Roadha Mihaaru

މައްސަރު ކަންކަމަށް ދަރިވަރުން ހޭލުންތެރިކުރަން ފަސްޓް ލޭޑީ ގޮވާލައްވައިފި

ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި މައްސަރުކަންތަކާ ގުޅޭ ގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ކަމާ ގުޅޭ މުއައްސަސާތަކަށް ގޮވާލައްވައިފި އެވެ.

މައްސަރު ކަންކަމަށް ދަރިވަރުން ހޭލުންތެރިކުރަން އެދިއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 ސެޕްޓެމްބަރ 2025

ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި މައްސަރުކަންތަކާ ގުޅޭ ގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ކަމާ ގުޅޭ މުއައްސަސާތަކަށް ގޮވާލައްވައިފި އެވެ.

"އެމްބްރޭސިން ވެލްނަސް: އަ ހޯލިސްޓިކް އެންޑް އެވިޑެންސް ބޭސްޑް އެޕްރޯޗް ޓު އަންޑަސްޓޭންޑިން އެންޑޯމެޓްރިއޯސިސް އިން ލައިޓް އޮފް ކަރަންޓް ރީސާޗް" ގެ ނަމުގައި ބޭއްވި ސިލްސިލާ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ އެ މަސައްކަތު ބައްދަލުވުމުން ލިބުނު ފިލާވަޅުތަކުގެ އަލީ ގައުމީ އެކްޝަން ޕްލޭން އެކުލަވައިލެއްވުމަށް އެދިވަޑައިގެންފަ އެވެ.

ފަސްޓް ލޭޑީ ވަނީ ފަރުވާ ދިނުމުގައި ހުރި ފުރުސަތުތަކާއި ބަލި ދެނެގަތުމުގެ އުކުޅުތަކާއި އެންމެ ފަހުގެ ދިރާސާތަކާ މެދު ހޭލުންތެރިވުމަކީ ފަންނީ ބޭފުޅުންގެ މައްޗަށް އޮތް އިހްތިޔާރެއް ނޫން ކަމަށާއި އެއީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެންޑޯމެޓްރިއޯސިސް ބަލި ތަހައްމަލު ކުރަމުންދާ އަންހެނުންގެ ވިލުންތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ފަސްޓް ލޭޑީ ވިދާޅުވީ އަންހެނުން ފަންނީ އަދި ގެވެށި ޒިންމާތައް އަދާކުރަމުންދަނީ ހަމަހިމޭންކަމާއެކު އިންތިހާ ވޭން ތަހައްމަލުކުރަމުން ކަމަށެވެ.

އެންޑޯމެޓްރިއޯސިސްގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ އުނދަގޫތަކާއި އެ ބަލި ދެނެނުގަނެވުމާއި މައްސަރުކަންތަކާ ގުޅިގެން އޮންނަ ތައައްސަބުތަކުގެ މައްޗަށް ވެސް ސާޖިދާ އަލިއަޅުއްވާލެއްވި އެވެ. އަދި ދުރާލައި ބަލި ދެނެގަނެވުމާއި އޯގާތެރިކަމާއެކު ފަރުވާދިނުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

އެކަމާ ގުޅުން ހުރި ސިޔާސަތުތަކަށް ރާއްޖެ އިން ގެނެސްފައިވާ އިސްލާހުތަކަށް މަރުހަބާ ދަންނަވައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ އެންޑޯމެޓްރިއޯސިސް އާއި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމަށް ދޭ ފަރުވާ އާސަންދާގައި ހިމެނުމަކީ ހަމަހަމަ ގޮތެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ފަސްޓް ލޭޑީ ސާޖިދާ ވަނީ އެންޑޯމެޓްރިއޯސިސްއާ ގުޅޭގޮތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމާއި އަންހެނުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އަޑުއުފުލުމުގައި ސާބިތުވެ ތިއްބެވުމަށް ގޮވާލައްވައިފަ އެވެ. އެ ނިންމާލި ބަައްދަލުވުން ވާންޖެހޭނީ ހަމައެކަނި މަޝްވަރާކުރުމުގެ މަންސައަކަށް ނޫން ކަމަށް ވިދާޅުވެ، އެއީ ސިއްހީ ނިޒާމު އިސްލާހުކުރުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި ބޭނުންކުރުމަށް ވެސް ސާޖިދާ އެދިވަޑައިގަތެވެ.