Roadha Mihaaru
ފުރަތަމަ ލެގުގައި ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދީފި

ފުރަތަމަ ލެގުގައި ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދީފި

03 ފެބުރުއަރީ 2021

މިލާން (ފެބްރުއަރީ 3) - އިޓާލިއަން ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު އެ ޓީމުން 2-1 އިން އިންޓަ މިލާން ބަލިކޮށްފި އެވެ.

މިލާން (ފެބްރުއަރީ 3) - އިޓާލިއަން ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު އެ ޓީމުން 2-1 އިން އިންޓަ މިލާން ބަލިކޮށްފި އެވެ.

އިޓާލިއަން ކަޕް 13 ފަހަރު ކާމިޔާބުކޮށްފައިވާ ޔުވެންޓަސް އިން ފައިނަލުގެ ޖާގައެއް ހޯދަން އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ފަރުޖައްސައިލެވޭނެ އެވެ. އަނެއް ސެމީގައި ކުޅެނީ ނަޕޯލީ އާއި އެޓަލަންޓާ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި އިންޓަގެ އާޖެންޓީނާ ފޯވާޑް ލަޓާރޯ މާޓިނޭޒް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މާޓީނޭޒް ފޮނުވާލި ބޯޅަ ހުއްޓުވަން ޔުވެންޓަސްގެ ގޯލުގައި ހުރި ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ޔުވެންޓަސް އިން އެއްވަރުކުރީ މެޗުގެ 26 ވަނަ މިނިޓްގައި ރޮނާލްޑޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ އަށް އޭރިއާތެރެއިން އިންޓަގެ އެޝްލީ ޔަންގް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ 10 މިނިޓް ފަހުން އިންޓަގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ކުރި ހޯދައިދީފަ އެވެ.

ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ ފުރަތަމަ ލެގުން މޮޅުވެގެން ފައިނަލުގެ ޖާގައެއް ލިބިއްޖެ ކަމަށް ގަބޫލުކުރުމަކީ ހެދޭނެ ގޯހެއް ކަމަށެވެ.

"އަހަރެމެން ވިސްނާލަން ޖެހޭ އިދިކޮޅުގައި އޮތް ޓީމުން ދެ ވަނަ ލެގަށް ތައްޔާރުވާނެ މިންވަރު. ތެދެއް ތިއީ. އެއް ލެގުން މޮޅުވުމަކީ ކޮންފިޑެންސަށް ރަނގަޅެއް،" ކުރިން ޔުވެންޓަސްއާ އެކު މި މުބާރާތް ކާމިޔާބުކުރި މިޑްފީލްޑަރު ބުންޏެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ބަދަލު ކުރުމުން އޭނާ ހުރީ ހިތްހަމަނުޖެހިފަ އެވެ. ޕިރްލޯ ބުނީ ކުރިއަށް މުހިއްމު މެޗުތަކެއް ހުރުމުން ރޮނާލްޑޯ އަނިޔާނުވެ ވީހާ ވެސް ގިނަ މެޗުތަކެއްގައި ކުޅުވަން ބޭނުންވާ ކަމަށާއި އޭނާ ބަދަލުކުރީ އެެހެންވުމުން ކަމަށެވެ.