Roadha Mihaaru

ހޫނު މޫސުމުގެ ހައްޖެއް ދެން އޮންނާނީ 16 އަހަރު ފަހުން

ސައޫދީ އަރަބިއްޔާއަށް އެންމެ ހޫނުވާ ދުވަސްވަރާ ހައްޖު މަސް މި އަހަރަށް ފަހު ދެން ދިމާވާނީ 16 އަހަރު ފަހުން ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

ހޫނު މޫސުމުގެ ހައްޖެއް އޮންނާނީ 16 އަހަރު ފަހުން

ސައޫދީ އަރަބިއްޔާއަށް އެންމެ ހޫނުވާ ދުވަސްވަރާ ހައްޖު މަސް މި އަހަރަށް ފަހު ދެން ދިމާވާނީ 16 އަހަރު ފަހުން ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރާ ހަވާލާދީ އެކްސްޕްރެސް ޓްރިބިއުންގައި ބުނެފައިވަނީ އިސްލާމީ ކަލަންޑަރުން ހައްޖު މަސް މިހާރު މަޑުމަޑުން ޖެހެމުންދަނީ ފިނި މޫސުމުގެ ދުވަސްތަކާ ދިމާލަށް ކަމަށްވާތީ ކުރިއަށް އޮތް އަހަރުތަކުގައި ހައްޖު މޫސުމުގެ ހޫނުކަން ދާނީ މަޑުވަމުން ކަމަށެވެ.

އިސްލާމީ ކަލަންޑަރު ބިނާވަނީ ހަނދުގެ ދައުރުވުމަށް ކަމަށް ވާތީ ކޮންމެ އަހަރަކު 10 ވަރަކަށް ދުވަސް މީލާދީ ކަލަންޑަރާ ތަފާތުވަމުންދެ އެވެ. އަދި އަންނަ 2026 ވަނަ އަހަރުން ފެށިގެން ހައްޖުގެ އަޅުކަން ބަހާރު މޫސުމާ، ކޮންމެ އަހަރަކު 10 ވަރަކަށް ދުވަސް ކައިރިވަމުންދާނެ އެވެ.

މިގޮތަށް ބެލުމުން، 2026 ވަނަ އަހަރުން ފެށިގެން 2033 ވަނަ އަހަރާ ހަމައަށް ބަހާރު މޫސުމުގައި އަދި 2034 ވަނަ އަހަރުން ފެށިގެން 2042 ވަނަ އަހަރުގެ ނިޔަލަށް ފިނި [ވިންޓަ] މޫސުމަށް ހައްޖުގެ އަޅުކަން ދިމާވާނެ އެވެ. ހައްޖުގެ އަޅުކަން ދެން ހޫނު މޫސުމާ ދިމާވާނީ 2042 ގެ ފަހުންނެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި 1،833،164 މީހުން ވަނީ ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ސައޫދީން 221،854 މީހުން (12.1 ޕަސެންޓް) އަދި އެހެން ގައުމުތަކުން ހައްޖުގެ އަޅުކަމަށް ދިޔަ 1،611،310 (87.9 ޕަސެންޓް) ހިމެނެ އެވެ.

އެތައް މިލިއަން މުސްލިމުންނެއް ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރަމުން ދާއިރު މި ފަހުން ހައްޖު މޫސުން ދިމާވަމުންދަނީ ސައޫދީއަށް އެންމެ ހޫނު ދުވަސްވަރާ އެވެ. އެހެންވެ ދިމާވާ ހާދިސާތަކުގައި އެތައް ބަޔަކު މަރުވެ އަދި އެތައް ހާސް ބަޔަކަށް ސިއްހީ މައްސަލަތަކާ ދިމާވެ އެވެ.