Roadha Mihaaru
ނަޕޯލީ ފައިނަލަށް އެކަމަކު ގަޓޫސޯ އެހާ އުފަލެއް ނުވޭ

ނަޕޯލީ ފައިނަލަށް އެކަމަކު ގަޓޫސޯ އެހާ އުފަލެއް ނުވޭ

14 ޖޫން 2020

ރޯމް (ޖޫން 14) - އިންޓަ މިލާނާ ރޭ 1-1 އިން އެއްވަރުކޮށް ނަޕޯލީ އަށް އިޓާލިއަން ކަޕުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްދެވުނު ނަމަވެސް މި ވަގުތު ކޮވިޑް-19ގެ ހާލަތު އޮތް ގޮތުން އޭނާ އަށް އެހާ ބޮޑަށް އުފާފާޅުކުރެވެން ނެތް ކަމަށް ނަޕޯލީގެ ކޯޗު ޖެނާރޫ ގަޓޫސޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރޯމް (ޖޫން 14) - އިންޓަ މިލާނާ ރޭ 1-1 އިން އެއްވަރުކޮށް ނަޕޯލީ އަށް އިޓާލިއަން ކަޕުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްދެވުނު ނަމަވެސް މި ވަގުތު ކޮވިޑް-19ގެ ހާލަތު އޮތް ގޮތުން އޭނާ އަށް އެހާ ބޮޑަށް އުފާފާޅުކުރެވެން ނެތް ކަމަށް ނަޕޯލީގެ ކޯޗު ޖެނާރޫ ގަޓޫސޯ ބުނެފި އެވެ.

ފުރަތަމަ ލެގުގައި 1-0 އިން އިންޓަ ދަނޑުގައި ނަޕޯލީ މޮޅުވެފައިވާތީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ނުކުތްއިރު ވެސް ނަޕޯލީ އަށް އިތުބާރު ބޮޑެވެ. އެކަމަކު މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ކޯނަރަކުން ކްރިސްޓިއަން އެރިކްސަން ވައްދާލި ގޯލުން ނަޕޯލީ ހާސްވި އެވެ. ނަޕޯލީ އަށް އެއްވަރުކޮށްދިނީ 41 ވަނަ މިނިޓްގައި ޑްރީސް މާޓެންސް އެވެ. މެޗު 1-1 އިން އެއްވަރުވެގެން ނިމުމުން ނަޕޯލީ ފައިނަލަށް ދިޔައީ 2-1 ގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ.

އިޓާލިއަން ކަޕް ފައިނަލް އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ އެވެ. ފައިނަލުގައި ނަޕޯލީ ނުކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ. އެ ޓީމު ފުރުސަތު ހޯދީ އޭސީ މިލާނުގެ މައްޗަށް ދެ ލެގުން ކުރި ހޯދައިގެންނެވެ.

މެޗަށް ފަހު ގަޓޫސޯ ބުނީ މި ވަގުތަކީ ފުޓްބޯޅަ އެނބުރި އައި ކަމުގައި ވިޔަސް ނަފްސާނީ ގޮތުން މި ކަމަށް އެއްކޮށް ތައްޔާރުވެ ހުންނަން އުނދަގޫ ވަގުތެއް ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން އިޓަލީން ގިނަ އަދަދެއްގެ ބަަޔަކު މަރުވި އެވެ. އަދި ދާދި ފަހުން ގަޓޫސޯގެ އަންހެން ކޮއްކޮ ވަނީ މަރުވެފަ އެވެ. އުމުރުން 37 އަހަރުގައި ގަޓޫސޯގެ ކޮއްކޮ މަރުވީ މަދުން ނޫނީ ނުފެންނަ ބައްޔަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަތާ ހަތަރު މަސްވީ ފަހުންނެވެ.

ނަޕޯލީގެ ކުލިބާލީ (ވ) އިންޓަގެ ލުކާކޫ ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

ނަޕޯލީގެ ކުލިބާލީ (ވ) އިންޓަގެ ލުކާކޫ ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

"ވަރަށް ގިނަ މީހުން މަރުވެއްޖެ. ދުނިޔެ މި އޮތީ ބަދަލުވެފައި. މާސްކް އަޅައިގެން މި ގޮތަށް ސަޕޯޓަރުން ނުވައްދައި މެޗު ކުޅުނަސް ކުރަން ޖެހިފައި މި ވަނީ އާދަޔާ ހިލާފު އިހުސާސެއް. މީގައި އެންމެ ބޮޑު ހިތާމަ އަކީ އެތައް ބަޔަކު މީގައި (ކޮވިޑް-19)ގައި މަރުވެގެން ދިއުން. އެހެންވެ މި ވަގުތު މާ ބޮޑު ހިތްހަމަޖެހުމެއް އެއްވެސް ކަމެއްގައި ނެތް،" އިޓަލީގައި ކޮވިޑް-19 ޖެހިގެން މަރުވި 34،000 މީހުންނަށް އިޝާރާތްކޮށް ގަޓޫސޯ ބުންޏެވެ.

ދިގު މުއްދަތެއް ވަންދެން ނުކުޅެ ހުރެފައި އެނބުރި އައިސް ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށް ގަޓޫސޯ ބުންޏެވެ. މި ސީޒަނުގެ ނިޔަަލަށް ނަޕޯލީގެ ކޮންޓްރެކްޓްގައި ހުރި ގަޓޫސޯ ބުނީ އެއްބަސްވުން އާ ކުރުމަކީ މި ވަގުުތު އޭނާގެ ސިކުނޑީގައި އޮތް ކަމެއް ނޫން ކަމަށާއި އޭނާ ގަބޫލުކުރާގޮތުގައި ރަނގަޅު މަސައްކަތެއް ކުރުމުގައި ދެމިހުރެވޭނަމަ ކްލަބުން އޭނާ ބަލައިގަންނާނެ ކަމަށް ގަޓޫސޯ ބުންނެވެ. މިލާނުގެ ކުރީގެ ކުޅުންތެރިޔާ ގަޓޫސޯ މިދިޔަ ސީޒަނުގައި ފެނުނީ މިލާނުގެ ކޯޗެއްގެ ގޮތުގަ އެވެ. ގަޓޫސޯ އަށް ނަޕޯލީން ފުރުސަތު ލިބުނީ އެ ޓީމުގެ ކޯޗުކަމުން، ކާލޯ އަންޗެލޮޓީ ވަކިކުރުމުންނެވެ. އަންޗެލޮޓީ އަކީ ކުރިން މިލާނުގައި ގަޓޫސޯގެ ކޯޗެވެ.

ގަޓޫސޯ ބުނީ އެތައް މުބާރާތެއްގެ ޗެމްޕިއަންކަން ފާއިތުވި އަހަރުތަކުގައި ހޯދާފައިވާތީ ޔުވެންޓަސް އަށް އެޑްވާންޓޭޖް އެބައޮތް ކަމަށާއި އެކަމަކު މެޗު ނުކުޅެނީސް އެއްވެސް ކަމެއް ޔަގީންނުވާނެ ކަމަށެވެ.