24 ޖުލައި 2022
އިޒްރޭލުގެ ޔަހޫދީ ނޫސްވެރިޔާ ގަވާއިދާ ޚިލަފަށް މައްކާއަށް އެތެރެވެ، ހައްޖުގެ ސަރަހައްދުތަކަށް ޒިޔާރަތް ކުރުމަށް މަގު ފަހިކޮށްދީ އެކަމުގައި އެހީތެރިވެދިން މީހާ ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
އިޒްރޭލުގެ ޔަހޫދީ ނޫސްވެރިޔާ ގަވާއިދާ ޚިލަފަށް މައްކާއަށް އެތެރެވެ، ހައްޖުގެ ސަރަހައްދުތަކަށް ޒިޔާރަތް ކުރުމަށް މަގު ފަހިކޮށްދީ އެކަމުގައި އެހީތެރިވެދިން މީހާ ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
އިޒްރޭލުގެ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް 13ގައި މަސައްކަތް ކުރާ ނޫސްވެރިޔާ ގިލް ތަމަރީ މައްކާ އަށް އެތެރެވިކަން ފަޅާއެރީ، މިއަހަރުގެ ހައްޖު މޫސުމުގެ ތެރޭގައި އޭނާ މައްކާ އާއި މިނާގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގައި ނަގާފައިވާ ބައެއް ވީޑިއޯތައް، އޭނާގެ ޓުވިޓާ އެކައުންޓުން އާންމުކުރުމުންނެވެ. އޭނާގެ އެ ޓުވީޓްތަކާ ގުޅިގެން، ސައޫދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އިތުރުވެފައިވަނިކޮށް، ސައޫދީން ބުނީ މިއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ސައޫދީ ސަރުކާރުން ބުނި ގޮތުގައި ޣައިރު މުސްލިމަކު މައްކާ އަށް އެތެރެވުމަށާއި، ޣައިރު މުސްލިމުން ޒިޔާރަތްކުރުން މަނާ ސަރަހައްދުތަކަށް، ޣައިރު މުސްލިމަކު ގެންގޮސްދިނުމުގައި އެހީތެރިވެދިން "ސައޫދީ ރައްޔިތަކު" ހައްޔަރުކޮށް ޕްރޮސެކިއުޓާގެ އޮފީހާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ސައޫދީ އަރަބިއްޔާގެ މައްކާ އަށް ގަވާއިދާ ޚިލާފަށް އެތެރެވި އިޒްރޭލުގެ ޗެނަލް 13ގެ ޔަޙޫދީ ނޫސްވެރިޔާ ގިލް ތަމަރީ، މިނާގެ ސަރަހައްދުގައި ހުރެގެން މިމަހުގެ 17 ވަނަ ދުވަހު ރިޕޯޓެއް ފޮނުވަނީ.
އިޒްރޭލުގެ ޔަހޫދީ ނޫސްވެރިޔާ ގިލް ތަމަރީއަކީ އެމެރިކާގެ ޕާސްޕޯޓްވެސް ގެންގުޅޭ މީހަކަށް ވާތީ، އޭނާ ސައޫދީ އަރަބިއްޔާ އަށް އެތެރެވީ، އެމެރިކާ ރައްޔިތެއްގެ ގޮތުގައި އެމެރިކާގެ ޕާސްޕޯޓްގަ އެވެ. އެއީ އިޒްރޭލާއި ސައޫދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ނެތުމުން، އިޒްރޭލުގެ ޕާސްޕޯޓުގައި އިޒްރޭލު ރައްޔިތުން ސައޫދީ އަށް އެތެރެވުމަށް ހުއްދަ ނުދޭތީ އެވެ.
ޔަހޫދީ ނޫސްވެރިޔާ މިހާރު ސައޫދީ އަރަބިއްޔާ އިން ބޭރުވެފައި ވިޔަސް، ސައޫދީގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޭނާއާ މެދު ފިޔަވަޅު އެޅުމަށް، ސައޫދީ ސަރުކާރުގެ ޕްރޮސެކިއުޓާގެ އޮފީހަށް މިހާރު ވަނީ ފޮނުވައިފަ އެވެ. ސައޫދީގެ ގާނޫނުތައް ބުނާ ގޮތުން، އެއްވެސް ގައުމެއްގެ ޣައިރު މުސްލިމަކު މައްކާ އާއި މަދީނާ އަށް އެތެރެވުމަކީ މަނާކަމެކެވެ. ނަމަވެސް ކޮންމެ ގައުމެއްގެ ވިޔަސް މުސްލިމަކަށް ނަމަ، މައްކާ އާއި މަދީނާ އަށް އެތެރެވުން ހުއްދަ އެވެ.
ނޫސްވެރިޔާ ގިލް ތަމަރީ ޓުވީޓާގައި އާންމުކޮށްފައިވާ، ގާތްގަނޑަކަށް 10 މިނެޓްގެ ވީޑިއޯގައި، މިއަހަރުގެ އަރަފާތު ދުވަހު އަރަފާތު ފަރުބަދަ ކައިރިއަށް ޒިޔާރަތްކޮށް، އެ ސަރަހައްދުގައި ތިބި ހައްޖުވެރިން އަޅުކަމުގައި ޙަރަކާތްތެރިވާ މަންޒަރުތައް ފެނެ އެވެ. އެ ޓުވީޓްގައި އޭނާ ބުނެފައިވާ ގޮތުގައި، މައްކާ އާއި ހައްޖުގައި ހިމެނޭ އެހެން ސަރަހައްދުތަކަށް ޒިޔާރަތްކުރުމަކީ ގާނޫނީ ގޮތުން ކުށެއްކަން އޭނާ އަށް އެނގެ އެވެ.
ނަމަވެސް އެކަން އޭނާ ކުރީ، މުސްލިމުންގެ މުގައްދަސް ސަރަހައްދުގެ މުހިންމުކަން ދުނިޔޭގެ އެހެން ދީންތަކުގެ މީހުންނަށް ދައްކައިދިނުމަށް ކަމަށް ވެސް އެ ޓުވީޓްގައި އޭނާ ބުނެ އެވެ. އެ ދުވަހު އަރަފާތު ފަރުބަދަ ކައިރީގައި އުޅުމަށް ފަހު، އެ ސަރަހައްދު ދޫކޮށް ދިޔައީ، އޭނާއަކީ މުސްލިމެއްކަން ސާބިތުކޮށްދިނުމަށް އެދި ސައޫދީ ފުލުހުން ތަކުރާރުކޮށް އޭނާއާ ސުވާލު ކުރަން ފެށުމުންނެވެ.
މި މައްސަލައިގައި ސައޫދީ ސަރުކާރަށް ފާޑުކިޔާފައިވާ ބައެއް މީހުން ބުނާ ގޮތުގައި، އިޒްރޭލުގެ ޔަހޫދީ ނޫސްވެރިޔާ މައްކާއަށް ވަދެ އުޅުނުކަން އެނގި ތިބެ، ސައޫދީ ނޫސްތަކުން ވަނީ ނޭނގޭ ކަމަށް ހަދައިފަ އެވެ. އޭނާއަކީ އެމެރިކާގެ ޕާސްޕޯޓެއްގައި ސައޫދީ އަށް އެތެރެވި އިޒްރޭލުގެ ނޫސްވެރިއެއް ކަމާއި، އިޒްރޭލުގެ ނޫސް އިދާރާއެއްގެ ފަރާތުން ހައްޖުގެ ޚަބަރުތަކާއި ރިޕޯޓްތައް ގެނެސްދިނުމަށް އޭނާ ސައޫދީ އަށާއި މައްކާ އަށް އެތެރެވުމަށް ޚާއްސަ ހުއްދައެއް ދިނީ ސައޫދީ ސަރުކާރަށް އެނގިގެން ކަމަށް ވެސް، ފާޑުކިޔާ މީހުން ބުނެ އެވެ.
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
ހަރަމްފުޅުގެ ތިން ވަނަ ބައިގެ ޓެރަސް ހުޅުވައިލަނީ
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
ދެ މިލިއަނަށްވުރެ ގިނަ ހައްޖުވެރިން އަރަފާތު ބިމުގައި
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް