Roadha Mihaaru
މައްސަރު ދުވަސްވަރު ގިނައިން ފެން ބުއިން މުހިންމު

މައްސަރު ދުވަސްވަރު ގިނައިން ފެން ބުއިން މުހިންމު

27 މެއި 2019

މައްސަރު ދުވަސްވަރު ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކަށް ސަމާލުކަން ދޭ މީހުން މަދެވެ. އެއާ ޚިލާފަށް މިދުވަސްވަރު ބޭނުންވަނީ ލުއި ކާނާގެ ބާވަތްތަކާއި ޗޮކްލެޓް ފަދަ ފޮނި ކާތަކެތީގެ ބާވަތްތަކެވެ. މި ދުވަސްވަރު ދެން އެންމެ ސަމާލުކަން ދޭންވީ ގިނައިން ފެން ބުއިމަށެވެ.

މަރިޔަމް ޔަސްމާ މަރިޔަމް ޔަސްމާ

މައްސަރު ދުވަސްވަރު ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކަށް ސަމާލުކަން ދޭ މީހުން މަދެވެ. އެއާ ޚިލާފަށް މިދުވަސްވަރު ބޭނުންވަނީ ލުއި ކާނާގެ ބާވަތްތަކާއި ޗޮކްލެޓް ފަދަ ފޮނި ކާތަކެތީގެ ބާވަތްތަކެވެ. މި ދުވަސްވަރު ދެން އެންމެ ސަމާލުކަން ދޭންވީ ގިނައިން ފެން ބުއިމަށެވެ.

ހަށިގަނޑަށް އެތެރެވާ ފެނަށް ވުރެ ބޭރުވާ ފެން ގިނަވާން ފަށައިފި ނަމަ ހަށިގަނޑުން ފެން މަދުވެ މީހާ ވަރު ދެރަކޮށްލަ އެވެ. އޭގެ އަލާމާތް ތަކުގެ ތެރޭގައި މާބޮޑަށް ކަރުހިއްކުމާއި، ވަރުބަލިވުން އަދި ބޯ އެނބުރުމުން ހިމެނެ އެވެ. މާ ހޫނު ދުވަހެއްގައި ނުވަތަ ކަސްރަތުކުރާއިރު ފެންދަމާލާ ފަދައިން މައްސަރު ދުވަސްވަރު ވެސް ފެންމަދުވާ ގޮތް ދިމާވެ އެވެ.

ކެލިފޯނިއާގެ އޮބްޖީންއެއް ކަމަށްވާ އެމްޑީ ކެންޑްރާ ސެގުރާ ވިދާޅުވި ގޮތުގައި މިހެން ދިމާވަނީ މައްސަރު ކަންތައް ފެށިގެން އަންނައިރު ހޯމޯންގައި ހުންނަ ޕްރޮޖެސްޓްރޯން އަދި އެސްޓްރަޖެން މަދުކޮށް ހުންނާތީ އެވެ. އަދި މިހެން ވުމުން ހަށިގަނޑުތެރެއަށް ފެން ވަންނަ ގޮތްވެ މީހާ ލޮޑުވުމަށް މެދުވެރިވެ އެވެ. ފެން ވަދެގެން ދާއިރު ލޭ ހޮޅީގެ ބަދަލުގައި ވަށައިގެންވާ ޓިޝޫތަކަށް ދަނީ އެވެ. މިހެންވެ، ރަނގަޅަށް ހައިޑްރޭޓްވެ ހުރުމަށްޓަކައި އިތުރަށް ފެންބޯން ޖެހެ އެވެ. ދުވާލަކު މަދުވެގެން 8 ތަށި ފެންބުއިމުން މީހާ ލޮޑުވުން ކުޑަވުމާއެކު މަސަލްކްރޭމްޕްގެ އަސަރު ކުޑަކޮށްދެ އެވެ.

ޑރ ސެގުރާ އިތުރަށް ވިދާޅުވި ގޮތުގައި މައިގްރެއިންގެ އުދަނގޫ ތަހައްމަލްކުރާ އަންހެނުންގެ މައްސަރު ދުވަސްވަރު ފެން މަދުވިޔަ ނުދިނުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. އެއީ ފަހަރެއްގައި މައިގްރެއިންގައި ފެން މަދުވުމުގެ ސަބަބުން ވެސް ބޮލުގައި ރިއްސުމަށް ދިމާވެދާނެ އެވެ. ކެފެއިން އަކީ ފެން މަދުކޮށްލާ އެއްޗަކަށް ވާތީ މިދުވަސްވަރު ރަނގަޅީ ކެފެއިން މަދުކޮށްލުމެވެ.

އެންމެ މުހިންމު ކަމަކީ އަބަދުވެސް ރަނގަޅަށް ވިސްނައި ހަށިގަނޑުގެ އަޑު އެހުމެވެ. ކަރުހިއްކާ ނަމަ ގިނައިން ފެންބުއިމެވެ. -- ޕޮޕްޝުގާ