Roadha Mihaaru
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް

ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް

23 ޖެނުއަރީ 2023

ބްރެޒިލްގެ އަންހެނަކު އާދަޔާ ޚިލާފަށް ބޮޑު ފިރިހެން ކުއްޖަކު ވިހައިފި އެވެ.

ބްރެޒިލްގެ އަންހެނަކު އާދަޔާ ޚިލާފަށް ބޮޑު ފިރިހެން ކުއްޖަކު ވިހައިފި އެވެ.

ބްރެޒިލްގެ އެމެޒޯނަސް ސްޓޭޓްގެ ހޮސްޕިޓަލެއްގައި، މިމަހުގެ 18 ވަނަ ދުވަހު އުފަންވި އެ ފިރިހެން ކުއްޖާގެ ދިގުމިނުގައި ދެ ފޫޓު ހުއްޓެވެ. ހޮސްޕިޓަލުން ބުނި ގޮތުގައި ދަރިފުޅު އާދަޔާ ޚިލާފަށް ބޮޑުވުމުން، ވިހެއުމުގައި އުނދަގޫތަކެއް ކުރިމަތިވެ މައިމީހާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބެލެވުމުން، ބަނޑުގައި އޮތް ދަރިފުޅު ނެގީ ސިޒޭރިއަން ހަދައިގެންނެވެ.

ކުއްޖަކު ދުނިޔެ އަށް އުފަންވާ އިރު، އާންމު ގޮތެއްގައި ހުންނަ އެވްރެޖް ބަރުދަނަކީ، 2.5 ކިލޯ އާއި ހަތަރު ކިލޯއާ ދެމެދު ކަމުގައި ވިޔަސް، ބްރެޒިލްގައި އުފަންވި މި ކުއްޖާގެ ބަރުދަނުގައި 7.3 ކިލޯ ހުއްޓެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ސެލިޑިއާން ސަންޓޯސް ކިޔާ މާބަނޑު އަންހެން މީހާ މިމަހުގެ 18 ވަނަ ދުވަހު އެ ހޮސްޕިޓަލަށް އައީ، އާދައިގެ މަތިން މަހަކު އެއްފަހަރު ކުރަންޖެހޭ ޗެކް ކުރުމަށެވެ. ނަމަވެސް ޑޮކްޓަރުން ބެލި އިރު، ބަނޑުގައި އޮތް ދަރިފުޅު އާދަޔާ ޚިލާފަށް ބޮޑުކަން ފާހަގަކުރެވުނެވެ. އެހެންކަމުން، ދުވަސް ފުރެންދެން ބަނޑުގައި ދަރިފުޅު އޮވެއްޖެ ނަމަ، މައިމީހާގެ ފުރާނަ އަށާއި ދަރިފުޅުގެ ފުރާނަ އަށް ވެސް ގެއްލުން ލިބިދާނެ ކަމަށް ފެންނާތީ، ސިޒޭރިއަން ހެދުމަށް ނިންމީ އެވެ.

ޑޮކްޓަރުން ބުނި ގޮތުގައި ސިޒޭރިއަން ހަދައިގެން ނެގި ދަރިފުޅާއި މައިމީހާގެ ހާލު ވެސް ރަނގަޅެވެ. އެހެން ނަމަވެސް، ދުވަސް ނުފުރައި އުފަންވި ކުއްޖަކަށް ވާތީ، ސިއްހީ ގޮތުން ބަލަންޖެހޭ ބައެއް ކަންތައް ހުރުމާއެކު، މިވަގުތު އެ ކުއްޖާ އޮތީ ހޮސްޕިޓަލުގެ އިންކިއުބޭޓަރުގައި ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.

މިއީ އެމަޒޯނަސް ސްޓޭޓްގައި މިހާތަނަށް އުފަންވި އެންމެ ބަރު އަދި އެންމެ ބޮޑު ކުއްޖާ އެވެ. މި ކުއްޖާ ބޮޑުކަމުން، އޭނާ އަށް ބޭނުންކުރަން ޖެހެނީ އެއް އަހަރުގެ ކުދިން ބޭނުންކުރާ ސައިޒުގެ ނެޕީ ކަމަށް އާއިލާ އިން ބުނެ އެވެ.

އެ ސްޓޭޓްގައި މީގެ ކުރިން އުފަންވި އެންމެ ބަރު ކުއްޖާގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 2011 ވަނަ އަހަރު އުފަންވި، ބަރުދަނުގައި 5.8 ކިލޯ ހުރި ކުއްޖެކެވެ.

ބްރެޒިލްގައި މިހާތަނަށް އުފަންވި އެންމެ ބަރު ކުއްޖަކީ، އެ ގައުމުގެ އުތުރުގައި އޮންނަ ސެލްވަޑޯގައި އުފަންވި، ބަރުދަނުގައި އަށް ކިލޯ ހުރި ކުއްޖެކެވެ.

ޑޮކްޓަރުން ބުނި ގޮތުގައި ބްރެޒިލްގެ އެމަޒޯނަސްގައި އުފަންވި ކުއްޖާގެ ބޮޑުމިނާއި ބަރުދަން އާދަޔާ ޚިލާފަށް މަތީގައި ހުރީ، އެ ކުއްޖާގެ މަންމަގެ ގައިގައި ހުރި ހަކުރުބަލީގެ މައްސަލަތަކާ ގުޅިގެން ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ ރެކޯޑްގައި މިހާތަނަށް އުފަންވި އެންމެ ބޮޑު ކުއްޖަކީ، 1955 ވަނަ އަހަރު އިޓަލީގައި އުފަންވި، ބަރުދަނުގައި 10.6 ކިލޯ އަދި ދިގުމިނުގައި 71 ސެންޓިމީޓަރު ހުރި ކުއްޖެކެވެ. ދުނިޔޭގައި އެ ވަގުތު ހުރި އެންމެ ދިގު އަންހެން މީހާ އަށް ލިބުނު އެ ދަރިފުޅު އުފަންވިތާ އެންމެ ދެ ގަޑިއިރުގެ ތެރޭގައި ވަނީ މަރުވެފަ އެވެ.