Roadha Mihaaru
ޕެޑް ލޯންޗްކުރި އިވެންޓްގައި އަންހެނުން ނެތުމުން ފާޑުކިޔައިފި

ޕެޑް ލޯންޗްކުރި އިވެންޓްގައި އިސްކޮށް އަންހެނުން ނެތުމުން ފާޑުކިޔައިފި

30 އޯގަސްޓް 2019

އިންޑިއާ ސަރުކާރުން އަންހެނުންނަށް އަގުހެޔޮކޮށް ޕެޑް ނުވަތަ ސެނިޓަރީ ނެޕްކިން ފޯރުކޮށްދޭން ފަށާފައިވާ ސްކީމްގެ ދަށުން އަގުހެޔޮކޮށް ޕެޑް ވިއްކަން ފެށުން އިފުތިތާހުކުރަން އަންގާރަ ދުވަހު ނިއު ދިއްލީގައި ބޭއްވި އިވެންޓެއްގެ އިސް ސަފުގައި އަންހެނުން ނެތުމުން އެކަމަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ ސަރުކާރުން އަންހެނުންނަށް އަގުހެޔޮކޮށް ޕެޑް ނުވަތަ ސެނިޓަރީ ނެޕްކިން ފޯރުކޮށްދޭން ފަށާފައިވާ ސްކީމްގެ ދަށުން އަގުހެޔޮކޮށް ޕެޑް ވިއްކަން ފެށުން އިފުތިތާހުކުރަން އަންގާރަ ދުވަހު ނިއު ދިއްލީގައި ބޭއްވި އިވެންޓެއްގެ އިސް ސަފުގައި އަންހެނުން ނެތުމުން އެކަމަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސަރުކާރުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އިވެންޓް ރަސްމީކޮށް ލޯންޗްކޮށްދެއްވުމުގައި ސްޓޭޖް މަތީގައި ފިޔާތޮށި ކުލައިގެ ޕެޑް ޕެކްތައް ހިއްޕަވައިގެން ތިއްބެވީ މުޅިން ވެސް ފިރިހެން ބޭފުޅުންނެވެ.

އޭގެ ތެރޭގައި ޔުނިއަން މިނިސްޓަ ފޮ ކެމިކަލްސް އެންޑް ފާޓިލައިޒާސް ޑީވީ ސަދަނަންދާ ގައުޅާ އާއި ޔުނިއަން މިނިސްޓަ ފޮ ޝިޕިން މަންސުކް އެލް މަންޑަވިޔާ ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް އަންހެނުންނާ ގުޅުން ހުރި ކަމެއްގައި އަންހެނުންގެ ދައުރު ނުފެނުމުން މިކަމާ ގުޅިގެން ޓްވިޓާގައި އެކި ކަހަލަ ޝުއޫރުތައް ގިނަ ބަޔަކު ފާޅުކުރަން ފެށުމުން ސަދަނަން ވަނީ އެ އިވެންޓްގައި ބައިވެރިވި އަންހެނުންތަކަކަށް ޕެޑް ހަދިޔާކުރާ ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ.

އަދި މަންސުކް ކުރެއްވި ޓްވީޓެއްގައި ވަނީ އަންހެނުން ބާރުވެރިކުރުމަކީ ކޮންމެހެން އިވެންޓްތަކެއްގައި އަންހެނުންތަކެއް ބައިވެރިކުރުން ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެ އިވެންޓް މައިގަނޑު އަމާޒަކީ އިންޑިއާގެ އަންހެނުންގެ ސިއްހަތާއި ދުޅަހެޔޮކަން ކަމަށެވެ.

"ސްވިދާ" ގެ ނަމުގައި ލޯންޗްކުރި ބައޮޑިގްރެޑިބަލް ޕެޑަކީ ވަކިން އެއް ރުޕީސް އަށް ޖެން އައުޝާދީގެ ފާމަސީތަކުން މިހާރު ގަންނަން ލިބޭނެ ޕެޑެކެވެ. ކުރިން ހަތަރު ޕެޑް ހިމެނޭ މީގެ ޕެޑް ޕެކެއް ވިއްކީ 10 ރުޕީސްއަށެވެ. މިހާރު އޭގެ ޕެކެއް 4 ރުޕީސް އަށް ލިބޭނެ އެވެ.

އިންޑިއާއަކީ ޕެޑްގެ އަގުބޮޑުވުމުގެ ސަބަބުން، ހާއްސަކޮށް ރަށްފުށުގެ ހިސާބުތަކުގެ މީހުންނަށް ޕެޑް ހޯދުން ވަރަށް ދަތި ގައުމެކެވެ. އަދި މިކަމާ ގުޅިގެން މައްސަރު ދުވަސްވަރު އެކި ކަހަލަ ސިއްހީ މައްސަލަތައް ދިމާވެ، އަންހެނުންގެ ސިއްހަތު ނުރައްކަލަށް ވެސް ހުށަހެޅިފައިވެ އެވެ.

މިކަމަށް ބިނާކޮށް މިދިޔަ އަހަރު ވަނީ "ޕެޑްމޭން" ގެ ނަމުގައި ފިލްމެއް ވެސް ގެނެސްދީފަ އެވެ. އަކްޝޭ ކުމާރު ލީޑް ރޯލް ކުޅުނު އެ ފިލްމުގައި ކިޔައި ދެނީ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޕެޑް ހޯދަން ދަތި އަންހެނުންނަށް ޕެޑް ތައްޔާރުކޮށް ފޯރުކޮށް ދޭން ޓަމިލް ނާޑޫ ސްޓޭޓްގެ ރައްޔިތެއް ކަމަށްވާ އަރުނަޗަލަމް މުރުގަނަތަމް ކުރާ މަސައްކަތެވެ.

މި ފިލްމަށް މި އަހަރު ބާއްވަ 66 ވަނަ ނެޝަނަލް ފިލްމު އެވޯޑުން ބެސްޓް ފިލްމު އޮން އަދާ ސޯޝަލް އިޝޫގެ އެވޯޑް ވެސް ކަށަވަރުވެފައިވެ އެވެ.