Roadha Mihaaru
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް

ގެނބެމުން ދިޔަ ޔުނައިޓެޑް، އެފްއޭ ކަޕްގެ ތައްޓާ އެކު ފެނުން މައްޗަށް

25 މެއި 2024

ލަންޑަން (މެއި 25) - ފައިނަލުގައި ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކޮށްލައި، މެންޗެސްޓާ ޔުނައިޓެޑުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލަންޑަން (މެއި 25) - ފައިނަލުގައި ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކޮށްލައި، މެންޗެސްޓާ ޔުނައިޓެޑުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލަންޑަންގެ ވެމްްބްލީގައި ކުޅުނު ފައިނަލް މެޗާ ކުރިމަތިލުމާ ހަމައަށް ވެސް، ޔުނައިޓެޑާއި އެ ކްލަބްގެ ކޯޗު އެރިކް ޓެން ހަގަށް ވެސް އޮތީ ޕްރެޝަރެވެ. މި ނިނުނީ ޕްރިމިއާ ލީގުގައި އެ ކްލަބުގެ އެންމެ ދަށް ނަތީޖާ ހޯދި ސީޒަނެވެ. ޓެން ހަގަށް ވަޒީފާގެ ބިރު އޮތީ ކުރިމަތި ވެފަ އެވެ. ސަޕޯޓަރުން ހިމޭން ވެފައި ތިބޭތާ ކިތަންމެ ދުވަހެކެވެ.

އަޑިއަށް ގެނބެމުން ދިޔަ ކްލަބް މި ވަނީ މިރޭ ހޯދި ތައްޓާ އެކު ފެނުން މައްޗަށް ތޮޅިލައިފަ އެވެ. ފައިނަލް މެޗުގެ ކާމިޔާބު އެކަންޏެއް ވެސް ނޫނެވެ. އިނގިރޭސި ފުޓްބޯޅަ ކޮލަމިސްޓް ޑޭވިޑް ހައިޓްނާ ލިޔުނު ގޮތުގައި، މިރޭގެ ފައިނަލް މެޗަކީ އެލެކްސް ފާގަސަން 2013 ގައި ރިޓަޔާ ކުރި ފަހުން އެ ކްލަބުން ކުޅުނު އެންމެ މޮޅު މެޗެވެ.

ސިޓީން ނުކުތީ، އެފްއޭ ކަޕް ތަށި ހޯދައި އިތުރު ރެކޯޑެއް ހެދުމަށެވެ. ނަމަވެސް އެ ތާރީހް ލިޔާކަށް މެޗުގެ ފުރަތަމަ ހާފު މޮޅަށް ކުޅުނު ޔުނައިޓެޑްގެ ޓީމުން ފުރުސަތެއް ނުދިނެވެ. އެއީ މެޗުގެ ގޯލްޑަން ހާފެވެ. އެ ހާފުގައި އަލްހެންޑްރޯ ގާނާޗޯ އާއި ކޯބީ މައިނޯ، ކައިރިކައިރީގައި ލަނޑު ޖަހައި ޔުނައިޓެޑްގެ ކޮޅަށް ނަތީޖާ ބުރަ ކުރި އެވެ.

މީގެ ކުރިން، އެފްއޭ ކަޕް ފައިނަލުގައި ފުރާވަރުގެ ދެ ކުޅުންތެރިޔަކު ލަނޑުތައް ޖަހާފައެއް ނުވެ އެވެ. މައިނޯ އާއި ގާނާޗޯ ވަނީ ޔުނައިޓެޑްގެ ދެ ލަނޑު ޖަހައި އެ ތާރީހް ވެސް ފުރަތަމަ ފަހަރަށް ލިޔެފަ އެވެ.

ދެވަނަ ހާފަކީ، ސިޓީގެ ހާފެކެވެ. ހަމަލާތައް އެ ޓީމު އިތުރު ކުރި އެވެ. އެކަމަކު ކުރެވުނު ވަރަކީ މެޗުގެ ފަހު ވަގުތުގައި ޖެރެމީ ޑޮކޫގެ ލަނޑުން ސުން ކަނޑުވާލުމެވެ.

މެންޗެސްޓާގެ ދެ ކްލަބްގެ ޑާބީގައި މީގެ ކުރިން ކުޅުނު ހަތް މެޗު ވެސް ސިޓީ ކާމިޔާބު ކުރި އެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލް މެޗު ވެސް ހިމެނެ އެވެ.

އެކަމަކު، މިރޭ ޓެން ހަގްގެ ޓީމުން މި ހިފާލީ ބަދަލެކެވެ. އަދި އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ޖާގައެއް ވަނީ ލިބިފަ އެވެ. ޓެން ހަގްގެ ވަޒީފާ ވެސް ސަލާމަތްވިކަން ގާތްގަނޑަކަށް ޔަގީން ވީ އެވެ. ހިމޭން ވެފައި ތިބި ޔުނައިޓެޑްގެ ސަޕޯޓަރުންގެ އަޑު ވެސް ގުގުމައިގެންފި އެވެ.

އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކަލްބުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން މި ހޯދީ 13 ވަނަ ފަހަރަށެވެ. އެ މުބާރާތުގައި އެންމެ ކާމިޔާބު ޓީމަށް ވާން ޔުނައިޓެޑުން އަންނަ ސީޒަނުގައި މި ތަށި ހޯދަން އެބަ ޖެހެ އެވެ. އޭރުން އެ ތަށި 14 ފަހަރު ހޯދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އާސެނަލްއާ ހަމަހަމަ ކުރެވޭނެ އެވެ.