Roadha Mihaaru
ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އެފްއޭ ކަޕުން ކަޓައިފި

ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އެފްއޭ ކަޕުން ކަޓައިފި

04 މާޗް 2020

ލަންޑަން (މާޗް 4) – މި ސީޒަނުގެ ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް މިދިޔަ ހަފުތާގައި މެޗަކުން ބަލިވި ލިވަޕޫލް އޭގެ ފަހުން ކުޅުނު ފުރަތަމަ މެޗުން ރޭ ޗެލްސީ އަތުން 2-0 އިން ބަލިވެ އެފްއޭ ކަޕުގެ ފަސް ވަނަ ބުރުން ކަޓައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (މާޗް 4) – މި ސީޒަނުގެ ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް މިދިޔަ ހަފުތާގައި މެޗަކުން ބަލިވި ލިވަޕޫލް އޭގެ ފަހުން ކުޅުނު ފުރަތަމަ މެޗުން ރޭ ޗެލްސީ އަތުން 2-0 އިން ބަލިވެ އެފްއޭ ކަޕުގެ ފަސް ވަނަ ބުރުން ކަޓައިފި އެވެ.

މިއީ ލިވަޕޫލް ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިން ވަނަ މެޗެވެ. އަނެއް ދެ މެޗަކީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ބަލިވި މެޗާއި ޕްރިމިއާ ލީގުގައި މި ހަފުތާގައި ވަޓްފޯޑް އަތުން 3-0 އިން ބަލިވި މެޗެވެ.

ޕްރިމިއާ ލީގުގެ މެޗުން ބަލިވި ނަމަވެސް އެ ޓީމަށް ހާސްކަމެއް ނެތެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 22 ޕޮއިންޓުގެ ލީޑަކާ އެކު ކަމަށް ވުމުން ދާދި އަވަހަށް ލީގު ކާމިޔާބުކުރެވިދާނެ އެވެ.

އެކަމަކު ރޭގެ މެޗުން ބަލިވެ އެފްއޭ ކަޕުން ކެޓުމަކީ މި ސީޒަނުގައި މަދުވެގެން ދެ ތަށި ހޯދަން ކުރާ މަސައްކަތަށް އެޅުނު ހުރަހެކެވެ. އަދި އެތުލެޓިކޯ އަތުން ބަލިވުމާ އެކު، ޗެމްޕިއަންސް ލީގު ދިފާއުކުރުމުގެ މަސައްކަތުގައި އިތުރު ބުރައެއް ވަނީ އުފުލަން ޖެހިފަ އެވެ.

ސީޒަނުގައި ދެން ހިމެނޭ ލީގު ކަޕުން ލިވަޕޫލް ކެޓީ ކުއާޓާ ފައިނަލުން އެސްޓަން ވިލާ އަތުން 5-0 އިން ބަލިވުމުންނެވެ. އެކަމަކު ފީފާ ކްލަބް ވޯލްޑް ކަޕާ ދިމާވުމުން އެ މެޗަށް ލިވަޕޫލް ނެރުނީ ސައްތައިން ސައްތަ ޔޫތު ޓީމެކެވެ.

ރޭގެ މެޗަށް ލިވަޕޫލުގެ ކޯޗު ކޯޗު ޔާގެން ކްލޮޕް ނެރުނީ މި ހަފުތާގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު ޓީމަށް ހަތް ބަދަލެއް ގެނެސްގެންނެވެ. އެކަމަކު މިއީ މި މުބާރާތުގެ ކުރީ ބުރުތަކުގައި އެވަޓަން އާއި ޝްރޫސްބަރީ ކަޓުވާލިއިރު ނެރުނު ފުރަތަމަ އެގާރައަށް ވުރެ ވަރުގަދަ އެގާރައެކެވެ.

ޗެލްސީ ދޮޅު މަހެއްހާ ދުވަހަށް ފަހު އެއް ވަނަ ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ އަށް ފުރުސަތު ދީގެން ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް 13 ވަނަ މިނެޓުގައި ޖެހީ ވިލިއަން އެވެ. އަދި ދެ ވަނަ ގޯލް 64 ވަނަ މިނެޓުގައި ވައްދާލީ ރޮސް ބާކްލީ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން އެންމެ ފަސް މެޗުން މޮޅުވި ޗެލްސީ މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ޖަރުމަނުގެ ބަޔާން މިއުނިކް އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވެފައިވާތީވެ ރޭގެ މޮޅަކީ ކޯޗު ފްރޭންކް ލަމްޕާޑަށް ލިބުނު ހަމަޖެހުމެކެވެ.