Roadha Mihaaru
ސީއެންއެންގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަނީ

ސީއެންއެންގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަނީ

28 ފެބުރުއަރީ 2020

ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ސީއެންއެންއާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕްރޭޝަން (އެމްއެމްޕީއާރުސީ) އިން އެއްބަސްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ސީއެންއެންއާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕްރޭޝަން (އެމްއެމްޕީއާރުސީ) އިން އެއްބަސްވެއްޖެ އެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުން ފެށިގެންނެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމާ ގުޅޭގޮތުން އެޑްވަޓޯރިއަލްތަކާއި އިޝްތިހާރުތައް އަދި ހަބަރުތަކާއި ހާއްސަ ސެގްމަންޓުތައް ސީއެންއެންގައި ޝާއިއު ކުރާނެ އެވެ.

ސީއެންއެން އަކީ ދުނިޔޭގެ ގިނަ ބަޔަކު ކިޔާ އަދި ބަލާ މީޑިއާއަކަށް ވާއިރު އޭގައި ރާއްޖެ އިޝްތިހާރު ކުރުމުން އެއްފަހަރާ އެތައް މިލިއަން މީހުންނަށް ރާއްޖޭގެ ރީތިކަން ދައްކާލެވޭނެ އެވެ. މީގެ ސަބަބުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރު ވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާ ކުރެ އެވެ. މިއީ މިއަހަރު ތެރޭ އެކުންފުނިން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ޓޫރިޒަމް ކެމްޕޭނެވެ.

މިއަހަރު ރާއްޖެއަށް އަންނަ ޓޫރިސްޓުން މިދިޔަ އަހަރަށްވުރެ އިތުރުވާނެ ކަމަށް ކުރިން ލަފާ ކުރެވުނު ނަމަވެސް ކޮވިޑް 19 ގެ ސަބަބުން މިއަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ޗައިނާ މާކެޓަކީ ރާއްޖެއަށް އެންމެ ގިނައިން ޓުރިސްޓުން އަންނަ މާކެޓަށްވާ އިރު ވައިރަސްގެ ސަބަބުން އެ ގައުމުގެ ޓުރިސްޓުން ރާއްޖެއަަށް އައުން ވަނީ މަނާ ކޮށްފަ އެވެ.

އެމްއެމްޕީއާރުސީން ވެސް ވަނީ ޗައިނާ ފަދަ ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް ފެއާތަކުގަ އާއި ރޯޑްޝޯތަކުގައި ބައިވެރިވުވުމަށް ނިންމާފަ އެވެ. ނަމަވެސް ވައިރަސް ފެތުރުމާ ގުޅިގެން މި ނިންމުން ބަދަލުކޮށް އެހެން ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ރާއްޖެ އިޝްތިހާރު ކުރަން ނިންމާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.