Roadha Mihaaru
14 ފިރިހެން ދަރިންނަށް ފަހު އަންހެން ދަރިއެއް

14 ފިރިހެން ދަރިންނަށް ފަހު އަންހެން ދަރިއަކު ލިބިއްޖެ

10 ނޮވެމްބަރ 2020

އެމެރިކާގެ ދެމަފިރިއަކު އަންހެން ދަރިއަކު ލިބޭތޯ މަސައްކަތްކުރާތާ އެތައް އަހަރެއް ފަހުން، 15 ވަނަ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ދެމަފިރިއަކު އަންހެން ދަރިއަކު ލިބޭތޯ މަސައްކަތްކުރާތާ އެތައް އަހަރެއް ފަހުން، 15 ވަނަ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

މިޝިގަންގައި ދިރިއުޅޭ 45 އަހަރުގެ ކަޓޭރީ އާއި ޖޭ ޝުވަންޓަށް ލިބިފައިވާ ފިރިހެން ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅަށް މިހާރު 28 އަހަރެވެ. ހަގު ފިރިހެން ދަރިފުޅަށް ދެ އަހަރެވެ. ކެޓަރީ އާއި ޖޭ ކައިވެނިކުރީ 1993 ގަ އެވެ. ބަލިވެއިން ކޮންމެ ފަހަރަކު ވެސް ލިބެނީ ފިރިހެން ދަރިއެކެވެ.

އެ ކުދިންނަކީ ޓައިލާ، ޒެކް، ޑްރޫ، ބްރޭންޑަން، ޓޮމީ، ވިނީ، ކަލްވެން، ގެބީ، ވެޒްލީ، ޗާލީ، ލޫކް، ޓަކާ، ފްރާންސިސްކޯ އަދި ފިންލީ އެވެ.

ފިރިހެން ދަރިންގެ ޖަމާއަތަކަށް ފަހު، ކެޓަރީ އާއި ޖޭ އަންހެން ކުއްޖަކު ލިބޭތޯ ކުރި މަސައްކަތް އެންމެ ފަހުން ކާމިޔާބުވީ މިދިޔަ ހަފުތާގަ އެވެ. ދަރިފުޅުގެ ނަމަކީ މެގީ ޖޭން އެވެ.

"މިއީ ވަރަށް ބޮޑު އުފަލެއް. އެތައް ދުވަހެއް ވަންދެން ކުރި އުންމީދު އަދި ކިރިޔާ މި ހާސިލުވީ. މެގީއާ އެކު އާއިލާ އަށް ވަނީ ވަރަށް ބޮޑު އުފަލެއް ލިބިފައި،" ޖޭ ބުންޏެވެ. "މި އަހަރަކީ އެތައް ގޮތަކުން ވަރަށް ތަފާތު އަހަރެއް. އަހަރެމެންނަށް މި އަހަރު އެންމެ ތަފާތުވެފައި ހާއްސަ ވަނީ އަންހެން ދަރިއަކު ލިބުނީމަ."

އަންހެން ދަރިއަކު ލިބޭތޯ ކޮންމެ ފަހަރަކު އުންމީދުކޮށްގެން ތިއްބައި، ފިރިހެން ދަރިން ލިބޭތީ ކެޓަރީ އާއި ޖޭގެ ވާހަކަ އަކީ މީޑިއާތަކަށް ވެސް އަބަދު އަރަ އެވެ. އެ މީހުންގެ ފިރިހެން ދަރިންގެ ޖަމާއަތުގެ ވާހަކަ "14 އައުޓްޑޯމެން" ގެ ނަމުގައި އަމިއްލަ ޝޯއަކުން ވެސް ގެނެސްދީފައިވެ އެވެ.

ދެ މީހުންނަށް އެންމެ ފަހުން ލިބުނު ފިރިހެން ދަރިފުޅު އުފަންވީ 2018 ގަ އެވެ. އަންހެން ކުއްޖަކު އަބަދު އުންމީދު ކުރެވޭތީ ކެޓަރީ ބަލިވެއިން އެއްވެސް ފަހަރަކު އެ މީހުން ދަރިފުޅުގެ ޖިންސް ކުރިއަކުން ނުބަލަ އެވެ.

"ދަރިފުޅު އުފަންވަންދެން ފިރިހެން ކުއްޖެއްތޯ އަންހެން ކުއްޖެއްތޯ އެހެން ކިޔާލަ ކިޔާލައި އަހަރެމެން ތިބެނީ." ޖޭ ބުންޏެވެ.

ދޮށީ ފިރިހެން ދަރިފުޅު ޓައިލާ ވެސް ބުނީ އެ މީހުންގެ އާއިލާ އަށް އަންހެން ކުއްޖަކު އިތުރުވޭތޯ އަބަދު އަބަދު އުންމީދު ކުރެވޭ ކަމަށެވެ.

"އެންމެ ފަހުން އެކަން ވެއްޖެ. އެކަމަކު މިކަމަށް އަހަރެމެން އެޖެސްޓްވާން ވަގުތު ނަގާނެ." އޭނާ ބުންޏެވެ.

ސާދަ ފިރިހެން ދަރިންނަށް ފަހު، އެންމެ ފަހުން އަންހެން ދަރިއަކު ލިބުނު ނަމަވެސް ދެން އިތުރު ދަރިއަކު ނުހޯދާނެކަމުގެ އެއްވެސް ވާހަކައެއް ކެޓަރީ އާއި ޖޭ ނުދައްކަ އެވެ. އެ މީހުން ބުނަނީ ބޮޑު އާއިލާ އަކީ، ބޮޑު އުފާވެރި ކަމެއް ކަމަށެވެ.