Roadha Mihaaru
އަންހެނުންނަށް ހާއްސަ މޮބައިލް ފާހާނާތަކެއް

އަންހެނުންނަށް ހާއްސަ މޮބައިލް ފާހާނާތަކެއް

25 ފެބުރުއަރީ 2020

އިންޑިއާ އަކީ ތާހިރު ގައުމަކަށް ހަދަން ކުރާ މަސައްކަތުގެ އެންމެ މުހިއްމު އެއް ބަޔަކީ ފާހާނާކުރުމުގެ ނިޒާމު ރަނގަޅު ކުރުމެވެ. ހާއްސަކޮށް ރަށްފުށުގެ ސަރަހައްދުތަކުގައި ހާމަ ތަންތަނަށް ގަޟާހާޖަތަށްދާ މައްސަލަ އިން އަރައިގަތުމަށްޓަކައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އަންނަނީ ފާހާނާތައް ބިނާކުރުމުގެ ބޮޑު މަޝްރޫއުތަކެއް ވެސް ހިންގަމުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ އަކީ ތާހިރު ގައުމަކަށް ހަދަން ކުރާ މަސައްކަތުގެ އެންމެ މުހިއްމު އެއް ބަޔަކީ ފާހާނާކުރުމުގެ ނިޒާމު ރަނގަޅު ކުރުމެވެ. ހާއްސަކޮށް ރަށްފުށުގެ ސަރަހައްދުތަކުގައި ހާމަ ތަންތަނަށް ގަޟާހާޖަތަށްދާ މައްސަލަ އިން އަރައިގަތުމަށްޓަކައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އަންނަނީ ފާހާނާތައް ބިނާކުރުމުގެ ބޮޑު މަޝްރޫއުތަކެއް ވެސް ހިންގަމުންނެވެ.

އެކަމަކު މި ފަހަރު މިއޮތީ ސަރުކާރުން ހިންގާ މަޝްރޫއެއްގެ ވާހަކައެއް ނޫނެވެ. އާންމުންގެ ބަޔަކު ތައާރަފުކޮށްގެން އުޅޭ ވަރަށް މަގުބޫލު ހިދުމަތެއްގެ ވާހަކަ އެވެ. ޕޫނޭ ސްޓޭޓްގައި މިހާރު އަންނަނީ އަންހެނުންނަށް ހާއްސަކޮށްގެން މޮބައިލް ފާހާނާގެ ހިދުމަތް ދެމުންނެވެ. ޕޭ ޓޮއިލެޓްގެ ގޮތުގައި ތައާރަފުކުރި މި ހިދުމަތް ދެނީ ބޮޑެތި ބަސްތަކެއް ފާހާނާތަކަށް ބަދަލުކޮށްގެންނެވެ.

އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ވެސް ހޯދާފައިވާ މި ހިދުމަތަށް ބޭނުންކުރާ ނަމަކީ "ޓި ޓޮއިލެޓް" އެވެ. "ޓި" އަކީ މަރާޓީ ބަހުން އަންހެނުންނަށް ނިސްވަތްކުރާ ގޮތެކެވެ.

މި ހިދުމަތް ތައާރަފުކުރުމުގެ ފަހަތުގައި ތިބީ އުލްކާ ސަދަލްކަރާއި ރަޖީވް ކޭރެވެ. އެ މީހުންގެ އަތުގައި މިހާރު 12 މޮބައިލް ފާހާނާ އެބައޮތެވެ. މި ހިދުމަތްދޭ ގޮތަށް ބަލާ އިރު އާންމުކޮށް ގިނައިން އަންހެނުން ދާ ސަރަހައްދުތައް ފާހަގަކޮށް އެތަންތަނުގައި އުޅަނދުތައް ޕާކްކޮށްލައިގެން ތިބެ ހިދުމަތް ދެ އެވެ.

"ޓި ޓޮއިލެޓް" އިން ލިބޭނީ ހަމައެކަނި ފާހާނާކުރުމުގެ ހިދުމަތެއް ނޫނެވެ. ދަރިންނަށް ބުއް ދިނުމާއި އަންހެނުންނަށް ޕެޑް ލިބޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެ އެވެ. އަދި މި ތަކެތީގައި އެހީތެރިކަން ފޯރުކޮށްދޭނެ އެޓެންޑުން ވެސް ތިބޭ އިރު، އޭގެ ތެރޭގައި ތިބެގެން ފިނިކޮށްލައި، ޓީވީ ވެސް ބަލައިލެވޭނެ އެވެ.

ސޯލާ އިން ހަކަތަ އުފައްދައިގެން ތިމާވެއްޓާ ރައްޓެހިކޮށް ހިދުމަތްދޭ "ޓި ޓޮއިލެޓް" ތަކުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް، 200 އަންހެނުން ހިދުމަތް ހޯދާ ކަމަށް އުލްކާ އާއި ރަޖީބް ބުންޏެވެ.

އެ މީހުން ބުނީ ފުރަތަމަ މި ހިދުމަތް ފަށައިގަތީ ވަރަށް ކުޑަކުޑަކޮށް 2016 ގައި ކަމަށެވެ. އެކަމަކު އަހަރުން އަހަރަށް ހިދުމަތް ފުޅާވަމުން އަންނަ އިރު، ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒަކީ މޮބައިލް ޓޮއިލެޓްގެ އަދަދު 1،000 އަށް އިތުރުކޮށް އިންޑިއާގެ ބޮޑު ސަރަހައްދަކަށް ހިދުމަތް ދިނުމެވެ.

އުލްކާ އާއި ރަޖީވްގެ ހިދުމަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ވެސް ކުރަމުންނެވެ. އަދި މިއީ އަންހެނުންނަށް އެ މީހުން ހޯދައިދިން ވަރަށް ބޮޑު ލުއި ފަސޭހައެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. މި ތަކެތީގެ އެންމެ ހާއްސަ އެއް ކަމަކީ ފާހާނާތަކުގެ ސާފުތާހިރުކަމެވެ.