Roadha Mihaaru
ސެމީގެ ފުރަތަމަ ލެގުގައި ނަޕޯލީން އިންޓަ ބަލިކޮށްފި

ސެމީގެ ފުރަތަމަ ލެގުގައި ނަޕޯލީން އިންޓަ ބަލިކޮށްފި

13 ފެބުރުއަރީ 2020

މިލާން (ފެބްރުއަރީ 13) – އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުން ރޭ ނަޕޯލީ އިން އިންޓަ މިލާން 1-0 އިން ބަލިކޮށްފި އެވެ.

މިލާން (ފެބްރުއަރީ 13) – އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުން ރޭ ނަޕޯލީ އިން އިންޓަ މިލާން 1-0 އިން ބަލިކޮށްފި އެވެ.

މާނައަކީ ނޭޕްލްސްގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު ކޮންމެ ނަތީޖާއަކުން އެއްވަރުކޮށްލައިގެން ވެސް ނަޕޯލީ އަށް ފައިނަލުން ފުރުސަތު އޮތުމެވެ. މި މެޗުގެ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެރެ އެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލް 57 ވަނަ މިނެޓުގައި ޖެހީ ފަބިއަން ރުއިޒެވެ. މި ނަތީޖާ އަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބޭނެ ނަތީޖާއެކެވެ. އިންޓަ އޮތީ މީގެ ހަތަރު ދުވަސް ކުރިން ވާދަވެރި އޭސީ މިލާން 4-2 އިން ބަލިކޮށް އިޓާލިއަން ލީގުގެ އެއް ވަނައިގަ އެވެ. އަނެއްކޮޅުން ނަޕޯލީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ލެއްޗޭ އަތުން 3-2 އިން ބަލިވެ ތާވަލުގެ 11 ވަނައިގަ އެވެ.

އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މިލާން ޑާބީ މެޗުން ޓީމުގެ ހަކަތަ ވަރަށް ބޮޑަށް ހުސްކޮށްލި ކަމަށެވެ. އަނެއްކޮޅުން ނަޕޯލީ އަކީ ލާޒިއޯ އާއި ޔުވެންޓަސް އަދި ލިވަޕޫލް ބަލިކޮށްފައިވާ ޓީމެއް ކަމަށާއި ތާވަލުގައި ކޮންމެ މަގާމެއްގައި އޮތަސް އެއީ ވަރުގަދަ ޓީމެއް ކަމަށް ކޮންޓޭ ބުންޏެވެ.

ލީގުގެ ގަދަ ހަޔަކަށް ވަދެ ޔޫރަޕުގެ މުބާރާތަކުން ޖާގަ ހޯދުމުގެ ފުރުސަތު ނަޕޯލީ އަށް ހަނިވެފައިވާތީ އެ ފުރުސަތު ލިބެން އޮތް އެންމެ ފަސޭހަ މަގަކީ އިޓާލިއަން ކަޕް ކާމިޔާބުކުރުމެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ޔުރޮޕާ ލީގުން ފުރުސަތު ލިބޭނެ އެވެ.

އިޓާލިއަން ކަޕުގެ ދެ ވަނަ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އޭސީ މިލާނުން މިރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ވާދަކުރާނެ އެވެ. މިއީ ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މިލާނުގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗުގެ ކުރިމަތިލުމަކަށް ވާނެ އެވެ. މި މެޗުގެ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެރެ އެވެ.