Roadha Mihaaru

ހައްޖުގެ އަޅުކަމަށް 171 ގައުމަކުން 1.6 މިލިއަން މީހުން ދިޔަ

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 171 ގައުމަކުން 1،673،230 މީހަކު މައްކާއަށް ދިޔަ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.

171 ގައުމަކުން 1.6 މިލިއަން މީހުން ހައްޖުވި

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 171 ގައުމަކުން 1،673،230 މީހަކު މައްކާއަށް ދިޔަ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.

ހައްޖު މަހުގެ ނުވަ ވަނަ ދުވަހު އަރަފާތު ބިމުގައި ތިބުމަކީ ހައްޖުގެ މަތިވެރި ފަރުޟުގެ އެންމެ މުހިންމު ރުކުން ކަމަށް ވާއިރު އިއްޔެ ވަނީ ހައްޖާޖީން އެކަން ފުރިހަމަކޮށްފަ އެވެ. މިރޭގެ ފަތިސް ނަމާދު މުޒްދަލިފާގައި ކުރުމަށް ފަހު، ހުރިހާ ހައްޖުވެރިން މިނާއަށް ގޮސް ދެން އޮންނަނީ ތިން ޖަމްރާއަށް ހިލަ އުކުމެވެ.

ސައޫދީ ސަރުކާރުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ސައޫދީން ބޭރުން، އެހެން ގައުމުތަކުން މި އަހަރު ހައްޖުގެ އަޅުކަމަށް އައި މީހުންގެ އަދަދަކީ 1،506،576 އެވެ. ސައޫދީން 166،654 އެވެ.

ހައްޖުގެ އަޅުކަން އަދާކުރި މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެއީ 877،841 އެވެ.

ހައްޖުގެ އަޅުކަމަށް ސައޫދީއަށް ގިނަ މީހުން ދިޔައީ ވައިގެ މަގުންނެވެ. އެއީ 1،435،017 އެވެ. ކަނޑުމަގުން 5،094 މީހަކު ދިޔައިރު އެއްގަމު މަގުން ވެސް 66،465 މީހަކު ސައޫދީއަށް ހައްޖުގެ އަޅުކަމަށް ގޮސްފައިވެ އެވެ.

އަރަފާތުގައި ތިބުމަށް ފަހު ރޭ މިނާއަށް ގޮސް ހައްޖާޖީން ޖަމްރާއަށް އުކުމަށް ހިލަ ހޮވަނީ. -- ފޮޓޯ: އޭއެފްޕީ

އަރަފާތުގައި ތިބުމަށް ފަހު ރޭ މިނާއަށް ގޮސް ހައްޖާޖީން ޖަމްރާއަށް އުކުމަށް ހިލަ ހޮވަނީ. -- ފޮޓޯ: އޭއެފްޕީ

ހައްޖާޖީންނަށް ލުއި ގޮތްތައް ހަމަޖައްސައިދޭ "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން މިފަހަރު 314،337 ހައްޖާޖީއަކަށް އިންތިޒާމްތައް ހަމަޖެހުނެވެ.

ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން މިއަދު އަޟްހާ އީދުގެ އުފާ އިސްލާމީ އުންމަތުން ފާހަގަކުރާއިރު ހައްޖާޖީން މިރޭގެ ފަތިސް ނަމާދު މުޒްދަލިފާގައި ކުރުމަށް ފަހު، ދަތުރުކުރާނީ މިނާ އަށެވެ. އީދު ދުވަހާއި އައްޔާމުއް ތަޝްރީގުގެ ތިން ދުވަސް ކަމަށްވާ ހައްޖު މަހުގެ 11، 12،13 ގައި މިނާގައި ތިބޭ ތިބުމުގައި، ތިން ޖަމްރާ އަށް ހިލަ އުކުމާއި، ހަދްޔު ކަތިލުން އޮންނާނެ އެވެ.

ހައްޖުގެ ދަތުރު އަވަހަށް ނިންމައިލާ ހައްޖުވެރިން، ހައްޖު މަހުގެ 12 ވަނަ ދުވަހު، މިނާ އިން އެނބުރި މައްކާ އަށް ގޮސް، ވަދާއުގެ ތަވާފް ކުރުމަށް ފަހު، މައްކާ އިން ނުކުންނާނެ އެވެ. އެ ނޫން ހައްޖުވެރިން މިނާ އިން އެނބުރި މައްކާ އަށް ދާނީ، 13 ވަނަ ދުވަހު ތިން ޖަމްރާ އަށް ހިލަ އުކުމަށް ފަހު އެވެ.