Roadha Mihaaru
14 ދަރިން، ހުއްޓާލާނީ ފިރިހެން ދަރިއެއް ލިބުމުން

މިހާރު 14 ދަރިން ލިބިއްޖެ، ފިރިހެން ދަރިއަކު ނުލިބޭތީ އަދިވެސް ކުރިއަށް

06 އޮކްޓޯބަރ 2016

އޮގަސްޓީނާ ހިގުއެރާއަށް އަދި ވީ އެންމެ 29 އަހަރެވެ. އެކަމަކު މިހާރު 14 ދަރިން ވިހައިފި އެވެ. އަގުއެރާ މީގެ ދެ މަސް ކުރިން ވިހޭ އެއްމާބަނޑު ދެ ކުދިންނާ އެކު އޭނާ ވަނީ ޖެހިޖެހިގެން ތިން ފަހަރު އެއްމާބަނޑު ދެ ކުދިން ވިހައިފަ އެވެ. މިގޮތަށް އެއްމާބަނޑު ދެ ކުދިން ލިބުމުގެ ފުރުސަތު އޮންނަނީ ކޮންމެ ފަސް ލައްކަ ފަހަރަކުން އެއް ފަހަރު އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އޮގަސްޓީނާ ހިގުއެރާއަށް އަދި ވީ އެންމެ 29 އަހަރެވެ. އެކަމަކު މިހާރު 14 ދަރިން ވިހައިފި އެވެ. އަގުއެރާ މީގެ ދެ މަސް ކުރިން ވިހޭ އެއްމާބަނޑު ދެ ކުދިންނާ އެކު އޭނާ ވަނީ ޖެހިޖެހިގެން ތިން ފަހަރު އެއްމާބަނޑު ދެ ކުދިން ވިހައިފަ އެވެ. މިގޮތަށް އެއްމާބަނޑު ދެ ކުދިން ލިބުމުގެ ފުރުސަތު އޮންނަނީ ކޮންމެ ފަސް ލައްކަ ފަހަރަކުން އެއް ފަހަރު އެވެ.

ޓެކްސަސް އަށް އުފަން އޮގަސްޓީނާ އަށް ލިބިފައިވާ 14 ކުދިންނަކީ މުޅިން ވެސް އަންހެންކުދިންނެވެ. ނަމަވެސް ފިރިހެން ދަރިއަކު ނުލިބެނީސް ހުއްޓާނުލާން އޮގަސްޓީނާ އާއި އޭނާގެ ފިރިމީހާ ޖޯސް، 30، ވަނީ އަޒުމު ކަނޑައަޅާފަ އެވެ. އޮގަސްޓީނާ ބުނަނީ އެ ދެމަފިރިން ފިރިހެން ދަރިއަކު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެކަން ހާސިލުވާ ދުވަހަކުން ވާނެ އުފާ ބުނެދޭން ވެސް ނޭނގޭ ކަމަށެވެ.

ގިނަ އަންހެނުންނާ ޚިލާފަށް، ބަލިވެ އިނދެގެން ހޭދަވާ ދުވަސްތަކަކީ ވެސް އޮގަސްޓީނާ އަށް އުފާވެރި ދުވަސްތަކެކެވެ. އަދި ވިހެއުމުގައި ވެސް މިހާތަނަށް މާ ބޮޑެތި އުނދަގޫތައް އޭނާއަށް ދިމާނުވާކަމަށް ބުންޏެވެ.

އަންހެންކުދިން އެކަނި ތިއްބަސް އޮގަސްޓީނާގެ މައްސަލައެއް ނެތެވެ. ނަމަވެސް ފިރިމީހާ ފިރިހެން ދަރިއަކު ބޭނުންވާހެން ހީވާތީ އޭނާ ކޮންމެހެން ވެސް އެކަން ވޭތޯ މަސައްކަތްކުރަނީ އެވެ. އެހެންކަމުން ދަރިން ހޯދުމުގައި އަދިވެސް މަޑުޖައްސާލުމެއް ނެތެވެ. އަދި 10 އަންހެންދަރިން ލިބުނަސް އޭނާގެ މައްސަލައެއް ނެތެވެ. ފިރިހެންދަރިއަކު ލިބެންދެން މަސައްކަތް ކުރަމުން ގެންދާނެ އެވެ.

މިހާ ގިނަ ދަރިން ތިބުމުން އޮގަސްޓީނާ އަށް އުޅެން ޖެހިފައިވަނީ ވަރަށް ބުރަކޮށެވެ. އެންމެ ފަހުން ލިބުނު އެއްމާބަނޑު ދެބެއިން ލިބިގެން ގެއަށް އައިތާ 24 ގަޑިއިރު ތެރޭ އޭނާއަށް 42 ފަހަރު މެޝިން ފުރެންދެން އެއްޗެހި ދޮންނަން ޖެހުނެވެ. ދުވާލަކު އަށް ވައްތަރެއްގެ ކެއުން އޭނާއަށް ތައްޔާރުކުރަން ޖެހެ އެވެ. އަދި މިނީ ބަހެއްގައި ހުރިހާ ކުދިން ސްކޫލަށް ގެންދަން ޖެހެ އެވެ.

ރޭގަނޑު ނިދާލަން އޭނާއަށް ލިބެނީ އެންމެ ދެ ގަޑިއިރެވެ. ނަމަވެސް އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. ދިރިއުޅުމުގެ އެއްވެސް ކަމެއް ބަދަލުކުރާކަށް ވެސް ބޭނުމެއް ނޫނެވެ.

އޮގަސްޓީނާ ބުނި ގޮތުގައި 14 ދަރިން ބެލުމަކީ ވަރަށް ބުރަ ކަމެކެވެ. ނަމަވެސް އެންމެ ކުޑައިރުއްސުރެ އޭނާއަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ އަދި ބައިވަރު ދަރިން ހޯދަން ބޭނުންވެގެން އުޅުނު މީހެކެވެ. އޭނާގެ ދެ ކޮއްކޮ ކުޑައިރު ބެލީ ވެސް އޭނާ ކަމަށް އޮގަސްޓީނާ ބުންޏެވެ.

އެއްމާބަނޑު ދެބެއިން ލިބުމަކީ އޭނާއަށް އާއިލީ ގޮތުން ވާރުތަވެފައިވާ ކަމެއް ނަމަވެސް ޖައްސަޖައްސައިގެން ތިން ފަހަރު އެކަން ވެދާނެ ކަމަކަށް ހިއެއް ނުކުރެ އެވެ.

އޮގަސްޓީނާ އާއި އެންޓޯނިއޯ ކައިވެނި ކުރިއިރު އެންޓޯނިއޯގެ އުމުރުން 17 އަހަރެވެ. އޮގަސްޓީނާއަށް 15 އަހަރެވެ. މި މީހުންނަށް ލިބިފައިވާ ބައެއް ދަރިންނަކީ އަހަރު ދެކޮޅު ވިހާފައިވާ ކުދިންނެވެ.

ސާދަ ދަރިން ލިބުނަސް ސަރުކާރުގެ ވެލްފެއާ އެހީ ނުހޯދާ މިހުރިހާ ކުދިން ގެންގުޅެވޭ ވަރުގެ މާލީ ތަނަވަސްކަން މި ދެމަފިރިންގެ އެބަހުއްޓެވެ. ޖޯސް އަކީ ލޭންޑްސްކޭޕް ގާޑްނިން ވިޔަފާރިއެއް ހިންގާ މީހެކެވެ.

އޮގަސްޓީނާ ބުނި ގޮތުގައި ހަފުތާއެއްގެ ހުރިހާ ދުވަހަކު ވަރަށް ގިނަ ވަގުތު ޖޯސް އުޅެނީ ބުރަކޮށް މަސައްކަތުގަ އެވެ.

އެންމެ ފަހުން ލިބުނު ދެބެއިންގެ ފަހުން އޮގަސްޓީނާ ވަނީ ދޭތެރެ ދުރުކުރުމަށް ފަރުވާއެއް ހޯދާފަ އެވެ. ނަމަވެސް އެންމެ ހަގު ކުދިންނަށް ހަތަރު އަހަރު ފުރުމުން އަނެއްކާވެސް ފިރިހެން ދަރިއަކު ހޯދުމުގެ މަސައްކަތް ފަށާނެކަމަށް އޭނާ ބުންޏެވެ.