Roadha Mihaaru
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް

މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް

19 ޖޫން 2023

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް، ދުނިޔޭގެ އެކި ގައުމުތަކުން މިހާތަނަށް 1.15 މިލިއަން މީހުން ސައޫދީ އަރަބިއްޔާ އަށް އެތެރެވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން ބުނެފި އެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް، ދުނިޔޭގެ އެކި ގައުމުތަކުން މިހާތަނަށް 1.15 މިލިއަން މީހުން ސައޫދީ އަރަބިއްޔާ އަށް އެތެރެވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން ބުނެފި އެވެ.

ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންތައް ބަލަހައްޓާ ވުޒާރާގެ އަންޑަ ސެކްރެޓަރީ މުހައްމަދު ބިން އަބްދުއްރަހްމާން އަލް ބިޖާވީ ވިދާޅުވި ގޮތުގައި ހައްޖުވެރިން އެތެރެވުމަށް ޓަކައި އެ ގައުމުގެ ހުރިހާ ބަނދަރުތަކެއް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ވައިގެ މަގުންނާއި ކަނޑު މަގުން އަދި އެއްގަމު މަގުން ސައޫދީއަށް އެތެރެވެވޭ ހުރިހާ ބަނދަރުތަކެއްގައި ވެސް، ހައްޖުވެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި ލުއިފަސޭހަތައް ގާއިމުކޮށް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާގެ އެއްގަމު ބަނދަރުތަކުން އިއްޔެ އެކަނި ވެސް 25000 ހައްޖުވެރިން ސައޫދީ އަށް އެތެރެވި އެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް މިހާތަނަށް އެތެރެވި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އެތެރެވީ، މަދީނާގައި އޮންނަ އަމީރު މުހައްމަދު ބިން އަބްދުލްއަޒީޒް ވައިގެ ބަނދަރުންނެވެ. އިއްޔެ އެކަނި ވެސް އެ ވައިގެ ބަނދަރުން 600000 ހައްޖުވެރިން ސައޫދީ އަށް އެތެރެވި ކަމަށް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ބިޖާވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްޖަށް އަންނަ ގިނަ މީހުން މަދީނާ މަގުން ސައޫދީ އަށް އެތެރެވާތީ، ގިނަ މީހުން ގަސްދުކުރަނީ މަސްޖިދުއް ނަބަވީ އަށް ކުރާ ޒިޔާރަތުން ހައްޖުގެ އަޅުކަން ފަށަން ކަން އެނގެ އެވެ. މަދީނާ އަށް އެތެރެވާ ހުރިހާ ހައްޖުވެރިން ވެސް މައްކާ އަށް ދާނީ، މަސްޖިދުއް ނަބަވީ އަށް ޒިޔާރަތް ކުރުމަށް ފަހު، މަދީނާގެ (ޒުލް ހުލައިފާ) މީގާތުން އުމްރާ އަށް ނުވަތަ ހައްޖަށާއި އުމްރާ އަށް އިހްރާމް ބަނދެގެންނެވެ.

މަދީނާގެ އިތުރުން، އެންމެ ގިނަ ހައްޖުވެރިން ސައޫދީ އަށް އެތެރެވަނީ ޖިއްދާގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރުންނެވެ. އޭގެ އިތުރުން މިސްރާއި ސޫދާނުން ކަނޑު މަގުން ހައްޖަށް ދާ މީހުން ވެސް ސައޫދީ އަށް އެތެރެވާނީ ޖިއްދާގެ ވިޔަފާރި ބަނދަރުންނެވެ.

ސައޫދީ އަރަބިއްޔާ އަށް ރޭގައި ހައްޖު މަހުގެ ހަނދު ސާބިތުވުމާ ގުޅިގެން، މިއަދަކީ މިއަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހެވެ. އެހެންކަމުން މިއަހަރުގެ ހައްޖު ދުވަހަށް ވާނީ މި ހިނގާ ޖޫން މަހުގެ 27 ވާ އަންގާރަ ދުވަހެވެ. ހުސްވި ޒުލްގައިދާ މަސް ފެށުމާއެކު ހައްޖުވެރިން ވަނީ ސައޫދީ އަށް އެތެރެވާން ފަށައިފަ އެވެ.

ސައޫދީ އަރަބިއްޔާ އިން މިހާރު ކަނޑައަޅާފައިވަނީ، ކޯވިޑް-19ގެ ބަލިމަޑުކަން ފެށުމުގެ ކުރިން 2019 ވަނަ އަހަރު ހައްޖުގައި މީހުން ބައިވެރި ކުރި އަދަދަށް މިއަހަރުގެ ހައްޖުގައި ވެސް ބައިވެރި ކުރުމަށެވެ. އެ އަހަރުގެ ހައްޖުގައި ދުނިޔޭގެ އެކި ގައުމުތަކުން 2.5 މިލިއަން މީހުންނާއެކު ތިން މިލިއަނެއްހާ މީހުން ބައިވެރިވި އެވެ.

ޖެހިގެން އައި 2020 ވަނަ އަހަރުގެ ތެރޭގައި ސައޫދީ އާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކޮވިޑް-19 ފެތުރިފައި އޮތުމުން، އެއްވެސް ގައުމަކުން އެ އަހަރުގެ ހައްޖަށް މީހުން ފޮނުވުމުގެ ހުއްދަ ސައޫދީ ސަރުކާރުން ނުދެ އެވެ. އެ އަހަރުގެ ހައްޖުގައި ބައިވެރިވީ ސައޫދީގެ ރައްޔިތުންނާއި ސައޫދީގައި ތިބި ބޭރު ގައުމުތަކުގެ މީހުން ހިމަނައިގެން ޖުމްލަ 10000 މީހުންނެވެ.

އަދި 2021 ވަނަ އަހަރުގެ ހައްޖު މޫސުން އައި އިރު، ކޮވިޑްގެ ހާލަތުގެ ކުރިއަށް ވުރެ ރަނގަޅުވެފައި އޮތުމުން، އެ އަހަރުގެ ހައްޖުގައި 60000 މީހުން ބައިވެރިކުރި އެވެ. ނަމަވެސް ބޭރުގެ އެއްވެސް ގައުމަކުން ހައްޖަށް ދިއުމުގެ ފުރުސަތެއް ނުދެ އެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު 2022 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު އެހެން ގައުމުތަކުން ވެސް ހުޅުވައިލި އެވެ. އަދި އެ އަހަރުގެ ހައްޖަށް އެކި ގައުމުތަކުން ދިޔަ 779919 މީހުންނާއި ސައޫދީން ބައިވެރިވި މީހުންނާ އެކު ޖުމްލަ 899353 މީހުން 2022 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިވި އެވެ.