯޑް މިންވަރަކަށް

31 އޯގަސްޓް 2021

ދުނިޔޭގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ ހޫނުމިން، މިދިޔަ އާދީއްތަ ދުވަހު މައްކާގައި ރެކޯޑް ކުރެވިފައިވާ ކަމަށް، އަރަބި ދުނިޔޭގެ މޫސުމާ ބެހޭ ވެބްސައިޓެއް ކަމަށްވާ އަރަބްވެދާ ޑޮޓްކޮމް އިން ބުނެފި އެވެ.

ދުނިޔޭގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ ހޫނުމިން، މިދިޔަ އާދީއްތަ ދުވަހު މައްކާގައި ރެކޯޑް ކުރެވިފައިވާ ކަމަށް، އަރަބި ދުނިޔޭގެ މޫސުމާ ބެހޭ ވެބްސައިޓެއް ކަމަށްވާ އަރަބްވެދާ ޑޮޓްކޮމް އިން ބުނެފި އެވެ.

އެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، މިދިޔަ ބުދަ ދުވަހު 50 ޑިގްރީ ސެލްސިއަސްގެ ހޫނުމިން ރެކޯޑްކުރެވިފައިވަނީ، މައްކާގެ އިރުދެކުނު 20 ކިލޯމީޓަރު ދުރުގައި އޮންނަ އަރަފާތު ބިމަށެވެ. އަދި މި ދުވަސްކޮޅު މައްކާ އާއި މައްކާގެ ވަށައިގެންވާ ސަރަހައްދުގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވެ، ހަނަފަސްކަން އިތުރުވެފައިވާ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އިއްޔެ އާއި މިއަދު ވެސް މެދުއިރުމަތި ސަރަހައްދަށް ދަނީ ހޫނުމިން މަތިވަމުންނެވެ. ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން، މައްކާ އާއި ޠާއިފް އަދި މިނާ އާއި މުޒްދަލިފާ ސަރަހައްދަށް ވިއްސާރަވާން ފަށާނެ ކަމަށްވެ އެވެ. އަދި ވިއްސާރައިގެ ކޮޅިގަނޑުގެ ތެރޭގައި ބާރަށް ގުގުރުމާއި ވިދުން ވެސް އެކަށީގެންވާ ކަމަށް އެ ވެބްސައިޓްގައިވެ އެވެ.

އޭގެ އިތުރުން މިސްރުގެ އުތުރު ސަރަހައްދަށާއި މިސްރާއި ސޫދާން ގުޅޭ ސަރަހައްދުގައި ވެސް ހޫނުމިން ހުރީ އާންމުކޮށް ހޫނު މޫސުމުގައި ހުންނަ ވަރަށް ކަމަށްވެ އެވެ. ނަމަވެސް އުތުރަށް ވުރެ ދެކުނުގެ ސަރަހައްދުގައި ހޫނުމިން މައްޗެވެ.

ޖޯޑްން އާއި ސީރިޔާ ހިމެނޭ ސަރަހައްދަށް ވެސް ހޫނު ރޯޅިތައް އަރަމުން ދާތީ، އެ ސަރަހައްދުގެ ހޫނުމިން ވެސް މިހާރު ދަނީ މަތިވަމުންނެވެ. އެހެންކަމުން، އާންމުކޮށް އަހަރުގެ މިދުވަސްވަރު ހޫނުމިން ހުންނަ ވަރަށް ވުރެ، ބުދަ ދުވަހުން ފެށިގެން، އެ ސަރަހައްދުގެ ހޫނުމިން ވެސް މައްޗަށް ދާނެ އެވެ.

ވަކިން ހާއްސަކޮށް ޖޯޑްންގެ އުސް ސަރަހައްދުތަކަށް ހޫނުމިން މަތިވާނެ އެވެ. އޭގެ ތެރޭގައި ޖޯޑްން ވެލީ އާއި ޑެޑް ސީ އާއި އަގަބާގެ ސަރަހައްދުތައް ހިމެނެ އެވެ.

އިރާގުގައި ވެސް، މިއަހަރު މިދުވަސްވަރު ހޫނުމިން ހުރީ، އަހަރުގެ މި ދުވަސްވަރު ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ 6-7 ޑިގްރީ ސެލްސިއަސް މަތީގައި ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ. އެ ގޮތުން އިރާގުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ދުވާލުގެ ހޫނުމިން ހުރީ 47-49 ގަ އެވެ.