Roadha Mihaaru
ސައޫދީ އަރަބިއްޔާގެ ވައިގެ ބަނދަރުތައް ހުޅުވާލައިފި

ސައޫދީ އަރަބިއްޔާގެ ވައިގެ ބަނދަރުތައް ހުޅުވާލައިފި

18 އޮކްޓޯބަރ 2021

ސައޫދީ އަރަބިއްޔާގެ ހުރިހާ ވައިގެ ބަނދަރުތަކެއް މިހާރު އެއްކޮށް ހުޅުވާލައި ހިދުމަތް ދޭން ފަށާފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ސައޫދީ އަރަބިއްޔާގެ ހުރިހާ ވައިގެ ބަނދަރުތަކެއް މިހާރު އެއްކޮށް ހުޅުވާލައި ހިދުމަތް ދޭން ފަށާފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ސައޫދީގެ ވައިގެ ދަތުރުފަތުރާ ބެހޭ ރަސްމީ އިދާރާ އިން ބުނި ގޮތުގައި، އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކާއި އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދޭ ވައިގެ ބަނދަރުތައް ވެސް މިހާރު އެކުގައި ހުޅުވާލައިގެން އަންނަނީ ހިދުމަތް ދެމުންނެވެ.

ސައޫދީ އަށް ދަތުރު ކުރުމުގައި މިހާރު އެއްވެސް ހިފެހެއްޓެމެއް ނެތް ނަމަވެސް، އެ ގައުމަށް އެތެރެވުމުގައި، ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި އޮތުމަކީ ޝަރުތެކެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަން ކަށަވަރުކޮށްދޭން ޖެހެނީ ސައޫދީގައި އެކަމަށްޓަކައި ހާއްސަކޮށްފައިވާ މޮބައިލް އެޕްލިކޭޝަން "ތަވައްކަލްނާ" މެދުވެރިކޮށެވެ.

ސައޫދީ އަރަބިއްޔާގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، އެ ގައުމުގެ ވައިގެ ބަނދަރުތަކުގެ ދަތުރުތައް ވަކިވަރަކަށް މަދުކޮށްލައި، ބައެއް ހިދުމަތްތައް މެދުކަނޑައިލީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ވައިގެ ބަނދަރުތަކުން ހުރިހާ ހިދުމަތްތަކެއް ދޭން މިފެށީ އަލަށެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، ޖަމާއަތުގެ ނަމާދުތަކުގައި ގައިދުރުކޮށް ސަފުހެދުމަށް ކަނޑައަޅާފައިވާ އުސޫލުތައް އިއްޔެ އިން ފެށިގެން އުވައިލުމުން، މައްކާގެ ހަރަމްފުޅުގައި އިއްޔެ ގައިދުރުކުރުމެއް ނެތި ޖަމާއަތުގައި ނަމާދު ކުރަނީ. ފޮޓޯ: ހަަމައިން ޝަރީފައިން

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، ޖަމާއަތުގެ ނަމާދުތަކުގައި ގައިދުރުކޮށް ސަފުހެދުމަށް ކަނޑައަޅާފައިވާ އުސޫލުތައް އިއްޔެ އިން ފެށިގެން އުވައިލުމުން، މައްކާގެ ހަރަމްފުޅުގައި އިއްޔެ ގައިދުރުކުރުމެއް ނެތި ޖަމާއަތުގައި ނަމާދު ކުރަނީ. ފޮޓޯ: ހަަމައިން ޝަރީފައިން

ސައޫދީގެ އާންމުން ބުނާ ގޮތުގައި، ވައިގެ ބަނދަރުތަކުގެ ހުރިހާ ހިދުމަތްތަކެއް އަލުން ފެށުމަކީ، ކޮވިޑްގެ ނުރައްކަލަށް ފަހު ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިއުމަށް މުޅި ގައުމު މަސައްކަތް ކުރާއިރު، ކުރިއަށް އެޅި ވަރަށް ރަނގަޅު ފިޔަވަޅެކެވެ.

އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް މިހާރު ދަށަށް ދާން ފެށުމާއެކު، މީގެ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތައް އިއްޔެއިން ފެށިގެން ވަނީ ދޫކޮށްލައިފަ އެވެ. އެ ގޮތުން އާންމުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުން އިއްޔެ އިން ފެށިގެން ވަނީ ހުއްޓާލައިފަ އެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާއިރު، ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުން ވެސް، އިއްޔެ އިން ފެށިގެން ވަނީ އުވާލައިފަ އެވެ. ނަމަވެސް މައްކާ އާއި މަދީނާގެ ހަރަމްފުޅުގައި ޖަމާއަތުގައި ނަމާދުކުރާ އިރު، އަދިވެސް މާސްކު އެޅުން ވަނީ ލާޒިމްކޮށްފަ އެވެ.

ކޮވިޑުން ދިފާއުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، މައްކާ އާއި މަދީނާގެ ހަރަމްފުޅުގައި ކުރާ ޖަމާއަތުގެ ނަމާދުތަކަށް، މީހުންނަށް ވަދެވޭ އަދަދު ވެސް އިއްޔެއާ ހަމައަށް އޮތީ މަދުކޮށްފަ އެވެ. ނަމަވެސް އިއްޔެ އިން ފެށިގެން މިހާރު ވަނީ ވަކި އަދަދެއް ނެތި ދެ ހަރަމްފުޅަށް ވެސް ވަދެވޭނެ ކަމަށް ނިންމައިފަ އެވެ.

ސައޫދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ނެރުނު ތަފާސްހިސާބުތައް ބުނާ ގޮތުން، އިއްޔެ އެގައުމުގައި އަލަށް ކޮވިޑް ޖެހުނީ 41 މީހަކަށެވެ. އަދި ކޮވިޑް ޖެހިގެން އިއްޔެ ތިން މީހަކު މަރުވި އެވެ.