Roadha Mihaaru
ހައްޖުގެ ތައްޔާރީތައް ނިމިއްޖެ

ހައްޖުގެ ތައްޔާރީތައް ނިމިއްޖެ

12 ޖުލައި 2021

މިއަހަރުގެ ހައްޖުގެ އަޅުކަމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް ސައޫދީ އަރަބިއްޔާ އިން މިއަދު ބުނެފި އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް ސައޫދީ އަރަބިއްޔާ އިން މިއަދު ބުނެފި އެވެ.

އެ ގޮތުން މައްކާގެ ގަވަރުނަރު، އަމީރު ހާލިދު ބިން ފައިސަލް އިއްޔެ ވަނީ މިއަހަރަށް ތައްޔާރުކުރި ގެފުޅުގެ އުރަކޮޅު ގެފުޅުގެ ޚާދިމް ޝައިޚް ސޯލިހް އައްޝައިބާއާ ހަވާލު ކޮށްދެއްވައިފަ އެވެ. ގެފުޅުގެ އުރަކޮޅު ބަދަލުކުރުން އޮންނާނީ ކޮންމެ އަހަރެއްގެ އަރަފާތު (ހައްޖު މަހުގެ 9) ދުވަހު އެވެ. މިއަހަރުގެ ހައްޖު ދުވަސް ދިމާވާނީ މިހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހާ އެވެ.

ގެފުޅުގެ އުރަކޮޅު ވިއެފައި އޮންނަނީ ކަޅުކުލައިގެ ފަށުވި ރޮދިންނެވެ. އަދި ރަނާއި ރިހީގެ ރޮދިން އުރަކޮޅުގައި ޤުރްއާނުގެ އާޔަތްތަކާއި ﷲގެ ނަންފުޅުތަކާއި ކީރިތި ރަސޫލާގެ ނަންފުޅު ލިޔެފައިވެ އެވެ. ގެފުޅުގެ އުރަކޮޅު (ކިސްވާ) ތައްޔާރުކުރަނީ އެކަމަށް ހާއްސަކޮށް ހަދާފައި ހުންނަ ވަކި ކާރުހާނާއެއްގަ އެވެ.

ހައްޖުގެ އަޅުކަމަށް، ހައްޖުގެ ސަރަހައްދުތައް ތައްޔާރުވެފައިވާ ގޮތް ބައްލަވާލެއްވުމަށް، އަމީރު ހާލިދު މިއަދު އެތަންތަނަށް ޒިޔާރަތް ކުރައްވާނެ އެވެ.

ހައްޖުގެ ސަރަހައްދުތަކުގައި ހުރި އިލެކްޓްރޯނިކް ހުރިހާ ވަސީލަތެއް ރަނގަޅުތޯ ބަލައި މަރާމާތު ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދުތަކުގައި ހުރި ކެމެރާ ނިޒާމުތަކާއި އަލިފާނުގެ އިންޒާރުދޭ ނިޒާމުތަކާއި މައިކްތަކާއި މަރުކަޒީ އިލެކްޓްރޯނިކް ގަޑީގެ ނިޒާމު ވެސް ހިމެނެ އެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ވަބާ އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިކުރަން ނިންމާފައިވަނީ މައްކާގައި އުޅޭ އެކި ގައުމުތަކުގެ މީހުންނެވެ. އޭގެ ތެރެއިން ވެސް ހައްޖުގައި ބައިވެރިކުރާނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ.

މިއަހަރުގެ ހައްޖުގައި ބައިވެރިކުރަން ސައޫދީން ނިންމާފައިވާ އަދަދަކީ 60000 މީހުންނެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި އިލެކްޓްރޯނިކް އުޅައެއް އަޅުވައި ކޮންމެ މީހެއްގެ އަތުގައި ހައްޖު ސްމާޓް ކާޑެއް ދީފައި އޮންނާނެ އެވެ. އޭގެ އިތުރުން ކޮންމެ މީހަކަށް ކެއުން ދޭނީ ވެސް ސައޫދީ ސަރުކާރުންނެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައިވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ދޭދޭ ހައްޖުވެރިންގެ މެދުގައި ގައިދުރުކަން ދެމެހެއްޓުމާއި، ސިއްހީ ހާއްސަ މިންގަނޑުތަކަކަށް އަމަލުކުރަން ވަނީ ނިންމައިފަ އެވެ. ހައްޖުގެ އެކި ސަރަހައްދުތަކުގެ ދެމެދުގައި ހައްޖުވެރިން ދަތުރުކުރުމަށް ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާ ބެހޭ ވުޒާރާއިން ވަނީ 1700 ބަސް ހަމަޖައްސައިފަ އެވެ.

ސައޫދީގެ އެކި ސަރަހައްދުތަކުން ހައްޖަށް އަންނަ މީހުން މައްކާ އަށް ވަނުމަށް މިހާރު ވަނީ ހަތަރު ސަރަހައްދެއް ކަނޑައަޅައިފަ އެވެ. އެމީހުންނަށް މައްކާ އަށް ވަދެވޭނީ މިމަހުގެ 17 އަދި 18 ވަނަ ދުވަހު އެވެ.

ހައްޖުވެރިންނަށް ހިދުމަތް ކުރުމަށްޓަކައި، މައްކާ، މިނާ، މުޒްދަލިފާ އަދި އަރަފާތުގައި 51 އެމްބިއުލާންސް މަރުކަޒު ގާއިމުކޮށް، 144 އެމްބިއުލާންސާއި 22 ސައިކަލާއި 10 ގޮލްފް ކާޓް މިހާރު ވަނީ ހިދުމަތަށް ނެރެފަ އެވެ. ސިއްހީ ހިދުމަތް ދިނުމަށް 549 މީހުން ހަމަޖައްސާފައިވާ އިރު އޭގެ ތެރޭގައި، ކުއްލި ހާލަތުގައި ސިއްހީ ހިދުމަތް ދިނުމަށް ހާއްސަ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިން ހިމެނެ އެވެ.

އޭގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ހައްޖުވެރިންނަށް އެހީތެރިވެދިނުމަށް ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރާ 300 މީހުން ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން 34 ޕަސެންޓް ދަރުމަވެރިންނަކީ އަންހެނުން ކަމަށް ސައޫދީގެ ރަސްމީ ނޫސް އޭޖެންސީން ބުނެ އެވެ.