Roadha Mihaaru
ޓެންހަގަށް ޔުނައިޓެޑްގެ ވަޒީފާ ވެސް ސަލާމަތްވެއްޖެ

ލިވަޕޫލު ބަލި ކުރުމުން ޓެންހަގަށް ޔުނައިޓެޑްގެ ވަޒީފާ ވެސް ސަލާމަތްވެއްޖެ

18 މާޗް 2024

މެންޗެސްޓާ (މާޗް 18) - އަމަދް ޑިއާލޯ އިތުރު ވަގުތުގެ ފަހު ހާފުގެ ފަހު ވަގަުތުގައި ލިވަޕޫލު ކޮޅަށް ވައްދާލި ލަނޑުން، އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގައާ އެކު ކޯޗު އެރިކް ޓެން ހަގަށް މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާ ސަލާމަތް ކުރެވިއްޖެ އެވެ.

މެންޗެސްޓާ (މާޗް 18) - އަމަދް ޑިއާލޯ އިތުރު ވަގުތުގެ ފަހު ހާފުގެ ފަހު ވަގަުތުގައި ލިވަޕޫލު ކޮޅަށް ވައްދާލި ލަނޑުން، އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގައާ އެކު ކޯޗު އެރިކް ޓެން ހަގަށް މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާ ސަލާމަތް ކުރެވިއްޖެ އެވެ.

ރޭ ގެ މެޗުން ޔުނައިޓެޑް ބަލިވިނަމަ، އެ ކްލަބްގެ މުޅި ސީޒަން ހަރާބުވީސް އެވެ. އެކަމަކު ޓެން ހަގް ގެނައި ބަދަލުތަކުން ޔުނައިޓެޑްގެ ސީޒަން ވެސް އަދި އޭނާގެ ވަޒީފާ ވެސް ސަލާމަތް ކުރެވުނެވެ.

މެޗުގެ ފުރަިހަމަ ވަގުތު ހަމަވާން 20 މިނެޓަށް ވެފައި ވަނިކޮށް ޔުނައިޓެޑްގެ ބެންޗުގެ ޓެކްނިކަލް އޭރިއާގެ ތެރޭގައި ޓެން ހަގް ހުރީ އެންޓޮނީ ކޮނޑަށް އަތްލައިގެން އިރުޗާދު ދޭށެވެ. ޓެން ހަގް ޔުނައިޓެޑާ ހަވާލުވި ފަހުން އެ ކްލަބުން ކުރި އެންމެ ބޮޑު ހޭދަ އަކީ އެންޓޮނީގެ ޓްރާންސްފާ އެވެ. އަޔެކްސް އަށް 85 މިލިއަން ޑޮލަރު ދިނުމަށް ފަހު ޔުނައިޓެޑުން 2022 ގައި ގަތް ފޯވާޑް، ރޭ ގެ މެޗުގައި ދަނޑަށް ނެރުނު ހިސާބަކީ މެޗު އެނބުރިގެން ދިޔަ ވަގުތެވެ.

މެޗުން ބަލިވާން ދަނިކޮށް ޔުނައިޓެޑަށް އޭނާ ނަތީޖާ ހަމަހަމަ ކޮށްދިނީ 87 ވަނަ މިނެޓްގަ އެވެ. 2-2 މެޗު އެއްވަރުވުމުން އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ހާވީ އެލިއޮޓް ލިވަޕޫލަށް އަލުން ލީޑް ނަގައި ދިނެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ރަޝްފޯޑް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ދެން އައީ އެންމެ ރެޔަކުން ޔުނައިޓެޑްގެ ބަތަލަކަށް އަމަދް ޑިއާލޯ ވެގެންދިޔަ ވަގުތުކޮޅެވެ. އައިވަރީ ކޯސްޓްގެ މިޑްފީްލްޑަރު އެ ކްލަބަށް ޖަހައި ދިން ދެވަނަ ލަނޑެވެ. މެޗުގެ 120 ވަނަ މިނެޓްގައި އެ ލަނޑު ޖަހައި އުފާފާޅު ކުރުމުގެ ގޮތުން ޖޯޒީ ބޭލި އެވެ. ރެފްރީ އޭނާ އަށް ރީނދޫ ކާޑް ދެއްކި އެވެ. އޭގެ ދެ މިނެޓް ފަހުން އެހެން ފައުލަކާ ގުޅިގެން އިތުރު ރީނދޫ ކާޑެއް ދައްކައި ރަތް ކާޑާ އެކު ދަނޑުން ފޮނުވާލި އެވެ.

މެޗަށް ފަހު ޓެން ހަގް ބުނީ މިއީ ޔުނައިޓެޑްގެ އެނބުރި އަންނަ ވަގުތުކަމުގައި އެ އެސޯސިއޭޝަނުން ހަދަން ޖެހޭ ކަމަށެވެ.

"މިއީ އެ މޮމެންޓް ކަމަށް ވެދާނެ. މިޓީމުން ވަރަށް ބޮޑަށް އިތުބާރު ކުރޭ - ހަކަތަ އެބަ ހުރި، ވަރަށް ބޮޑެތި ކަންކަން ކުރެވޭނެ ކަމަށް. ލިވަޕޫލް ބަލި ކުރެވެންޏާ ދެން އެހެން ކޮންމެ ޓީމެއް ވެސް ބަލި ކުރެވޭނެ،" ޓެން ހަގް ބުންޏެވެ.

މެޗަށް ފަހު މްނެޗެސްޓާގެ ފުލުހުން މަސްއޫލުވީ، މެޗުގެ ތެރެއިން ދެ ޓީމުގެ ސަޕޯޓަރުންމ އަނެއް ޓީމުގެ ސަޕޯޓަރުންނަށް ރައްދުކޮށް "ހިތާމަވެރި ހާދިސާތަކާ ގުޅުވައި ގެން" ލަވަތައް ދަނޑުގައި ތިބެގެން ކީ މީހުން ހައްޔަރު ކުރުމަށެވެ.

ޔުނައިޓެޑްގެ ސަޕޯޓަރުން ލިވަޕޫލްގެ ސަޕޯޓަރުންނާ ދިމާކޮށް ލަވަ ކިޔަނީ 1989 ގެ އެފްއޭ ކަޕް ސެމީ ފައިނަލުގައި ޝެފީލްޑްގެ ހިލްސްބާގް ސްޓޭޑިއަމްގައި ލިވަޕޫލްގެ މެޗު ބަލަން ވަން ސަޕޯޓަރުން ތިބި ސިޑިބަރިއެއް ވެއްޓި 97 ސަޕޯޓަރުން މަރުވި ހާދިސާ އަށެވެ. ލިވަޕޫލްގެ ސަޕޯޓަރުން ޔުނައިޓެޑްގެ ސަޕޯޓަރުންނާ ދިމާ ކުރަނީ 1958 ގައި ޔުނައިޓެޑްގެ ޓީމު ދަތުރު ކުރި މަތިންދާބޯޓް ވެއްޓި 23 މީހުން މަރުވި ހާދިސާއާ ގުޅުވަ އެވެ.