Roadha Mihaaru
ހައްޖުގެ އަޅުކަމުގެތެރޭ 1301 މީހަކު މަރުވި: ސައޫދީ

ހައްޖުގެ އަޅުކަމުގެ ތެރޭ 1،301 މީހަކު މަރުވި: ސައޫދީ

24 ޖޫން 2024

އާދަޔާ ހިލާފް ގަދަ ހޫނުގެ ތެރޭގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ތެރޭގައި 1،301 މީހަކު މަރުވި ކަމަށާއި މީގެ ތެރޭގައި ގިނައީ ސައޫދީ ސަރުކާރުން ދޫކުރާ ރަސްމީ ހުއްދަތައް ނެތި އަޅުކަމުގައި ބައިވެރިވާން ގޮސް އުޅުނު މީހުން ކަމަށް އެ ގައުމުން ބުނެފި އެވެ.

އާދަޔާ ހިލާފް ގަދަ ހޫނުގެ ތެރޭގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ތެރޭގައި 1،301 މީހަކު މަރުވި ކަމަށާއި މީގެ ތެރޭގައި ގިނައީ ސައޫދީ ސަރުކާރުން ދޫކުރާ ރަސްމީ ހުއްދަތައް ނެތި އަޅުކަމުގައި ބައިވެރިވާން ގޮސް އުޅުނު މީހުން ކަމަށް އެ ގައުމުން ބުނެފި އެވެ.

"ހިތާމަޔާ އެކު ދަންނަވަން ޖެހެނީ، މަރުވި މީހުންގެ އަދަދު 1،301 އަށް އަރާފައިވާ ކަމަށް. މީގެ ތެރެއިން 83 ޕަސެންޓަކީ ރަސްމީ ހުއްދަތައް ނެތުމުން، އަވިން ހިޔާވާނެ ގޮތެއް ނެތި ގިނައިރު ބޭރުގައި ތިބެން ޖެހުމާއި އަރާމުކުރެވޭނެ ގޮތެއް ނެތުނު މީހުން،" ސައޫދީ ޕްރެސް އެޖެންސީން ބުންޏެވެ.

ހައްޖަށް މީހުން ދިޔަ ގައުމުތަކުން ދިން އަދަދުތަކަށް ބަލައިގެން އޭއެފްޕީން މިދިޔަ ހަފްތާގައި ބެލި އިރު ވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވި އަދަދު 1،000 އަށް ވުރެ ގިނަ އެވެ. މީގެ ތެރޭގައި 10 ގައުމެއްގެ މީހުން ހިމެނެ އެވެ.

އަރަބި ޑިޕްލޮމެޓުން މިދިޔަ ހަފްތާގައި ވިދާޅުވެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރެއިން 658 އަކީ މިސްރުގެ ހައްޖާޖީންނެވެ. މީގެ ތެރެއިން 630 އަކީ ރަޖިސްްޓްރީ ނުވެ ހައްޖަށް ދިޔަ މީހުންނެވެ. އަދި މަރުގެ މައިގަނޑު ސަބަބަކީ ހޫނު ގަދަވުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސައޫދީ ސަރުކާރުން މި މަރުތަކާ ބެހޭ ގޮތުން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ސައޫދީގެ އިސް އޮފިޝަލަކު ވިދާޅުވީ އަރަފާތު ދުވަހު އަރަފާތުގައި ގަދަ ހޫނުގައި ތިބެން ޖެހުމާއި އޭގެ އަނެއް ދުވަހު ޖަމްރާއަށް ހިލަ އުކުމުގެ ތެރޭ 577 މީހަކު މަރުވި ކަމަށެވެ. އޮފިޝަލް ވިދާޅުވީ އިންތިޒާމްތަކުގައި ސައޫދީ ފެއިލް ނުވާ ކަމަށާއި މި އަޅުކަމުގައި އޮންނަ ރިސްކަކީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގޭ މީހުން ނުބައިކޮށް މާނަކުރަނީ ކަމަށެވެ.

ސައޫދީ ހެލްތު މިނިސްޓަރު ފަހްދު އިއްޔެ ވިދާޅުވި ގޮތުގައި 1.8 މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވެ ހައްޖުގެ އަޅުކަން އަދާކުރި އިރު 565،000 މީހަކަށް ސިއްހީ ހާއްސަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ރަސްމީ ހުއްދަތައް ނެތި އުޅުނު 141،000 މީހަކު ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. -- އޭއެފްޕީ