Roadha Mihaaru

ނުބައިކޮށް ހިތި މީހާއަށް ވެސް ހެޔޮކޮށް ހިތާ: އަރަފާތު ޚުތުބާ

ތިމާއާ މެދު ނުބައިކޮށް ހިތި މީހާއަށް ވެސް ބަދަލުގައި ހެޔޮކޮށް ހިތުމަށާއި މުޖުތަމައުގެ އަހުލާގީ މިންގަނޑު ދަމަހައްޓައި ތަގުވާވެރިކަން އިސްކުރުމަށް، ނަމިރާ މިސްކިތުގައި މިއަދު ދެއްވި ހައްޖު ޚުތުބާގައި މަސްޖިދުލް ހަރަމްގެ އިމާމް ޝައިޚް ޑރ. ސާލިހް ބިން އަބްދުﷲ ބިން ހުމައިދު އިސްލާމީ އުންމަތަށް ގޮވާލައްވައިފި އެވެ.

އެންމެން ހެޔޮކޮށް ހިތައި އިހުސާންތެރިވޭ: ހައްޖު ޚުތުބާ

ތިމާއާ މެދު ނުބައިކޮށް ހިތި މީހާއަށް ވެސް ބަދަލުގައި ހެޔޮކޮށް ހިތުމަށާއި މުޖުތަމައުގެ އަހުލާގީ މިންގަނޑު ދަމަހައްޓައި ތަގުވާވެރިކަން އިސްކުރުމަށް، ނަމިރާ މިސްކިތުގައި މިއަދު ދެއްވި ހައްޖު ޚުތުބާގައި މަސްޖިދުލް ހަރަމްގެ އިމާމް ޝައިޚް ޑރ. ސާލިހް ބިން އަބްދުﷲ ބިން ހުމައިދު އިސްލާމީ އުންމަތަށް ގޮވާލައްވައިފި އެވެ.

ހައްޖުގެ މަތިވެރި ފަރުޟު އަދާކުރުމަށް އަރަފާތު ބިމަށް ޖަމާވެ ތިބި ދޮޅު މިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހާޒިރުގައި ދެއްވި ޚުތުބާގައި ޝައިޚް ސާލިހް ވަނީ އިސްލާމީ އުންމަތަށް ތަގުވާވެރިކަމުގެ މުހިންމުކަން ހަނދާންކޮށްދެއްވައިފަ އެވެ. އިމާންތެރިކަން އިސްކޮށްފި ނަމަ ބޭއިންސާފާއި ޝިރުކުން ސަލާމަތްވާނެ ކަމަށާއި އެފަދަ މީހުންނަކީ ސީދާ ތެދުމަގާއި ﷲ ގެ ރައްކާތެރިކަން ލިބިގެންވާ މީހުން ކަމަށް ޝައިޚް ވިދާޅުވި އެވެ.

"ﷲ އަށް ބިރުވެތިވެ، ތަގުވާވެރިކަމާ އެކު ދިރިއުޅޭ،" ޝައިޚް ވިދާޅުވި އެވެ.

ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި ދީނުގެ އެހެން ރުކުންތައް އަދާކުރުމަށް ގޮވާލައްވަމުން ވަކިން ހާއްސަކޮށް ޒަކާތުގެ ވާހަކަ ޚުތުބާގައި ފާހަގަކުރެއްވި އެވެ. މާތްﷲ ދެއްވި މުދަލުން ފަގީރުންނަށް ހޭދަކުރުމުން މުދާ ތާހިރުވުމުގެ އިތުރުން އެއީ މުށްބާރުކަމާއި އަމިއްލަ އެދުން ކުޑަކޮށްދިނުމާ އެކު މުޖުތަމައުގެ އާންމު ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމެއްކަން ޝައިޚް ސާލިހް ހަނދާންކޮށްދެއްވި އެވެ.

ހެޔޮ އަމަލުތަކާއި ނުބައި އަމަލުތައް ހަމަހަމަވެގެން ނުވާނެކަން ﷲ އަންގަވާފައިވާތީ އެކަން ހަނދާންކޮށްދެއްވަމުން ޚުތުބާގައި ވަނީ އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަން ފާހަގަކުރައްވައި ތިމާއާ މެދު ނުބައިކޮށް ހިތި މީހަކަށް ވެސް ހެޔޮކޮށް ހިތުމަށް ގޮވާލައިފަ އެވެ.

ހައްޖުވެރިން މިއަދު ހެނދުނު އަރަފާތު ފަރުބަދައަށް އަރަނީ: ރޭ ފަތިހުން ފެށިގެން ގިނަ ބަޔަކު އެ ފަރުބަދަމަތީ އަޅުކަމާއި ޒިކުރު ކުރުމުގައި ހޭދަކުރި. -- ފޮޓޯ: އޭއެފްޕީ

ހައްޖުވެރިން މިއަދު ހެނދުނު އަރަފާތު ފަރުބަދައަށް އަރަނީ: ރޭ ފަތިހުން ފެށިގެން ގިނަ ބަޔަކު އެ ފަރުބަދަމަތީ އަޅުކަމާއި ޒިކުރު ކުރުމުގައި ހޭދަކުރި. -- ފޮޓޯ: އޭއެފްޕީ

ޝައިތާނާ ބޭނުންވަނީ އިންސާނުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދަން ކަމަށާއި އެހެންވެ މީހަކު ތިމާއާ މެދު ނުބައިކޮށް އަމަލުކުރި ކަމުގައި ވިޔަސް އެ މީހަކާ މެދު ހެޔޮކޮށް ހިތުމަށް ގޮވައިލެއްވި އެވެ.

"ނުބައިކޮށް ހިތި މީހާއަށް އެކަމުގެ ރައްދުގައި ހެޔޮކޮށް ހިތާ. އޭރުން އެކުވެރިކަން އުފެދިދާނެ،" ޝައިޚް ވިދާޅުވި އެވެ.

ޝައިޚް ސާލިހް ވަނީ ކޮންމެ މީހަކު ވެސް ފާފަ ފުއްސެވުމަށް އެދި ﷲ އަށް ދަންނަވައި ތައުބާވުމަށާއި އޭރުން ﷲ ގެ ދީލަތިވަންތަކަމުން އެ މީހަކަށް ދެއްވައި ދުނިޔެ އާއި އާޚިރަތުގެ ހެޔޮކަން ވެސް ހޯދޭނެ ކަމަށް ވެސް ޚުތުބާގައި ވިދާޅުވެފަ އެވެ.

"ﷲ އެ މީހަކަށް މުސީބާތެއް ޖައްސަވައިވި ނަމަ ﷲ ފިޔަވައި އެހެން ފަރާތަކަށް އެކަން ލުއިކޮށެއް ނުދެވޭނެ. ހަމަ އެގޮތަށް، ﷲ އެ މީހަކަށް ނިއުމަތެއް ދެއްވައި ނަމަ އެކަމަށް ހުރަސްއަޅައި ހުއްޓުވޭނެ އެހެން ފަރާތެއް ވެސް ނުވޭ،" ޝައިޚް ސާލިހް ވިދާޅުވި އެވެ.

އެހެންވެ ﷲ ގެ މަގަށް ރުޖޫއަވެ ޝައިތާނާއާ ދުރުވުމަށް ފަރުޟު ނަމާދުގެ މުހިންމުކަން ހަނދާންކޮށްދެއްވި އެވެ.

ހައްޖުގެ ޚުތުބާ އިއްވުމަށް ފަހު، ހައްޖާޖީން މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް އަދި ގަސްރުކޮށް ކުރާނެ އެވެ. އެއަށް ފަހު މިއަދުގެ އިރު އޮއްސެންދެން ހައްޖުވެރިން އަރަފާތު ބިމުގައި ތިބޭނީ، މާތް ﷲ އަށް ދުއާކޮށް އަސްތަޣްފާރު ކުރުމުގަ އެވެ. މިއަދުގެ އިރު އޮއްސުމާ އެކު، ހުރިހާ ހައްޖުވެރިން ވެސް މުޒްދަލިފާ އަށް ދަތުރުކުރާނެ އެވެ. މުޒްދަލިފާ އަކީ އަރަފާތު ބިމާއި މިނާއާ ދެމެދު އޮންނަ ވާދީ އެކެވެ.

މުޒްދަލިފާގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު، ނުވަތަ މިރޭގެ ފަތިސް ނަމާދު މުޒްދަލިފާގައި ކުރުމަށް ފަހު، ހުރިހާ ހައްޖުވެރިން ދަތުރުކުރާނީ މިނާ އަށެވެ. އީދު ދުވަހާއި އައްޔާމުއް ތަޝްރީގުގެ ތިން ދުވަސް ކަމަށްވާ ހައްޖު މަހުގެ 11، 12،13 ގައި މިނާގައި ތިބޭ ތިބުމުގައި، ތިން ޖަމްރާ އަށް ހިލަ އުކުމާއި، ހަދްޔު ކަތިލުން އޮންނާނެ އެވެ.

ހައްޖުގެ ދަތުރު އަވަހަށް ނިންމައިލާ ހައްޖުވެރިން، ހައްޖު މަހުގެ 12 ވަނަ ދުވަހު، މިނާ އިން އެނބުރި މައްކާ އަށް ގޮސް، ވަދާއުގެ ތަވާފް ކުރުމަށް ފަހު، މައްކާ އިން ނުކުންނާނެ އެވެ. އެ ނޫން ހައްޖުވެރިން މިނާ އިން އެނބުރި މައްކާ އަށް ދާނީ، 13 ވަނަ ދުވަހު ތިން ޖަމްރާ އަށް ހިލަ އުކުމަށް ފަހު އެވެ.