Roadha Mihaaru
ވެކްސިން ޖެހި އުމްރާވެރިންނަށް ސައޫދީ ހުޅުވާލައިފި

ވެކްސިން ޖެހި އުމްރާވެރިންނަށް ސައޫދީ ހުޅުވާލައިފި

08 އޯގަސްޓް 2021

މައްކާ (އޮގަސްޓް 8) - ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ފަހު އުމްރާވުމަށް އެދި ހުށަހަޅާ އެކި ގައުމުތަކުގެ މީހުންނަން، މާދަމާ އިން ފެށިގެން ސައޫދީ އަރަބިއްޔާ އަށް އެތެރެވުމުގެ ހުއްދަ ދޭން އެ ގައުމުން ނިންމައިފި އެވެ.

މައްކާ (އޮގަސްޓް 8) - ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ފަހު އުމްރާވުމަށް އެދި ހުށަހަޅާ އެކި ގައުމުތަކުގެ މީހުންނަން، މާދަމާ އިން ފެށިގެން ސައޫދީ އަރަބިއްޔާ އަށް އެތެރެވުމުގެ ހުއްދަ ދޭން އެ ގައުމުން ނިންމައިފި އެވެ.

ބޭރު ގައުމުތަކުގެ އުމްރާވެރިން ސައޫދީ އަށް ވަނުމުގެ ހުއްދަ ދޭން އެ ގައުމުން މި ނިންނީ، މިދިޔަ އަހަރުގެ ތެރޭގައި ސައުދީގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، ބޭރު ގައުމުތަކުގެ މީހުން، ހައްޖާއި އުމްރާގެ އަޅުކަމުގައި ބައިވެރިކުރުން، ދޮޅު އަހަރަށް މެދުކަނޑާލާފައި އޮތުމަށް ފަހު އެވެ. އެ ގޮތުން މިދިޔަ އަހަރާއި މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ވެސް ބައިވެރި ކުރީ، ސައޫދީ އަރަބިއްޔާގައި ދިރިއުޅެމުން އަންނަ އެކި ގައުމުތަކުގެ މީހުންނާއި ސައޫދީ އަރަބިއްޔާގެ ރައްޔިތުންނެވެ.

ސައޫދީ ސަރުކާރުގެ ނޫސް އޭޖެންސީން ބުނި ގޮތުގައި ބޭރު ގައުމުތަކުން ފޮނުވާ އުމްރާގެ ހުށަހެޅުންތައް ބަލައިގަންނަން ފަށާނީ މާދަމާ އެވެ. މިކަމުގެ ހުއްދަ ދޭން ފަށާނީ، މަހަކު 60 ހާސް މީހުންގެ ރޭޓުންނެވެ. ނަމަވެސް މަހުން މަހަށް އެ އަދަދު މަތިކުރަމުން ގޮސް، މަހަކު ދެ މިލިއަން މީހުންނަށް ހުއްދަ ދޭން ސައޫދީ ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

ބޭރު ގައުމުތަކުން އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް އެދި ހުށަހަޅާއިރު، އެއިން ކޮންމެ މީހަކީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހެ އެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން އުމްރާވުމަށް ހުށަހެޅި ކަމުގައި ވިޔަސް، އެމީހަކީ ކޮވިޑްގެ ސަބަބުން ސައޫދީ އަރަބިއްޔާ އަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމެއްގެ މީހެއް ނަމަ، ސައޫދީ އަށް އެތެރެވުމަށް ފަހު، ސައޫދީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ އެވެ.

އުމްރާގެ އަޅުކަމަކީ، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ފުރިހަމަ ކުރެވޭ ގޮތަށް ކަނޑައެޅިފައި އޮންނަ ސުންނަތް އަޅުކަމެކެވެ. އެހެންކަމުން، ހައްޖުގެ ދުވަސްވަރު ފިޔަވައި އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް، އުމްރާގެ އަޅުކަން ކުރިއަށް ދާނެ އެވެ.

ތެލުގެ ވިޔަފާރި ފިޔަވައި، ސައޫދީ އަރަބިއްޔާ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ، އުމްރާގެ އަޅުކަމަށާއި ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކު އެ ގައުމަށް އެތެރެވާ އެތައް މިލިއަން މީހުންގެ ފަރާތުންނެވެ. އުމްރާ އާއި ހައްޖުގެ އަޅުކަމުގެ ތެރެއިން، އާންމު ހާލަތުގައި އަހަރަކު 12 ބިލިއަން ޑޮލަރު ސައޫދީ އަރަބިއްޔާ އަށް ލިބޭ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، ހައްޖާއި އުމްރާގެ އަޅުކަމަށް ސައޫދީ އަށް އެތެރެނުވެވޭ ގޮތް ހެދުމުން، ވަރަށް ގިނަ ބަޔަކަށް އެ ދެ އަޅުކަމުގެ ފުރުސަތު ގެއްލިގެން ދިޔަ އެވެ. ސައޫދީ އަރަބިއްޔާގައި މިހާތަނަށް 532،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 8،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.