03 މާޗް 2022
ލޫޓަން (މާޗް 3) - މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިނގިރޭސި ލީގު ކަޕް ފައިނަލުގައި ވާދަކުރި ޗެލްސީ އާއި ލިވަޕޫލް، އެފްއޭ ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ލޫޓަން (މާޗް 3) - މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިނގިރޭސި ލީގު ކަޕް ފައިނަލުގައި ވާދަކުރި ޗެލްސީ އާއި ލިވަޕޫލް، އެފްއޭ ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލަށް ޗެލްސީ ދިޔައީ ފަސްވަނަ ބުރުގެ މެޗުގައި ރޭ ލޫޓަން ޓައުންއާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ ލީގު ކަޕް ފައިނަލް މެޗުގައި ޕެނަލްޓީ ޝޫޓައްއުޓަށް ކުޅެން އެރުވި ކެޕާ އަރިޒަބަލާގާ އެވެ. ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ މެޗުގެ ފުރަތަމަ 11 ގައި ކުޅުނުއިރު ސެންޓަ ބެކަށް ކުޅުނީ މިޑްފީލްޑަރު ރުބެން ލޮފްޓަސް ޗީކް އެވެ.
މެޗުގެ ދެވަނަ މިނިޓުގައި ލިބުނު ކޯނަރެއްގެ ބޭނުން ހިފައި ލޫޓަން ޓައުން އަށް ލީޑް ނަގައިދިނީ ޑިފެންޑަރު ރީސް ބުރްކޭ އެވެ. އަދި 14 ވަނަ މިނިޓުގައި ލޫޓަންގެ ކީޕަރު ޖެޑް ސްޓިއާ އަށް އަނިޔާވެގެން ވަނީ ހެރީ އިސްޓެޑް ކުޅެން އަރުވައިފަ އެވެ. ސްޓިއާ އަކީ ޖެނުއަރީ މަހު އެސްޓަން ވިލާ އިން ލޯނު އުސޫލުން ލޫޓަން އަށް ބަދަލުވި ކީޕަރެކެވެ.
ޗެލްސީން ނަތީޖާ އެއްވަރުކުރީ 27 ވަނަ މިނިޓުގައި ސައުލް ނިގޭޒް ޖެހި ލަނޑުންނެވެ. ނަމަވެސް އަންނަ ސީޒަނުގައި ޕްރިމިއާ ލީގުން ޖާގައެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ލޫޓަން އިން ވަނީ 40 ވަނަ މިނިޓުގައި ހެރީ ކޯނިކް ޖަހައިދިން ލަނޑުން ދެވަނަ ފަހަރަށް އެޓީމަށް ލީޑު ނަގައިދީފަ އެވެ. ލޫޓަން މި ވަގުތު އޮތީ އިނގިރޭސި ޗެމްޕިއަންޝިޕް ޓޭބަލްގެ ހަވަނައިގަ އެވެ.
ދެވަނަ ހާފުގައި ޗެލްސީ އަށް އެއްވަރުކޮށްދިނީ ވާނާ އެވެ. އޭނާ ވަނީ 68 ވަނަ މިނިޓުގައި ލޮފްޓަސް ޗީކް މަތިން އޭރިއާ ތެރެއަށް ދިން ބޯޅަ ހޯދައި ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. އޭގެ 10 މިނިޓު ފަހުން ވާނާގެ އެހީތެރިކަމާ އެކު ޗެލްސީ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ.
ލިވަޕޫލް ކުއާޓާ އަށް ދަތުރުކުރީ ނޯރިޗް ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރޭ ކުޅެ 2-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ރޭގެ މެޗުގައި ލިވަޕޫލްގެ ގޯލު ބެލެހެއްޓީ ކީޕަރު އެލިސަން ބެކާ އެވެ. އަދި އެޓީމުގެ މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނިއޯ ޓީމުގައި ހިމަނައިފައެއް ނުވެ އެވެ. ސަޑިއޯ މާނޭ ކުޅެން އެރުވިީ މެޗުގެ އެންމެ ފަހު ފަސް މިނިޓަށެވެ.
ޑިއޯގޯ ޖޮޓާ އާއި ޑިވޮކް އޮރީގީ އަދި ޓަކޫމީ މިނަމީނޯއާ އެކު ފެށި ލިވަޕޫލުން މެޗުގައި ޖެހި ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 27 ވަނަ މިނިޓުގައި އޮރީގީގެ އެހީތެރިކަމާ އެކު ޖަހައިދިނީ މިނަމީނޯ އެވެ. އަދި 39 ވަނަ މިނިޓުގައި މިނަމީނޯ ވަނީ ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހައިދީފަ އެވެ.
މެޗު ނިމެން 15 މިނިޓަށްވެފައި ވަނިކޮށް ނޯރިޗްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމަށް ކުޅޭ ޖަރުމަން މިޑްފީލްޑަރު ލޫކަސް ރަޕް އެވެ.
ސައުތެމްޓަން ވެސް ވަނީ ރޭ އެފްއޭ ކަޕް ފަސްވަނަ ބުރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ފުރަތަމަ ހާފުގައި ސައުތެމްޓަނަށް ލީޑު ނަގައިދިނީ ރޯމެއިން ޕެރޫޑް އެވެ. ނަމަވެސް މިޝޭލް އެންޓޯނިއޯ ވަނީ 60 ވަނަ މިނިޓުގައި ވެސްޓް ހޭމް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ސައުތެމްޓަން އިން ދެވަނަ ފަހަރަށް ލީޑު ނެގީ ވީއޭއާރުގެ އެހީގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ޖޭމްސް ވާޑް-ޕްރައުސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އާމަންޑޯ ބްރޯޖާ ވަނީ ސައުތެމްޓަންގެ ތިންވަނަ ލަނޑު ޖަހައި ކުއާޓާގެ ޖާގަ ޔަގީން ކޮށްދީފަ އެވެ.
ޓޮޓެންހަމް ހޮޓްސްޕާ ވަނީ އެފްއޭ ކަޕް ފަސްވަނަ ބުރުގައި މިޑްލްސްބަރާ އަތުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.
16 އަހަރަށްފަހު އެފްއޭ ކަޕް ލިވަޕޫލަށް
ކުއާޓާ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް މިޑްލްސްބަރާ
ނޮޓިންހަމް އަތުން ބަލިވެ، ޗެމްޕިއަން ލެސްޓާ ކަޓައިފި
ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އެފްއޭ ކަޕުން ކަޓައިފި
ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، ޓޮޓެންހަމް ސަލާމަތްވެއްޖެ
ލިވަޕޫލް ކެޓިއިރު ޗެލްސީ، ސިޓީ އަދި އާސެނަލަށް މޮޅެއް
ލިވަޕޫލް އެއްވަރު، ޗެލްސީ މޮޅުވެ އަނެއް ބުރަށް
ޗެލްސީ އެކަޑަމީ މެޗުތަކަށް ބައެއް ސްކައުޓުން މަނާކުރަނީ
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ޓެންހަގަށް ޔުނައިޓެޑްގެ ވަޒީފާ ވެސް ސަލާމަތްވެއްޖެ