Roadha Mihaaru
"ސޯފިއާ"ގެ މަގުބޫލުކަން އެމެރިކާގައި ދަށަށް ދަނީ

"ސޯފިއާ"ގެ މަގުބޫލުކަން އެމެރިކާގައި ދަށަށް ދަނީ

01 އެޕްރީލް 2021

ފާއިތުވި 10 އަހަރު އެމެރިކާގެ ވިހާފައިވާ އަންހެން ކުދިންނަށް ކިޔާ އެންމެ މަގުބޫލު ނަން ސޯފިއާ އަށް އެ މަގާމު ގެއްލި ލިސްޓްގެ ފަހަކަށް ވެއްޓިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާއިތުވި 10 އަހަރު އެމެރިކާގެ ވިހާފައިވާ އަންހެން ކުދިންނަށް ކިޔާ އެންމެ މަގުބޫލު ނަން ސޯފިއާ އަށް އެ މަގާމު ގެއްލި ލިސްޓްގެ ފަހަކަށް ވެއްޓިއްޖެ އެވެ.

ދަރިމައިވުމާ ބެހޭ މައުލޫމާތު އެއްކުރާ އޮންލައިން މީޑިއާ ކުންފުނި ބޭބީ ސެންޓަރުން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް އައި އިރު އެމެރިކާގައި އެންމެ މަގުބޫލު އަންހެން ނަމަކީ އޮލީވިއާ އެވެ. އެ ނަން މިދިޔަ އަހަރު އޮތީ އެންމެ މަގުބޫލު އަންހެން 100 ނަމުގެ ލިސްޓްގެ ދެވަނައިގަ އެވެ.

މި އަހަރުގެ އެންމެ މަގުބޫލު އަންހެން 10 ނަމަކީ އޮލީވިއާ، އެމާ، އެމީލިއާ، އަވާ، ސޯފިއާ، އީޒަބެލް، މިއާ، ޝާލޮޓް، ޖިއާނާ އަދި ލޫނާ އެވެ. ޖިއާނާ އަކީ މިދިޔަ އަހަރު އެމެރިކާގައި މަގުބޫލުކަން ހޯދަން ފެށި ނަމެކެވެ. އެ ނަމުގެ މަގުބޫލުކަން ބޮޑުވީ އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާއެއްގައި އެމެރިކާގެ މަޝްހޫރު ބާސްކެޓް ލެޖެންޑް ކޯބީ ބްރަޔަންޓާ އެކު މަރުވި އޭނާގެ އަންހެން ދަރިފުޅުގެ ނަމަށްވުމެވެ.

އެމެރިކާގައި މި އަހަރުގެ މިހާތަނަށް އެންމެ މަގުބޫލު ފިރިހެން ނަމަކީ ނޯއާ އެވެ. އެ ނަމަކީ މިދިޔަ އަހަރުގެ ގަދަ ފަހެއްގައި ވެސް ހިމެނުނު ނަމެކެވެ. މި އަހަރު މަގުބޫލު ފިރިހެން 10 ނަމުގެ ތެރޭގައި ނޯއާއާ އެކު ހިމެނެނީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް އެންމެ މަގުބޫލު ފިރިހެން ނަމުގެ ގޮތުގައި އޮތް ލިއަމް އާއި އޮލިވާ، އެލީޖާ، ލޫކަސް، މޭޒަން، ލެވީ، ބެންޖަމިން، ޖޭމްސް އަދި ލޯގަން އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އެންމެ މަގުބޫލު 10 ފިރިހެން ނަމުގެ ތެރޭގައި މުސްލިމު ނަމެއް ކަމަށްވާ މުހައްމަދު ހިމެނުނު ނަމަވެސް ފަހުން އެ ނަމުގެ މަގުބޫލުކަން ވެއްޓިފައިވެ އެވެ. މި އަހަރުގެ މަގުބޫލު 100 ފިރިހެން ނަމުގެ ލިސްޓްގައި މުހައްމަދު އޮތީ 28 ވަނައިގަ އެވެ. މިދިޔަ އަހަރު އެ ނަން އޮތީ ލިސްޓްގެ 11 ވަނައިގަ އެވެ.