Roadha Mihaaru
ވިޒިޓް މޯލްޑިވްސް ޓްރެވެލް އެކްސްޕޯ ފަށައިފި

ވިިޒިޓް މޯލްޑިވްސް ޓްރެވެލް އެކްސްޕޯ މެލޭޝިއާގައި ފަށައިފި

05 ޖުލައި 2019

އެމްއެމްޕީއާރުސީން ބާއްވާ ފުރަތަމަ ފެއާ "ވިޒިޓް މޯލްޑިވްސް ޓްރެވެލް އެކްސްޕޯ" މެލޭޝިއާގައި މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްއެމްޕީއާރުސީން ބާއްވާ ފުރަތަމަ ފެއާ "ވިޒިޓް މޯލްޑިވްސް ޓްރެވެލް އެކްސްޕޯ" މެލޭޝިއާގައި މިއަދު ފަށައިފި އެވެ.

މި ފެއާ ފައްޓަވައިދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އެއާ އޭޝިއާގެ ރީޖަނަލް ހެޑް އަމާންޑާ ވޫ އެވެ. މި ފެއާ ކުރިއަށްދާނީ އާދީއްތަ ދުވަހުގެ ނިޔަލަށް، މެލޭޝިއާގެ ޕުތުރަޖާޔާގައި ހުންނަ އެންމެ ބޮޑު މޯލް، އައިއޯއައިގަ އެވެ.

ރާއްޖޭގެ ޓޫރިޒަމާއި ގުޅޭގޮތުން މެލޭޝިއާގެ ފަރާތްތަކަށް މައުލޫމާތު ދެނީ-- ފޮޓޯ: އެމްއެމްޕީއާރުސީ

ރާއްޖޭގެ ޓޫރިޒަމާއި ގުޅޭގޮތުން މެލޭޝިއާގެ ފަރާތްތަކަށް މައުލޫމާތު ދެނީ-- ފޮޓޯ: އެމްއެމްޕީއާރުސީ

މި ފެއާ އިން ރާއްޖޭގައި ޓޫރިޒަމް ދާއިރާގެ ކުންފުނިތަކަށް އޭޝިއާގެ ޓޫރިޒަމް އޮޕަރޭޓަރުންނާ ބައްދަލުކޮށް ރާއްޖެ ޕްރޮމޯޓްކުރުމަށް ފުރުސަތު ލިބޭނެ އެވެ. މި ފެއާގައި ރާއްޖޭގެ 17 ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ.

އެމްއެމްޕީއާރުސީން ބުނީ ފެއާގެ ފުރަތަމަ ދުވަސް ހާއްސަކޮށްފައި ވަނީ މެލޭޝިއާއިން ބޭރަށް ފަތުރުވެރިން ފޮނުވާ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ކަމަށެވެ. މި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

ވިޒިޓް މޯލްޑިވްސް ޓްރެވެލް އެކްސްޕޯގައި ދިވެހި ސަގާފީ ނެށުމެއް ކުރިއަށްދަނީ-- ފޮޓޯ: އެމްއެމްޕީއާރުސީ

ވިޒިޓް މޯލްޑިވްސް ޓްރެވެލް އެކްސްޕޯގައި ދިވެހި ސަގާފީ ނެށުމެއް ކުރިއަށްދަނީ-- ފޮޓޯ: އެމްއެމްޕީއާރުސީ

މި ފެއާ އަށް ޒިޔާރަތްކުރާ މީހުންނަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެމްޕިއާރުސީން ބުންޏެވެ. އެގޮތުން ދިވެހި ކާނާގެ ރަހަބަލާލުމާއި ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތައް ވާޗުއަލް ރިއަލިޓީ މެދެވެރިކޮށް ބެލުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން ދިވެހި ސަގާފީ ނެށުން ވެސް މި ފެއާގައި ދައްކާލާނެ އެވެ.

އޭޝިއާގެ އެކި ގައުމުތަކުން ރާއްޖެއަށް ޓޫރިސްޓުން އަންނަ މިިންވަރު ކޮންމެ އަހަރަކު އަންނަނީ އިތުރު ވަމުންނެވެ.