Roadha Mihaaru
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ

މިއަހަރު އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ

21 ޖޫން 2023

ޖިއްދާ (ޖޫން 21) - މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި، ދުނިޔޭގެ 160 އަށް ވުރެ ގިނަ ގައުމުން ދެ މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް، ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންތައް ބަލަހައްޓާ ވުޒާރާ އިން ބުނެފި އެވެ.

ޖިއްދާ (ޖޫން 21) - މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި، ދުނިޔޭގެ 160 އަށް ވުރެ ގިނަ ގައުމުން ދެ މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް، ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންތައް ބަލަހައްޓާ ވުޒާރާ އިން ބުނެފި އެވެ.

ހައްޖާއި އުމްރާގެ ކަންކަމާ ބެހޭ ވަޒީރު ޑރ. ތައުފީގުއް ރަބީއާ ވިދާޅުވި ގޮތުގައި، ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ވައިގެ މަގުން ސައޫދީއަށް އެތެރެވުމަށް ރިޒަވޭޝަން ހައްދާފައިވާ މީހުންގެ އަދަދު މިހާރުވަނީ 1.7 މިލިއަނަށް އަރައިފަ އެވެ. އޭގެ އިތުރުން އަވައްޓެރި ގައުމުތަކުގެ ބައެއް މީހުން، އެއްގަމު މަގުންނާއި ކަނޑު މަގުން ވެސް ހައްޖަށް އަންނާނެ އެވެ.

މި އަހަރުގެ ހައްޖުގައި ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވާ ދެ މިލިއަނަށް ވުރެ ގިނަ މީހުން، މި ހިނގާ ހައްޖު މަހުގެ 7 ވަނަ (ޖޫން 25) ދުވަހުގެ ކުރިން ސައޫދީ އަށް އެތެރެވާނެ އެވެ. އޭގެ އިތުރުން ސައޫދީ އަރަބިއްޔާގެ ރައްޔިތުންނާއި އެ ގައުމުގައި އުޅޭ އެކި ގައުމުތަކުގެ މީހުން ހިމެނޭ ގޮތުން އެއް މިލިއަން މީހުންނާއެކު ޖުމްލަ ތިން މިލިއަނަށް ވުރެ ގިނަ މީހުން މިއަހަރުގެ ހައްޖުގައި ބައިވެރިވާނެ އެވެ.

ހައްޖުގައި ބައިވެރިވާ މީހުންނަށް ކުއްލި ހާލަތްތަކުގައި ފަރުވާ ދިނުމަށް 32000 ސިއްހީ ޚިދުމަތްތެރިން މިހާރު ވަނީ، ހައްޖުގެ އަޅުކަން އޮންނަ ސަރަހައްދުތަކުގެ ވަގުތީ ހޮސްޕިޓަލުތަކަށް ނެރެފަ އެވެ. އޭގެ ތެރޭގައި އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި، އާންމު ބަލިތަކުގެ ޑޮކްޓަރުންގެ އިތުރުން ގިނަ އަދަދެއްގެ ނަރުހުން ހިމެނެ އެވެ.

ހައްޖުގައި ބައިވެރިވާ މީހުން، ހައްޖުގެ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުމަށް މިއަހަރު ވަނީ ފަސޭހަ ޚިދުމަތްތަކެއް ހަމަޖައްސާފައި ކަމަށް ސައޫދީ ސަރުކާރުން ބުނެ އެވެ. ފެންވަރު ރަނގަޅު އިތުރު ބަސްތައް ޚިދުމަތަށް ނެރެ، ހައްޖުވެރިން ދަތުރުކުރާ މަގުތައް، އާންމު ދަތުރުފަތުރުތަކަށް ބަންދުކުރުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ދަތުރުފަތުރުގައި މިއަހަރު ވެސް ހައްޖުވެރިންނަށް އެންމެ ބޮޑު ފަސޭހައެއް ލިބޭނީ، މަޝާއިރުލް މުގައްދަސާގެ މެޓްރޯތަކުންނެވެ. ކަރަންޓުން ދުއްވާ މި ރޭލުތައް ބޭނުންކުރާނީ، އަރަފާތާއި މުޒްދަލިފާ އާއި މިނާއާ ދެމެދު ހައްޖުވެރިން ދަތުރުކުރުމަށެވެ.

އަހަރަކު އެންމެ ހަތް ދުވަހު ބޭނުންކުރާ މި ރޭލުތަކުގައި ގަޑިއަކު 72 ހާސް ދަތުރުވެރިންނަށް ދަތުރުކުރެވޭނެ އެވެ. ޖުމްލަ 17 ރޭލު މި ދަތުރުތަކުގައި ބޭނުންކުރާ އިރު، އަރަފާތާއި މުޒްދަލިފާ އާއި މިނާއާ ދެމެދު ނުވަ ސްޓޭޝަނަކަށް މި ރޭލުތައް މަޑުކުރާނެ އެވެ.