Roadha Mihaaru
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް

ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް

27 އެޕްރީލް 2023

އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ޔުވެންޓަސް 1-0 އިން ބަލިކޮށް ޗެމްޕިއަން އިންޓަ މިލާނުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ޔުވެންޓަސް 1-0 އިން ބަލިކޮށް ޗެމްޕިއަން އިންޓަ މިލާނުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ހޯދައިފި އެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައިވާތީ، އިންޓަ އަށް ދެ ލެގުން ކުރި ލިބުނީ 2-1 އިންނެވެ.

އަންނަ މަހުގެ 24 ވަނަ ދުވަހުގެރޭ ރޯމްގައި ކުޅޭ ފައިނަލުގައި އިންޓަ ބައްދަލުކުރާނީ ފިއޮރެންޓީނާ ނުވަތަ ކްރެމޮނީސޭއާ އެވެ.

އެ ދެ ޓީމު ކުޅުނު ފުރަތަމަ ލެގު ފިއޮރެންޓީނާ ވަނީ 2-0 އިން ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ލެގު މިރޭ އޮންނާނެ އެވެ.

ރޭގެ މެޗުގެ ހަމައެކަނި ލަނޑު އިންޓަ އަށް ކާމިޔާބުކޮށްދިނީ 15 ވަނަ މިނެޓުގައި ފެޑެރިކޯ ޑިމާކޯ އެވެ. އިންޓަގެ ޑިފެންސް ލައިނުގައި ކުޅޭ ޑިމާކޯ އަންނަނީ މި ސީޒަނުގައި މޮޅަށް ކުޅެ، މުހިއްމު ގޯލުތަކެއް ވެސް ޖަހައިދެމުންނެވެ.

ޔުވެންޓަސް 4-2 އިން ބަލިކޮށް މިދިޔަ ސީޒަނުގެ މުބާރާތް ކާމިޔާބުކުރި އިންޓަ އަށް މި ވަނީ މި ސީޒަނުގައި ޖުމްލަ ތިން ތަށި ހޯދުމުގެ ފުރުސަތު ފަހިވެފަ އެވެ. އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައިވާއިރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވަނީ ހޮވިފަ އެވެ. އެ މުބާރާތުގައި ވާދަކުރާނީ އޭސީ މިލާނާ އެވެ.

އިންޓަގެ ކޯޗު ސިމޯނީ އިންޒާގީ ބުނީ ދެ ލެގަށް ބަލާއިރު ފައިނަލުގެ ޖާގަ ހައްގީ ވެސް އޭނާގެ ޓީމަށް ކަމަށެވެ.

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ ކަޕުން ކަޓައި އިޓާލިއަން ލީގުގައި ވެސް ނަތީޖާ ދަށްވެފައިވާތީ މިއީ ކުޅުންތެރިން އާ ހިތްވަރަކާ އެކު ނުކުންނަންވީ ވަގުތު ކަމަށެވެ.

ފައިސާ މެނޭޖްކުރުމުގައި މަކަރު ހެދިކަން ސާބިތުވެ ޔުވެންޓަސް އަތުން އަތުލި 15 ޕޮއިންޓް އަނބުރާ ދީފައިވާތީ އެ ޓީމު މިވަގުތު އޮތީ ލީގުގެ ގަދަ ހަތަރެެއްގަ އެވެ. އެކަމަކު ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެފައިވާތީ، ޔުވެންޓަސް އަށް އެ މަގާމު ޔަގީންކުރެވެން އޮތީ ލީގުގައި ވެސް ނަތީޖާ ރަނގަޅުކޮށްގެންނެވެ.